ރައްޔިތުން މަޖިލީހުގެ ދައުރުން ބޭރުގައި ބާއްވާ ދެވަނަ ޖަލްސާ މި ފެށޭ ހަފްތާގެ ހޯމަ ދުވަހަށް ތާވަލް ކޮށްފިއެވެ.
މަޖިލީހުގެ ދާއިމީ ކޮމިޓީތަކުގެ އެކުލެވުމަށް ގެންނަން ޖެހޭ ބަދަލުތަކުގެ މައްސަލަ ނިންމުމަށް ތާވަލުކުރި މި ޖަލްސާއަށް އެޖެންޑާ ކޮށްފައި ވަނީ މަޖިލީހުގެ ދާއިމީ ކޮމިޓީތަކުގައި ސިޔާސީ ޕާޓީތަކުގެ މެމްބަރުންނާއި ޕާޓީއަކަށް ނިސްބަތްވެ ވަޑައިނުގަންނަވާ މެންބަރުން ތަމްސީލު ކުރައްވާނެ ގޮތް ނިންމުމުގެ މައްސަލައެވެ.
ދައުރުން ބޭރުން ޖަލްސާތައް ބޭއްވުމަށް އެދި ވެރިކަން ކުރާ މައި ޕާޓީ އެމްޑީޕީގެ މެންބަރުންގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ސިޓީ ހުށަހަޅާފައިވަނީ ޖޫން 22 ގައެވެ. އެ ސިޓީގައި މަޖިލީހުގެ ދައުރު ނިންމާލިއިރު މަޖިލީހުގައި މުހިންމު މަސައްކަތްތަކެއް ނުކުރެވި ހުރިކަމަަށާއި، އަދި މަޖިލީހުގެ ކޮމިޓީތައް ހިންގުން ހުއްޓިފައި އޮތުމުން އެ މަސައްކަތްތައް ކުރިއަށް ގެންގޮސްދިނުމަށް އެދިފައިވެއެވެ.
އެގޮތުން ދައުރުން ބޭރުން ބޭއްވި ފުރަތަމަ ޖަލްސާ ބާއްވާފައިވަނީ މިދިޔަ ހޯމަ ދުވަހުއެވެ. ނަމަވެސް އެ ޖަލްސާ ފެއްޓެވުމަށްފަހު 5 މިނެޓު ނުވަނީސް ޖަލްސާ ވަނީ ނިންމާލާފައެވެ. އެ ޖަލްސާގެ ރިޔާސަތު ބެލެހެއްޓެވީ ވިލުފުށި ދާއިރާގެ މެންބަރު ހަސަން އަފީފެވެ.
އެ ދުވަހުގެ ޖަލްސާ ނިންމަވާލެއްވީ ޖަލްސާ ކުރިއަށް ގެންދެވޭނީ މިހާރު ޕާޓީތަކުގެ މެމްބަރުންނަށް އައިސްފައިވާ ބަދަލުތަކާއެކު ރިޕޯޓު އަލުން މެންބަރުންނަށް ފޯރުކޮށްދީ، އެއަށް މެންބަރުން ހުށައަޅުއްވަން ޖެހޭ އިސްލާހުތަށް ހުށަހެޅުއްވުމުން ކަމަށް ވިދާޅުވެއެވެ. އެއަށްފަހު އެމްޑީޕީގެ ބައެއް މެންބަރުން ނިޒާމީ ނުކުތާ އަށް ގޮވަމުން ދިޔަ ނަމަވެސް އަފީފް ވަނީ މަޖިލީހުގެ ޖަލްސާ ނިންމާލައްވާފައެވެ.
އެކަމާ ގުޅިގެން ވެރިކަން ކުރާ މައި ޕާޓީ އެމްޑީޕީން ވަނީ މަޖިލީހުގެ ދައުރުން ބޭރުގައި ބާއްވާ ޖަލްސާތަކުގެ އެޖެންޑާގައި ހިމަނާނެ ކަންކަން ދުރާލައި ލިޔުމުން އަންގައިދެއްވުމަށް މަޖިލީހުގެ އަމީން އާއްމު ފާތިމަތު ނިއުޝާގެ ކިބައިން އެދިވަޑައިގެންފައެވެ.
މަޖިލީހުގެ ގަވާއިދު ބުނާ ގޮތުން، ދައުރުން ބޭރުން ޖަލްސާ އެއް ބޭއްވުމަށް އެދި މަޖިލިސް މެންބަރުންގެ ތިންބައިކުޅަ އެއްބައި މެންބަރުން ސޮއިކޮށް މަޖިލީހުގެ އިދާރާ އަށް ހުށަހަޅައިފި ނަމަ، ބަންދު ދުވަސްތައް ހިމަނައިގެން 14 ދުވަހުގެ ތެރޭ އެ ޖަލްސާ އެއް ބޭއްވޭނެ ގޮތް މަޖިލީހުގެ ރައީސް ހަމަޖައްސައިދެއްވަން ވާނެ ކަމަށެވެ.