ހުޅުމާލެ ހޮސްޕިޓަލުގެ އައިސީޔޫ އަދި އެންއައިސީޔޫ، ތަރައްގީ ކުރުމުގެ މަޝްރޫއުގެ އެއްބަސްވުމުގައި އެސްޓީއޯއިން އެ ހޮސްޕިޓަލާއެކު ސޮއިކޮށްފިއެވެ.

މިއަދު މެންދުރުފަހު އެސްޓީއޯ ހެޑް އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގައި އެސްޓީއޯގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ އެސްޓީއޯގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އަބްދުﷲ ސައީދުއެވެ. ހުޅުމާލެ ހޮސްޕިޓަލްގެ ފަރާތުން ސޮއިކުރެއްވީ އެ ހޮސްޕިޓަލްގެ ސީއީއޯ މާރިޔާ ސައީދެވެ.

އެސްޓީއޯއިން ބުނީ، މި މަޝްރޫއު ނިމޭ އިރު، ހުޅުމާލެ ހޮސްޕިޓަލުގެ އައިސީޔޫ އަދި އެންއައިސީޔޫ އަކީ އެންމެ ޒަމާނީ މެޑިކަލް ވަސީލަތް ތަކާއެކު ސިއްހީ އާލާތްތަކާއެކު އިންޓެގްރޭޓް ވެފައިވާ، ކަސްޓަމައިޒްޑް ތަނެއްގެ ގޮތުގައި ފެނިގެންދާނެ ކަމަށެވެ. މިހާރު ހުޅުމާލެ އައިސީޔޫގައި 17 އެންދު ހުރި އިރު، މި މަޝްރޫއު ނިމޭ އިރު، އިތުރު 24 އެންދު އިތުރު ކުރެވޭނެ ކަމަށް އެ ކުންފުނިން ބުނެއެވެ.

މީގެ އިތުރުން އަލަށް ގާއިމްކުރާ އޮޕަރޭޝަން ތިއޭޓާ ޕްރޮޖެކްޓްގައި 5 އޮޕޮރޭޝަން ތިއޭޓަރެއް އެޅުމަށް ވެސް ވަނީ ހަމަޖެހިފައި ކަމަށް އެސްޓީއޯ އިން ބުނެއެވެ. އެގޮތުން ކަށީގެ، ލޮލުގެ، އަންހެނުންގެ ބަލިތަކަށް ހާއްސަ އަދި އާންމު ސާޖަރީތައް ކުރެވޭ ގޮތަށް ގާއިމް ކުރާ އޮޕްރޭޝަން ތިއޭޓަރާއެކު ހުޅުމާލެ ހޮސްޕިޓަލްގައި ދެމުންދާ ހިދުމަތްތަކަށް ބޮޑުކުރިއެރުންތަކެއް ލިބިގެންދާނެ ކަމަށް އެސްޓީއޯ އިން ބުނެއެވެ.

ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި މީހުން ދިރިއުޅެން ފެށުމާ އެކު، ހުޅުމާލެ ހޮސްޕިޓަލުން ހިދުމަތް ހޯދާ އަދަދު މިހާރު ވަނީ އެތައް ގުނައެއް އިތުރުވެފައެވެ. މީގެ 19 އަހަރު ކުރިން ހިދުމަތް ދޭން ފެށި އެ ހޮސްޕިޓަލަށް އެކަށީގެންވާ ފުރިހަމަ ސިއްހީ ހިދުމަތެއް ފޯރުކޮށް ދިނުމަށް، މިހާރު ދިމާވެފައިވާ އެންމެ ބޮޑު އެއް ގޮންޖެހުމަކީ ތަނުގެ ޖާގައިގެ ދަތިކަމެވެ.

އެސްޓީއޯ އިން ވެސް އެ ހޮސްޕިޓަލް ތަރައްގީ ކުރުމަށް ގިން މަސައްކަތްތަކެއް ކުރަމުން އަންނަ އިރު ފާއިތުވި އަހަރުތަކުގެ ތެރޭގައި އެ ހޮސްޕިޓަލަށް ވެސް ވަނީ ބޮޑެތި ބަދަލުތަކެއް އައިސްފައެވެ، އެ ގޮތުން އެ ހޮސްޕިޓަލްގައި މެންޓަލް ހެލްތްގެ ހިދުމަތާއި، ކުޑަކުދިން ހެދިބޮޑުވުމުގައި ދިމާވާ ތަފާތު ސިއްހީ މައްސަލަތަކަށް ހާއްސަ ފަރުވާ ދިނުމަށް ވަކި ހާއްސަ ސެންޓަރެއް ގާއިމް ކޮށް އަދި ކެންސަރުބަލީގެ ފަރާތްތަކަށް ހިދުމަތް ދިނުމަށް އޮންކޮލޮޖީ ސެންޓަރެއް ވެސް ވަނީ ގާއިމް ކޮށްފައެވެ.