ފުލުހުން ހިންގި މަސްތުވާތަކެތީގެ ދެ އޮޕަރޭޝަންގައި ދެ މީހަކު ހައްޔަރު ކޮށްފިއެވެ.
ފުލުހުން އެ ދެ މީހުން ހައްޔަރުކޮށްފައި ވަނީ މަސްތުވާތަކެތި ގެންގުޅެ އަދި އެ ތަކެތީގެ ވިޔަފާރިކުރާ ކަމަށް ފުލުހުންނަށް ލިބުނު މައުލޫމާތަކާ ގުޅިގެން ލ. މާވަށާއި ތ. ވިލުފުށީގައި ހިންގި އޮޕަރޭޝަންތަކުގައެވެ.
ފުލުހުން ބުނީ ލ. މާވަށު ޕޮލިސް ސްޓޭޝަނުން ރޭ ހިންގި އެ އޮޕަރޭޝަނުގައި 21 އަހަރުގެ މީހަކު، ގެއެއްގެ ތެރެއިން ހައްޔަރުކޮށް ބަލައިފާސްކޮށްފަވާ ކަމަށެވެ. އަދި ފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއް އަޅާފައި ހުރި 18 ރަބަރު ޕެކެޓު އޭނާ އަތުން ފެނިފައިވާ ކަމަށެވެ.
އޭގެ އިތުރުން ތ. ވިލިފުށީ ޕޮލިސް ސްޓޭޝަނާއި އިންޓެލިޖެންސްއާ ގުޅިގެން މި މަހު 5 ވަނަ ދުވަހު ހިންގި އޮޕަރޭޝަނުގައި 28 އަހަރުގެ މީހަކު ހައްޔަރު ކޮށްފައިވާ ކަަމަށާއި ކޯޓު އަމުރެއްގެ ދަށުން އޭނާ އުޅޭ ކޮޓަރި ބަލާ ފާސް ކުރިއިރު މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ސެލޯފިންކޮޅެއް ފެނިފައިވާ ކަމަށް ފުލުހުން ބުންޏެވެ.
އަދި އެ މައްސަލައާ ގުޅިގެން އޭނާގެ ބަންދަށް 15 ދުވަސް ވިލުފުށީ މެޖިސްޓްރޭޓް ކޯޓުން ޖަހާދީފައި ވެއެވެ. އަދި މި ދެ މައްސަލަވެސް ފުލުހުން އިތުރަށް ތަހުގީގު ކުރަމުންދާ ކަމަށް ވަނީ ބުނެފައެވެ.