މޯލްޑިވްސް ޕޯޓް ލިމިޓެޑް (އެމްޕީއެލް) އިން ހިންގާ އިންޓާންޝިޕް ޕްރޮގްރާމް ފަށައިފިއެވެ.

އިންޓާންޝިޕް ޕްރޮގްރާމަކީ ސާނަވީ އަދި މަތީ ސާނަވީ ތައުލީމް ހާސިލްކުރަމުންދާ ދަރިވަރުންނަށް މަސައްކަތުގެ މާހައުލުގެ އަމަލީ ހުނަރުތައް ދަސްކޮށްދ،ީ ތަޖުރިބާ ހޯދައިދިނުމުގެ ގޮތުން ހިންގަމުންދާ ޕްރޮގްރާމެކެވެ. އެމްޕީއެލްއިން ބުނީ މިއަހަރުގެ އިންޓާންޝިޕް ޕްރޮގްރާމަށް ބޮޑު ތަރުހީބެއް ލިބުމާއެކު އިންޓާންޝިޕް އަށް ކަނޑައަޅާފައިވާ ޖާގަތައްވެސް އިތުރުކޮށްފައިވާ ކަމަށެވެ.

މި ޕްރޮގްރާމް ހިންގަން ހަމަޖެހިފައިވަނީ 25 ޖޫން އިން 3 އޯގަސްޓް 2023ގެ ނިޔަލަށެވެ. އިންޓާންޝިޕް ޕްރޮގްރާމުގައި ބައިވެރިވުމަށް 18 ދަރިވަރުން ހޮވާފައިވާއިރު އެ ދަރިވަރުން ތަމްރީން ހޯދުމަށް ކަނޑައަޅާފައިވާ ދާއިރާ ތަކަކީ:

  • އިލެކްޓްރިއަލް އިންޖިނިއަރިންގް
  • މެކޭނިކަލް އިންޖިނިއަރިންގް
  • މެރިން އިންޖިނިއަރިންގް
  • ސިވިލް އިންޖިނިއަރިންގް (އޮޓޯކެޑް ޑްރޯވިންގް)
  • ސިވިލް އިންޖިނިއަރިންގް (އޮޓޯ ލެވަލް ބޭނުންކޮށް ގެން ސާވޭ ކުރުން)
  • އައިޓ:ީ ވެބް ޑިވެލޮޕްމަންޓް
  • ބިޒްނަސް ޑިވެލޮޕްމަންޓް އެންޑް މާކެޓިންގް (ކޮޕީ ރައިޓާ)ގެ ދާއިރާ ހިމެނެއެވެ.

މި ޕްރޮގްރާމުގައި ބައިވެރިވާ ދަރިވަރުން މަސައްކަތުގެ އަމަލީ ތަޖުރިބާ ހޯދާއިރު ކޮންމެ ދަރިވަރަކަށް މެންޓާއެއް ހަމަޖައްސާނެ ކަމަށާއި މަސައްކަތުގެ މާހައުލާ ގުޅުންހުރި މަސައްކަތުގެ ހުނަރުތައްވެސް ދަސްކޮށްދޭނެ ކަމަށް އެމްޕީއެލްއިން ވަނީ ބުނެފައެވެ. އެމްޕީއެލް އިން ބުނި ގޮތުގައި މި ޕްރޮގްރާމްގެ ބޭނުމަކީ އެމްޕީއެލްގައި ހުރި ވަޒީފާގެ ދާއިރާތަކަށް ދަރިވަރުން އަހުލުވެރިކޮށ،ް މެރިޓައިމްއާ ގުޅުންހުރިދާއިރާތަކަށް ދަރިވަރުން ޝައުގުވެރިކުރުން ކަމުގައިވެއެވެ.

އެންމެ ފަހުން މިފަދަ ޕްރޮގްރާމެއް އެމްޕީއެލް އިން ކުރިއަށް ގެންގޮސްފައި ވަނީ މިއަހަރުގެ ކުރީކޮޅުއެވެ. އެފަހަރުވެސް އިންޓާންޝިޕްގެ 10 ބައިވެރިންނަށް ޕްރޮގްރާމް ނިންމިކަމުގެ ސެޓްފިކެޓް ހަވާލުކޮށްފައިވެއެވެ.