ރިޔާސީ އިންތިހާބުގައި ވޯޓުލައި ނިމުމުން ބާކީވާ ހުރިހާ ވޯޓު ކަރުދާހެއް ޕަންޗުކުރަން ނުވަތަ ލޯވަޅެއް އެޅުމަށް އިލެކްޝަންސް ކޮމިޝަން (އީސީ)ން ނިންނައިފިއެވެ.

މިގޮތަށް އިލެކްޝަން ކޮމިޝަނުން ނިންމާފައި ވަނީ ވޯޓުލާ ނިމުމުން ބާކީވާ ވޯޓު ކަރުދާހާމެދު އަމަލުކުރާނެ ގޮތަކާއި ގުޅޭގޮތުން ހުރިހާ ސިޔާސީ ޕާޓިތަކާއި މަޝްވަރާ ކުރެއްވުމަށް ފަހު، އެކޮމިޝަންގެ ބައްދަލުވުމުގައެވެ.

ރިޔާސީ އިންތިހާބުގެ ގައުމީ ލަފާދޭ ކޮމިޓީގެ ބައްދަލުވުމުގައި އިދިކޮޅު ޕީޕީއެމް/ޕީއެންސީ ކޯލިޝަންގެ ފަރާތުން އެދުނީ އިންތިހާބުގެ ވޯޓުލާ ނިމުމުން، ބާކީވާ ވޯޓު ކަރުދާސްތައް ވަގުތުން ނައްތާލުމަށެވެ. ނަމަވެސް އެއީ ގާނޫނު ތަންދޭ ކަމަކަށް ނުވުމުން އިލެކްޝަން ކޮމިޝަނުން ހުށަހެޅީ، ވޯޓުލާ ނިމުމުން ބާކީވާ ވޯޓުކަރުދާހުގައި ޕަންޗަރުން ލޯވަޅެއް އެޅުން ނުވަތަ ބާކީވާ ވޯޓު ކަރުދާސް ކަނުން ކަފާލުމަށެވެ.

ގައުމީ ލަފާދޭ ކޮމިޓީގައި ހުށަހެޅި އެ ހިޔާލަށް ރިއާޔަތްކޮށް އެންމެ ފަހުން އިލެކްޝަންސް ކޮމިޝަންގެ މެންބަރުން ބޭއްވި ބައްދަލުވުމުގައި ވަނީ އިންތިހާބުގެ ވޯޓުލާ ނިމުމުން، ބާކީ ހުންނަ ވޯޓުކަރުދާސްތައް ސެކިއުރިޓީ އުރައިގައި ބަންދު ކުރުމުގެ ކުރިން، އެ ކަރުދާސްތަކަކީ "އިންވެލިޑް" ވޯޓުކަރުދާސް ކަމުގައި ކަނޑައެޅުމުގެ ބޭނުމަށް ކެންޑިޑޭޓުންގެ ނަންބަރު ޖަހާފައިހުންނަ ފަރާތުން، ވޯޓު ކަރުދާސްތައް ޕަންޗު ކުރުމަށެވެ.

އެގޮތުން އިލެކްޝަންސް ކޮމިޝަންގެ ނައިބު ރައީސް އިސްމާއީލް ހަބީބް ވިދާޅުވީ މި ބަދަލާއެކު އިންތިހާބީ ނިޒާމްގެ އިތުބާރު ބޮޑުވެގެންދާނެ ކަމަށެވެ.

ގާނޫނު ބުނާގޮތުން ވޯޓު ކަރުދާސްތައް ނައްތާލެވޭނީ ވޯޓުލާ ނިމި އިންތިހާބުގެ ރަސްމީ ނަތީޖާ އިއުލާން ކުރުމަށްފަހު އަދި ކޯޓުތަކުގައި އިންތިހާބާއި ގުޅިގެން ހިންގާ މައްސަލަތައް ނިމުމުން އޭގެ 14 ދުވަސް ފަހުންނެވެ. މިއަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިހާބު އޮންނާނީ ސެޕްޓެމްބަރު މަހުގެ 9 ވަނަ ދުވަހުއެވެ.