50 މޭލަށް ވައިގަދަވާނެ ކަމަށް ލަފާކޮށް ރާއްޖޭގެ އެންމެ އުތުރުގެ އަތޮޅުތަކަށް މެޓް އޮފީހުން ރީނދޫ ސަމާލު (ޔެލޯ އެލާޓް) ނެރެފިއެވެ.
މިއަދު 11:00 އިން ފެށިގެން މެންދުރުފަހު 15:00 އަށް ރީނދޫ ސަމާލު ނެރެފައިވަނީ ހއ. އަތޮޅުން ފެށިގެން ބ. އަތޮޅުގެ ސަރަހައްދު ތަކަށެވެ. އެގޮތުން ރީނދޫ ސަމާލު ނެރެފައިވާ ސަރަހައްދުތަކަށް ބޯކޮށް ވާރޭ ވެހި، ގަޑިއަކު 25 މޭލާއި 30 މޭލާ ދެމެދުގައި ވައި ޖެހޭނެ ކަމަށާއި ވިލާގަނޑުގައި 50 މޭލަށް ވައި ގަދަވާނެ ކަމަށް ލަފާކުރެވޭ ކަމަށް ވަނީ ބުނެފައެވެ.
ރީނދޫ ސަމާލު ނެރެފައިވާ ސަރަހައްދުތަކުގައި ނުވަ މީޓަރުން ދަށުގެ އުޅަނދު ފަހަރުގައި ފަސިންޖަރުން އުފުލުމާއި އަދި ސަލާމަތީ ހިދުމަތްދޭ ފަރާތްތަކެއްގެ އުޅަނދު ފިޔަވައި އެސައިޒްގެ އެހެން އުޅަނދެއް ދުއްވުން މަނާ ވާނެއެވެ.
ރީނދޫ ސަމާލަކީ މޫސުން ގޯސްވުމުގެ ސަބަބުން ކުރިމަތިވެދާނެ ކާރިސާއަކަށް ކަމާބެހޭ ފަރާތްތަކާއި އާއްމު ރައްޔިތުން ސަމާލުވެ ތިބުމަށްޓަކައި ނެރޭ ސަމާލެކެވެ. މި ސަމާލު ނެރޭ ވަގުތުތަކުގައި ކޮންމެހެން ކުރަންޖެހޭ ދަތުރުތައް ފިޔަވާ، ކަނޑުދަތުރު ފަތުރު ނުކުރުމަށްވެސް މޫސުމާބެހޭ ގައުމީ އިދާރާއިން އިލްތިމާސް ކުރެއެވެ.
އުތުރުގެ އަަތޮޅުތަކަށް އިއްޔެ ވެސް 55 މޭލަށް ވައި ގަދަވިއެވެ. އެއާއެކު އިއްޔެ އަކީ ރެކޯޑް މިންވަރަކަށް އުތުރުގެ އަތޮޅުތަކަށް ވައި ޖެހުނު ދުވަހެކެވެ.
ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ދަތުރުކުރާ އުޅަނދު ފަހަރުގެ ސަލާމަތާބެހޭ ގަވާއިދަށް ޓްރާންސްޕޯޓް އޮތޯރިޓީން އިސްލާހު ގެނެސް ގެޒެޓު ކޮށްފައި ވާއިރު މި ގަވާއިދާ ހިލާފު ވެއްޖެ ނަމަ، އެ އުޅަނދުގެ އޮޕަރޭޓާ 15،000 ރުފިޔާއިން ޖޫރިމަނާ ކުރެވޭނެ ކަމަށް އެ ގަވާއިދުގައި ބުނެއެވެ. އަދި އުޅަނދު ދުއްވި ފަރާތުގެ މައްސަލަ ބެލުމަށްފަހު ތިން މަސް ދުވަހުގެ މުއްދަތަށް ލައިސަންސް ހިފެހެއްޓުމާއެކު، ކުރި ކުށުގެ މައުލޫމާތު ލައިސަންސް ފޮތުގައި ލިޔެވޭނެ ކަމަށް ވެސް ގަވާއިދުގައި ބުނެއެވެ.