ނުގަވައިދުން ނޮވެލްޓީ ޕްރިންޓާސް އަށް ފައިސާ ދޭ ކަމަށް ބުނެ، އަމިއްލަ ކުންފުންޏަކުން އިލެކްޝަންސް ކޮމިޝަނާ ދެކޮޅަށް އޭސީސީ އަށް މައްސަލައެއް ހުށަހަޅައިފިއެވެ.

އާރިއާ އިންވެސްޓްމެންޓްސް ނަމަކަށް ކިޔާ ކުންފުންޏަކުން އިލެކްޝަންސް ކޮމިޝަނާ ދެކޮޅަށް އޭސީސީ އަށް މައްސަލައެއް ހުށަހަޅާފައި ވަނީ ކޮންމެ އަހަރަކު ވެސް އީސީން ގަވައިދާ ހިލާފަށް ނޮވެލްޓީ އަށް އެތައް މިލިއަން ރުފިޔާ އެއް ދެމުންދާ ކަމަށް ބުނެއެވެ.

އީސީ އަށް ފިޔަވަޅު އަޅައިދިނުމަށް އެދި އާރިއާ އިން ހުށަހެޅި މައްސަލައިގައި ބުނީ، އެ ކޮމިޝަނުން ނޮވެލްޓީ އަށް ފައިސާދޭ މިންވަރަށް އެހެން ކުންފުނިތަކަށް ދޭ ނަމަ، ނޮވެލްޓީ އާ އެއް ފެންވަރަކަށް އެ ކުންފުނިތައް ވެސް ކުރިއަރައި ދާނެ ކަމަށެވެ. ނަމަވެސް އީސީން ކޮންމެ އަހަރަކު ގަވައިދާ ހިލާފަށް ނޮވެލްޓީ އަށް ފައިސާ ދެމުން ދާކަމަށާއި، އެ ކަމަށް އެއްވެސް ސަމާލުކަމެއް ނުދީ، އަދި މައްސަލައެއް ހުށަހެޅިޔަސް ބަލާފައި ނުވާތީ ކަންބޮޑުވާ ކަމަށް، އާރިއާ އިން ބުންޏެވެ.

މި މައްސަލައިގައި އޭސީސީ އާއި އިލެކްޝަންސް ކޮމިޝަންގެ އިތުރުން، އާރިއާ އިންވެސްޓްމެންޓްސްގެ ބަހެއް ލިބޭ ގޮތެއް ނުވިއެވެ.

މިދިޔަ ފެބްރުއަރީ މަހުގެ 15 ގައި އިލެކްޝަންސް ކޮމިޝަނުން ވަނީ ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި މީހުން ވޯޓުލާން ދާ މަރުކަޒުތަކަށް ގަލަން ފަދަ ތަކެތި ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުމަށް އިއުލާނެއް ކޮށްފައެވެ. އެ މަހުގެ 23 ގެ ނިޔަލަށް ހުޅުވާލި މުއްދަތުގައި އާރިއާ އާއި ނޮވެލްޓީ ހިމެނޭހެން ފަސް ކުންފުންޏަކުން ބިޑު ހުށަހަޅާފައިވެއެވެ. އެ ފަސް ކުންފުންޏަކީ:

  • އާރިއާ އިންވެސްޓްމެންޓް (ހުށަހެޅި އަގު: 435،365.16ރ، ތަކެތި ފޯރުކޮށްދެވޭނެ މުއްދަތު: 10 ދުވަސް)
  • އީވް އިންވެސްޓްމެންޓް (ހުށަހެޅި އަގު: 723،384ރ، ތަކެތި ފޯރުކޮށްދެވޭނެ މުއްދަތު: 65 ދުވަސް)
  • ނިޔަދުރު ހޯލްޑިންސް (ހުށަހެޅި އަގު: 1،832،112ރ، ތަކެތި ފޯރުކޮށްދެވޭނެ މުއްދަތު: 75 ދުވަސް)
  • ނޮވެލްޓީ ޕްރިންޓާސް (ހުށަހެޅި އަގު: 3،133،728ރ، ތަކެތި ފޯރުކޮށްދެވޭނެ މުއްދަތު: 45 ދުވަސް)
  • އެންބީ އިންވެސްޓްމެންޓް (ހުށަހެޅި އަގު: 3،828،168، ތަކެތި ފޯރުކޮށްދެވޭނެ މުއްދަތު: 60 ދުވަސް)

މި އަހަރު ކުރީކޮޅު އިލެކްޝަންސް ކޮމިޝަނުން ކުރި އިއުލާނުގައިވާ ގޮތުން ރިޔާސީ އިންތިހާބު އޮންނާނީ އަންނަ ސެޕްޓެމްބަރު މަހުގެ ނުވަވަނަ ދުވަހުގައެވެ. އިންތިހާބަށް ކުރިމަތިލުމަށް އެދޭ ފަރާތްތަކަށް މި މަހުގެ 23 ގައި އެ ފުރުސަތު ހުޅުވާލާނެއެވެ.