އިލެކްޝަންސް ކޮމިޝަން (އީސީ) އިން މަސައްކަތް ކުރަމުން ދަނީ ސިޔާސީ ވަކި މަގުސަދެއް ހާސިލް ކުރުމަށް ކަމަށް މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރްއެމް) އިން ބުނެފިއެވެ.
އެމްއާރްއެމްއިން މިފަދައިން ބުނެފައި އެ ޕާޓީގައި 3،000 މެންބަރުން ހަމަނުވާކަމަށް އީސީއިން ބުނުމާ ގުޅިގެންނެވެ. އެގޮތުން އީސީއިން ސައްހަނޫން މައުލޫމާތު ރައްޔިތުންނަށް ދެމުން ގެންދާ ކަމަށާއި އެފަދައިން އީސީއިން އަމަލުކުރަމުން ދަނީ ސިޔާސީ ޕާޓީތަކުގެ ގާނޫނާ ހިލާފަށް ކަމަށް އެ ޕާޓީއިން ބުނެއެވެ.
އެމްއާރްއެމްގެ މެންބަރުންގެ އަދަދާއި ގުޅޭގޮތުން އިލެކްޝަންސް ކޮމިޝަނުން ހާމަކުރަމުން ދަނީ ރަނގަޅު މައުލޫމާތުތަކެއް ނޫންކަން ފާހަގަކޮށް އެމްއާރްއެމްއިން ބުނީ ސިޔާސީ ޕާޓީތަކުގެ މެންބަރުންގެ އަދަދު ކަމަށް ބުނެ އިއުލާން ކޮށްފައި ވަނީ އެ ޕާޓީގެ ޖުމްލަ އަދަދު އޮޅުވާލައިގެން ކަމަށެވެ. އަދި އެ ޕާޓީއިން މެއި މަހުގައި ހުށަހެޅި 140 ފޯމް ޕްރޮސެސް ކުރުމަކާ ނުލައި ކަމަށާއި އެކަން އެހެން ކުރުން ހަރުކަށި އިބާރާތުން ކުށްވެރި ކުރާ ކަމަށް ވެސް ބުނެއެވެ.
އެމްއާރްއެމްއިން ހުށަހަޅާ މެންބާޝިޕް ފޯމްތައް ޕްރޮސެސް ނުކޮށް ދެ މަހެއްހާ ދުވަސް ވެފައިވާ ކަމަށާއި އެ މުއްދަތުގައި ޕާޓީއިން ވަކިވުމަށް އެދޭ މެންބަރުން ޕާޓީގެ ދަފްތަރުން އުނިކުރުން ހަލުވިކަމާއެކު އިސީއިން ކުރިއަށް ގެންދާ ގެންދިޔުމުން އެ ކޮމިޝަނުން އަމަލު ކުރަނީ ވަކި އެޖެންޑާއެއް އޮވެގެންކަން ހާމަވާކަމަށް އެމްއާރްއެމްއިން ވަނީ ބުނެފައެވެ. އަދި އެމްއާރްއެމް އިން ވަކިވުމަށް އެދިގެން ޕާޓީއިން ވަކިވެފައިވާކަމަށް އީސީއިން ބުނާ މެންބަރުންގެ ތެރެއިން ގިނަ އަދަދެއްގެ މެންބަރުން ޕާޓީއިން ވަކިވުމަށް ހުށަނާޅާކަމަށް އީސީއަށް ސިޓީ ފޮނުވާފައިވީނަމަވެސް އެ ފަރާތްތައް ދަފްތަރަށް އަލުން ހިމެނުމެއްނެތި އީސީއިން އަމަލުކުރަނީ ސިޔާސީ ވަކި މަގްސަދެއް ހާސިލް ކުރުމަށް ކަމުގައި ދެކޭ ކަމަށް ވެސް އެ ޕާޓީއިން ބުނެއެވެ.
