ހުޅުމާލޭގައި ހަދަމުންދާ ކޭޕާކް ރެޒިޑެންސްގެ އެޕާޓްމެންޓުތަކުގެ ލޯކަލް އެޖެންޓުގެ ގޮތުގައި މަސައްކަތް ކުރި ދެކުނު ކޮރެއާގެ ކުންފުންޏެއް ކަމަށްވާ "ހަންބޯ ކޮމްޕެނީ"ގެ ނަމުގައި މަކަރާއި ހީލަތުން އެޕާޓްމެންޓުތައް ވިއްކިކަމުގެ ތުހުމަތު ކުރެވޭ އެ ކުންފުނީގެ ދިވެހި ހިއްސާދާރު ހަސަން މަމްދޫހު (މަންޑޭ) ހައްޔަރުކުރަން އަދި އަމުރެއް ނެރެފައި ނުވާ ކަމަށް ކްރިމިނަލް ކޯޓުން ބުނެފިއެވެ.

ކޭޕާކް ފްލެޓްތަކުގެ މައްސަލައިގައި ހަންބޯ ކުންފުނިން އޭނާގެ މައްޗަށް ކުރާ ތުހުމަތުތައް ބަލައިދިނުމަށް އެދި އާބަންކޯ އިން ފުލުހުންނަށް ހުށަހަޅާފައި ވަނިކޮށް މަންޑޭގެ ޕާސްޕޯޓް މީގެ ކުރިން ވަނީ ހިފަހައްޓާފައެވެ. އެހެންނަމަވެސް މަންޑޭގެ ޕާސްޕޯޓު ދޫކޮށްލަން ކްރިމިނަލް ކޯޓުން ވަނީ އަމުރުކޮށްފައެވެ. އެއާއެކު މަންޑޭ ހައްޔަރުކުރަން ކްރިމިނަލް ކޯޓުން ރޭގެ ވަގުތެއްގައި އަމުރެއް ނެރުނު ކަމަށް ބުނެ މީޑިއާތަކުގައި އަންނަނީ ރިޕޯޓުކުރަމުންނެވެ.

ކްރިމިނަލް ކޯޓުގެ މީޑިއާ އޮފިޝަލަކު "ދަ ޕްރެސް" އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ މަންޑޭ ހައްޔަރުކުރަން އެއްވެސް ކަހަލަ އަމުރެއް ނެރެފައި ނޯންނާނެ ކަމަށާއި މަންޑޫގެ ޕާސްޕޯޓު ދޫކުރަން އަމުރުކޮށްފައިވަނީ ޒަރޫރީ ހާލަތެއްގެ ސަބަބުން 45 ދުވަހަށް ކަމަށެވެ. އަދި 45 ދުވަސް ފަހުން ރާއްޖެއިން ބޭރަށް ދިއުމަށްފަހު އެނބުރި ރާއްޖެ އައިސް ކޯޓަށް އަންގަން ޖެހޭނެ ކަމަށް އަމުރުކޮށްފައިވާ ކަމަށްވެސް އެ އޮފިޝަލު ވިދާޅުވިއެވެ.

މަންޑޭގެ ޕާސްޕޯޓު ދޫކޮށްލަން އަމުރުކުރުމާ ގުޅިގެން ކަންބޮޑުވުން ފާޅު ކުރަމުން ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ބުނީ އެ ނިންމުން ހައި ކޯޓުގައި އިސްތިއުނާފް ކުރާނެ ކަމަށާއި އަދި އިސްތިއުނާފް ކުރެވެންދެން މަންޑޭގެ ޕާސްޕޯޓް ހިފެހެއްޓޭނެ އެހެން ގޮތެއް އޮތްތޯ ބަލަމުންދާ ކަމަށެވެ.

ކޭޕާކް ފްލެޓްތަކުގެ މަޝްރޫއު ހިންގަން އާބަންކޯ އިން ހަންބޯ ކުންފުންޏާ އެކު އެއްބަސްވުމެއް ހަދާފައި ވަނީ އޮކްޓޯބަރު 9، 2016 ގައެވެ. އަދި މަސައްކަތްތައް ފަށާފައި ވަނީ 2017 ގައެވެ. ނަމަވެސް އެކި ސަބަބުތަކާ ހުރެ ރާއްޖޭގެ އޭޖެންޓާ އެކު މަސައްކަތް ކުރެވެން ނެތުމުން މިދިޔަ ހަފްތާގައި އެ އެއްބަސްވުން އުވާލީ ކަމަށް، ހަންބޯ އިން ބުނެފައިވެއެވެ.

އެއް އެޕާޓްމަންޓް އެތައް ބަޔަކަށް ވިއްކާ ގިނަ އަދަދެއްގެ ފައިސާ ނަގާފައި ވާ މައްސަލަ ފެންމަތިވީ، މައި ހިއްސާދާރު އެ މައްސަލައިގައި ކަމާބެހެ އިދާރާތަކަށް ހިގަން ފެށުމުންނެވެ. އަދި އެ މައްސަލައާ ގުޅޭ ބަޔާނެއް ވެސް ހަމްބޯ ކުންފުނިން ނެރެ، މަމްދޫހުގެ ފަރާތުން ކޮށްފައި ހުރި މުއާމަލާތްތަކާއި، އެޕާޓްމަންޓް ގަތް ފަރާތްތަކުން މައުލޫމާތު ހިއްސާ ކުރުމަށް ލޯ ކްރާފްޓް ކިޔާ ލޯފާމެއް އައްޔަން ކޮށްފައި ވެެއެވެ.

މި މައްސަލައާ ގުޅިގެން މިހާތަނަށް އާބަންކޯގެ މުވައްޒަފު އަބްދުލް ނާފިއު މުހަންމަދު ސަސްޕެންޑް ކޮށްފައިވާ އިރު، އަދިވެސް ފުލުހުން ދަނީ ޖިނާއީ ތަހުގީގު ހިންގަމުންނެވެ.