ހުޅުމާލޭގައި ހަދަމުންދާ ކޭޕާކް ރެޒިޑެންސްގެ އެޕާޓްމެންޓުތަކުގެ ލޯކަލް އެޖެންޓުގެ ގޮތުގައި މަސައްކަތްކުރި ދެކުނު ކޮރެއާގެ ކުންފުންޏެއް ކަމަށްވާ "ހަންބޯ ކޮމްޕެނީ"ގެ ނަމުގައި މަކަރާއި ހީލަތުން އެޕާޓްމެންޓުތައް ވިއްކިކަމުގެ ތުހުމަތުގައި ޕާސްޕޯޓް ހިފަހައްޓާފައިވާ އެ ކުންފުނީގެ ދިވެހި ހިއްސާދާރު ހަސަން މަމްދޫހު (މަންޑޭ)ގެ ޕާސްޕޯޓް ދޫކޮށްލަން ކްރިމިނަލް ކޯޓުން އަމުރުކޮށްފިއެވެ.

މަމްދޫހުގެ ޕާސްޕޯޓު ހިފަހައްޓާފައި ވަނީ ކޭޕާކް ފްލެޓްތަކުގެ މައްސަލައިގައި ހަންބޯ ކުންފުނިން އޭނާގެ މައްޗަށް ކުރާ ތުހުމަތުތައް ބަލައިދިނުމަށް އެދި އާބަންކޯ އިން ފުލުހުންނަށް ހުށަހަޅާފައި ވަނިކޮށެވެ. ކޭޕާކް ފްލެޓްތަކުގެ މައްސަލައިގައި އާބަންކޯގެ އިތުރުން، ހަންބޯ ކުންފުނިން ވެސް ވަނީ މަމްދޫހުގެ މައްސަލަ ބަލައިދިނުމަށް އެދި ފުލުހުންނަށް ހުށަހަޅައިފައެވެ.

މަންޑޭގެ ޕާސްޕޯޓް ދޫކޮށްލަން ކްރިމިނަލް ކޯޓުން މިއަދު ނިންމީ ކުރީގެ އަމުރު މުރާޖައާ ކުރުމަށް ފަހުއެވެ.

މި ކަމާ ގުޅިގެން ކަންބިޑުވުން ފާޅު ކުރަމުން ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ބުނީ އެ ނިންމުން ހައި ކޯޓުގައި އިސްތިއުނާފް ކުރާނެ ކަމަށާއި އަދި އިސްތިއުނާފް ކުރެވެންދެން މަންޑޭގެ ޕާސްޕޯޓް ހިފެހެއްޓޭނެ އެހެން ގޮތެއް އޮތްތޯ ބަލަމުންދާ ކަމަށެވެ.

ކޭޕާކް ފްލެޓްތަކުގެ މަޝްރޫއު ހިންގަން އާބަންކޯ އިން ހަންބޯ ކުންފުންޏާ އެކު އެއްބަސްވުމެއް ހަދާފައި ވަނީ އޮކްޓޯބަރު 9، 2016 ގައެވެ. އަދި މަސައްކަތްތައް ފަށާފައި ވަނީ 2017 ގައެވެ. ނަމަވެސް އެކި ސަބަބުތަކާ ހުރެ ރާއްޖޭގެ އޭޖެންޓާ އެކު މަސައްކަތް ކުރެވެން ނެތުމުން މިދިޔަ ހަފްތާގައި އެ އެއްބަސްވުން އުވާލީ ކަމަށް، ހަންބޯ އިން ބުނެފައިވެއެވެ.

އެއް އެޕާޓްމަންޓް އެތައް ބަޔަކަށް ވިއްކާ ގިނަ އަދަދެއްގެ ފައިސާ ނަގާފައި ވާ މައްސަލަ ފެންމަތިވީ، މައި ހިއްސާދާރު އެ މައްސަލައިގައި ކަމާބެހެ އިދާރާތަކަށް ހިގަން ފެށުމުންނެވެ. އަދި އެ މައްސަލައާ ގުޅޭ ބަޔާނެއް ވެސް ހަމްބޯ ކުންފުނިން ނެރެ، މަމްދޫހުގެ ފަރާތުން ކޮށްފައި ހުރި މުއާމަލާތްތަކާއި، އެޕާޓްމަންޓް ގަތް ފަރާތްތަކުން މައުލޫމާތު ހިއްސާ ކުރުމަށް ލޯ ކްރާފްޓް ކިޔާ ލޯފާމެއް އައްޔަން ކޮށްފައި ވެެއެވެ.

މި މައްސަލައާ ގުޅިގެން މިހާތަނަށް އާބަންކޯގެ މުވައްޒަފު އަބްދުލް ނާފިއު މުހަންމަދު ސަސްޕެންޑް ކޮށްފަިއވާ އިރު، އަދިވެސް ފުލުހުން ދަނީ ޖިނާއީ ތަހުގީގު ހިންގަމުންނެވެ.