ނޫސްވެރިންގެ ބޮލުގައި ތުހުމަތު އަޅުވައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމާ ގުޅިގެން ގިނަ ބަޔަކު ފާޑުކުޔުންތައް އަމާޒުވުމުން، އެ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދެއްކެވި ޑިމޮކްރެޓިކްސްގެ މެންބަރު އަދި އެސްޓީއޯގެ ކުރީގެ އެމްޑީ ހުސެއިން އަމްރު މައާފަށް އެދިވަޑައިގެންފިއެވެ،
އަމްރުގެ ދެއްކެވި ވަހާކަތަކާ ގިން ބަޔަކު ހިތްހަމަނުޖެހުނުކަން ފާހަގަކުރައްވައި މައާފަށް އަދިވަޑައިގެން ކުރެއްވި ޓްވީޓުގައި އޭނާ ވިދާޅުވީ، ފުރިހަމަ މިނިވަން ނޫސްވެރިކަމެއް އޮތުމަކީ ސަރުކާރެއްގެ ތެރޭގައި ހިންގާ ކޮރަޕްޝަނާއި ނޭދެވޭ ހުރިހާ ކަމެއް ހުއްޓުވުމަށް އޮތް އެންމެ ބޮޑު އެއް ބާރު ކަމަށެވެ. އެ ބާރުގެ މިނިވަންކަން ކަށަވަރު ކުރުމައްޓަކައި މީޑިއާތަކަށް ފައިސާގެ މިނިވަންކަން ލިބެންޖެހޭ ކަމަށެވެ. އަދި ފުރިހަމަ މިނިވަން ކަން ލިބިފައިވާ މީޑިއާއެއް ރައްޖޭގައި ގާއިމްވުމަކީ ކޮންމެހެން މުހިއްމު ކަމެއް ކަމުގައި ދެކެވަަޑައިގަންނަވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
އެގޮތުން ފުރިހަމަ މިނިވަން ނޫސްވެރިކަމެއް ސަރުކާރެއްގެ އެއްވެސް ނުފޫޒެއް ނެތި އޮންނަން ޖެހޭ ކަމަށް ގަބޫލު ކުރައްވާ ކަމަށް އަމްރު ވިދާޅުވިއެވެ. އެކަން ކުރުމަށް ގާނޫނަކުން ބާރުލިބިގެން ސިޔާސީ ޕާޓީތަކަށް ދައުލަތުން ފައިސާ ދޭ އުސޫލުން މީޑިއާއަށް ވެސް ގާނޫނަކުން ބާރުލިބިގެން ފައިސާ ލިބުމުން ސަރުކާރެއްގައި އޭރަކު ތިބޭ ބައެއްގެ ރުހުން ހޯދަން ނުޖެހި މިނިވަންކަމާއެކީ ނޫސްވެރިކަން ކުރުމުގެ ޖާގަ ލިބޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.
މިކަން މިގޮތަށް ކުރުމައްޓަކައި ސިޔާސަތު އެކުލަވާލާ މެނިފެސްޓޯގައި ހިމެނުމަށް އޭނާ ބާރު އަޅުއްވާނެ ކަމަށް ވިދާޅުވިއެވެ. އެކަމުގެ ސަބަބުން ނޫސްވެރިކަމުގެ ދާއިރާ ކުރިއަރާ ނޫސްވެރިކަމަށް ވަންނަން ބޭނުންވާ ޒުވާނުން އިތުރުވެގެން ދާނެ ކަމަށް ވެސް އަމްރު ވިދާޅުވިއެވެ. އަދި ސަރުކާރުން ރައްޔިތުންގެ ފައިސާ ބޭނުން ކުރުމުގައި އާއި ރައްޔިތުންނަށް ދޭ ހިދުމަތްތައް ދިނުމުގައި ޒިންމާދާރު ވެގެން ދާނެ ކަމަށެވެ.
މިދިޔަ އާދިއްތަ ދުވަހު ޕީޕީއެމާއި ޑިމޮކްރެޓްސް އިން މީޑިއާތަކަށް ދައުވަތުދީގެން ބޭއްވި ނިއުސް ކޮންފަރެންސްގައި ނޫސްވެރިންނަށް ރިޝްވަތުގެ ތުހުމަތުތަކެއްކޮށް އެ ދެ ޕާޓީއަށް ނިސްބަތްވާ އިސް ބޭފުޅުން ވަނީ ވާހަކަ ދައްކަވާފައެވެ. އެކަމާ ގުޅިގެން މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) އިން އާއި އެމްޖޭއޭ އިން ވެސް ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.
އެގޮތުން އެމްޖޭއޭ އިން ބުނެފައި ވަނީ، ނޫސްވެރިން ކުރިމަތިކުރުވާ ސުވާލުތަކާއި އެ މީހުން ލިޔާ ލިޔުންތަކާ ގުޅިގެން ނޫސްވެރިންނާ ދިމާކޮށްލައި އެ މީހުންނާ މެދު ޒާތީވެ ތުހުމަތުތައް އުފަންކުރުމަކީ ތަހުޒީބުވެފައިވާ ޑިމޮކްރަޓިކް ވެއްޓެއްގައި އެއްވެސް ވަރަކަށް ބަލައިގަނެވޭނެ އަމަލުތަކެއް ނޫން ކަމަށެވެ. މިފަދަ އަމަލުތައް ހިންގާ ފަރާތްތަކުން އެކަން ކުރަނީ ގަސްތުގައި ރާވައިގެން ނޫސްވެރިންގެ މަސައްކަތަކީ ގައުމަށް ބޭނުމެއް ނެތް ކަމެއްގެ ގޮތުގައި ދައްކައި އާންމުންގެ މެދުގައި ނުބައި ތަސައްވުރެއް އުފައްދައި އިތުބާރު ނަގާލުމަށް ކަމަށް ބުނެ އެމްޖޭއޭ އިން ވަނީ ނޫސްވެރިންގެ ބޮލުގައި ސާބިތު ނުހިފޭ ދޮގު ތުހުމަތުތައް އަޅުވައި ފުރައްސާރަކުރާ ފަރާތްތަކުން ބާއްވާ ނޫސްވެރިންގެ ބައްދަލުވުންތައް ބޮއިކޮޓްކުރުމަށް ނޫސްވެރިންނަށް ހިތްވަރުދޭ ކަމަށް ވެސް ބުނެފައެވެ.