ހައްޖުގެ މަތިވެރި އަޅުކަން އަދާކުރެއްވުމަށްފަހު މިއަހަރުގެ އަމީރުލްހައްޖުގެ ގޮތުގައި ކަނޑައެޅުއްވި ނައިބު ރައީސް ފައިސަލް ނަސީމް މިއަދު ހެނދުނު ރާއްޖެ ވަޑައިގެންފިއެވެ.

މިއަދު ނައިބު ރައީސް ފައިސަލް ރާއްޖެ ވަޑައިގެންފައިވާއިރު ހައްޖުގެ މަތިވެރި އަޅުކަން އަދާކުރުމަށް ރާއްޖެއިން ސައުދީއަށް ދިޔަ ހައްޖާޖީން މިއަންނަ ހުކުރު ދުވަހުން ފެށިގެން ރާއްޖެ އަންނަން ފަށާނެ ކަމަށް އިސްލާމިކް މިނިސްޓްރީން ވަނީ ބުނެފައެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ ދިވެހި ހައްޖުވެރިން އެނބުރި ރާއްޖެ އައުމަށް ހަމަޖެހިފައި ވަނީ ހަ ފްލައިޓެއްގައި ކަމަށެވެ. އަދި ފުރަތަމަ ދެ ފްލައިޓް ހުކުރު ދުވަހު ރާއްޖެ އައުމަށް ހަމަޖެހިފައިވާއިރު އެ ދުވަހު ރާއްޖެ އައުމަށް ހަމަޖެހިފައިވަނީ އަލްމަނާސިކާއި ހައްޖު ކޯޕަރޭޝަންގެ ހަވާލުގައި ދިޔަ ހައްޖުވެރިންގެ ގްރޫޕެވެ.

މިއަހަރު އެކި ގްރޫޕްތަކުން ހައްޖަށް މީހުން ގޮސްފައިވާ އަދަދު:

  • މޯލްޑިވްސް ހައްޖު ކޯޕަރޭޝަން ލިމިޓެޑްއިން 870 ހައްޖުވެރިން
  • ސިސިލްފަރު ހައްޖު އެންޑް އުމްރާ ގްރޫޕް ޕްރައިވެޓް ލިމިޓެޑްއިން 90 ހައްޖުވެރިން
  • އަލްމަނާސިކް ޕްރައިވެޓް ލިމިޓެޑްއިން 90 ހައްޖުވެރިން
  • އަލްހަރަމައިން ހައްޖު އެންޑް އުމްރާ ކޮމްޕެނީ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްއިން 90 ހައްޖުވެރިން

ރާއްޖެއިން މީހުން ހައްޖަށް މީހުން ގެންދިއުމަށް މި އަހަރު އަލްހަރަމައިން ހައްޖު އެންޑް އުމްރާ އާއި ސިސިލްފަރު ހައްޖު އެންޑް އުމްރާ އަދި އަލްމަނާސިކް ޕްރައިވެޓް ލިމިޓެޑް އަށް ހުއްދަ ދީފައިވާއިރު ބައެއް ގުރޫޕުތަކުން އިތުރަށް ފައިސާ ނެގި ކަމުގެ ޝަކުވާ ބައެއް މީހުން ވަނީ ކޮށްފައެވެ.

މިދިޔަ އަހަރު ރާއްޖެއަށް ލިބުނު 453 ކޯޓާއަށް ހައްޖުގެ އަޅުކަން އަދާ ކުރުމަށް ދިވެހިން ދިޔައެވެ. ހައްޖު ކޯޕަރޭޝަނާ ހަވާލުކޮށްގެން ކުރިއަށް ގެންދިޔަ ކޯޓާ ބެހުމުގައި 353 ޖާގަ ހާއްސަކުރީ، ހައްޖު ކޯޕަރޭޝަންގެ ކިއުގައި ތިބި މީހުންނަށެވެ. ބާކީ 100 ކޯޓާގައި ހައްޖަށް ގެންދާނެ މީހުން ކަނޑައެޅީ، ކުރިމަތިލި މީހުންގެ ތެރެއިން ޝަރުތު ފުރިހަމަވާ މީހުންގެ މެދުގައި އާންމުކޮށް ހުޅުވާލައިގެން ނެގި ގުރުއަތުންނެވެ.