ފުލުހުން ހިންގި އޮޕަރޭޝަނެއްގައި ބ. އޭދަފުށިން 43 ބިޔަރު ދަޅު އަދި 5 ފުޅި ބަނގުރާ އަތުލައިގެންފިއެވެ.
ފުލުހުން ބުނީ އެ އޮޕަރޭޝަނަކީ އޭދަފުށީގައި ހުރި ގުދަނެއްގައި ބަނގުރާ ހުރިކަމަށް އެ ރަށު ޕޮލިސް ސްޓޭޝަނަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނެއް ކަމަށާއި އެ އޮޕަރޭޝަނުގައި ބަނގުރާ ހޯދައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށެވެ.
އިއްޔެ އޭދަފުށި ޕޮލިސް ސްޓޭޝަނުން ހިންގި އެ އޮޕަރޭޝަނުގައި އެ ގުދަން ބަލައި ފާސްކުރިއިރު ފަސް ފުޅި ބަނގުރާ އަދި 43 ދަޅު ބިޔަރު ފެނިފައިވީ ނަމަވެސް މި މައްސަލައާ ގުޅިގެން އަދި މީހަކު ހައްޔަރުކޮށްފައި ނުވާ ކަމަށް ފުލުހުން ބުނެއެވެ،
ފުލުހުން އިތުރަށް ބުނީ މި މައްސަލަ އޭދަފުށި ޕޮލިސް ސްޓޭޝަނުން ތަހުގީގު ކުރަމުން ގެންދާ ކަމަށެވެ.
ފުލުހުން ހިންގި އޮޕަރޭޝަންއެއްގައި މިދިޔަ ބުރާސްފަތި ދުވަހު ހިތަދޫ ވަލުތެރެއިން ބަލައިފާސް ކުރިއިރު 50 ފުޅި ބަނގުރާ ފެނިފައިވާއިރު އެ މައްސަލައިގައި ތުހުމަތު ކުރެވޭ ފަރާތުގެ ބަންދާމެދު ގޮތެއް ނިންމުމަށް ހިތަދޫ މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން ކޯޓުން ވަނީ އޭނާ ދޫކޮށްލާފައެވެ.