ސިޔާސީ ޕާޓީތަކަށް މެންބަރުން ހޯދުމުގައި އެއްވެސް ނުފޫޒެއް އަދި މަންފާއެއް ލިބޭގޮތަށް މެންބަރުން ޕާޓީތަކާއި ގުޅުމަކީ އެމްއާރްއެމްއިން ގަބޫލުކުރާކަމެއް ނޫން ކަމަށާއި މެންބަރުން އިތުރުކުރުމަށް އެ ޕާޓީއިން ކުރިންވެސް އަދި ކުރިއަށްއޮތް ތާނގައި ވެސް އެފަދަ ގޮތަކަށް އަމަލު ނުކުރާނެކަމުގެ ޔަގީންކަން އެމްއާރްއެމްއިން ވަނީ ދީފައެވެ. އަދި ސިޔާސީ ޕާޓީތަކުން އާންމު ރައްޔިތުންގެ ހައްގުތަށް ގެއްލިގެންދާގޮތަށް އަމަލު ކުރެވެނީ، އެ ޕާޓީތަކުން ފޯމު ހޯދުމުގެ ބޭނުމުގައި ފައިސާ އާއި ނުފޫޒު ބޭނުން ކުރާތީ ކަމަށް އެ ޕާޓީއިން ބުނެއެވެ.
އެމްއާރްއެމްއަށް މެންބަރުން ހަމަނުވެގެން އެ ޕާޓީ އުވާލަން މިދިޔަ މޭ މަހުގެ 24 ވަނަ ދުވަހު އީސީއިން ކުރި އިއުލާނު ކުރުމާ ގުޅިގެން އެ ސިވިލް ކޯޓަށް މައްސަލަ ހުށަހަޅައި ޕާޓީ އުވާލުމަށް ނިންމި ނިންމުމަށް އަމަލު ކުރުން ލަސްކުރަން ސިވިލް ކޯޓުން ވަނީ ވަގުތީ އަމުރެއް ނެރެފައެވެ. އަދި އީސީއިން އެ އަމުރު މުރާޖައާކުރުމަށް ހުށަހެޅުމުން އެ އަމުރު ބަދަލުގެންނާނެ ތަނެއްނެތްކަމަށް ސިވިލް ކޯޓުން ވަނީ ކަނޑައަޅާފައެވެ.
އެމްއާރްއެމްއިން އިތުރަށް ބުނީ ޕާޓީއިން ކޯޓަށް ހުށަހެޅި މައްސަލަ ހުށަހަޅައި ކޯޓުގައި ކުރިއަށްދަނިކޮށް އެ ޕާޓީގެ ދަފްތަރަށް މެންބަރުން އިތުރުކުރަމަށް ހުށަހަޅާ ފޯމުތައް އިސީއިން ޕްރޮސެސް ނުކޮށް ހިފަހައްޓައި އަމަލުކުރަމުން ދިޔުމަކީ ކޯޓުގެ އަމުރާ ހިލާފުވުން ކަމުގައި ދެކޭ ކަމަށެވެ. އެ ފަދަ ކަންކަމުން އީސީގެ ނާގާބިލުކަމާއި ސިޔާސީ ނުފޫޒުން އެއްކިބާވެ މަސައްކަތް ނުކުރެވޭކަން ހާމަވާ ކަމަށެވެ.
ގާނޫނީ ގަވާއިދާއި ހިލާފަށް އެ ޕާޓީ އުވާލުމަށް އީސީއިން ކެނޑިނޭޅި މަސައްކަތްކުރާކަމަށާއި އެކަމުގެ ސަބުބުން އީސީގެ އިންސާފުވެރިކަމާ މިނިވަންކަމާމެދު ސުވާލު އުފެދޭ ކަމަށް އެމްއާރްއެމްއިން ބުނެއެވެ. ސިޔާސީ ޕާޓީތަކުގެ ގާނޫނާއި އެއްގޮތަށް ތަފާތުކުރުމެއް ނެތި، ސިޔާސީ ނުފޫޒުން އެއްކިބާވެފައިވާ މިނިވަން މުއައްސަސާއެއްގެ ގޮތުގައި އަމަލުތައް ބައްޓަން ކުރުމަށާއި އީސީގެ ކަންކަން އިސްލާހުކުރުމަށް އީސީގެ ރައީސް ފުއާދު ތައުފީގަށް އެ ޕާޓީއިން ވަނީ ގޮވާލާފައެވެ.