މިދިޔަ އަންގާރަ ދުވަހު ފަތިހުގެ ވަގުތެއްގައި މާލޭގައި ހިނގި އެކްސިޑެންޓުގައި އަނިޔާވި ގައުމީ ޔުނިވާސިޓީގެ ސީނިއާ ލެކްޗަރާ އަލީ ހަފީޒް، އިތުރު ފަރުވާއަށް ބޭރަށް ގެންދިއުމަށް އެހީ ލިބިފައިވާ ކަމަށް އޭނާގެ އާއިލާއިން ބުނެފިއެވެ.

ހަފީޒްގެ ހާލަތު ދެރަކަމުން ކޮމާޝަލް ފްލައިޓެއްގައި ރާއްޖެއިން ބޭރަށް ގެންދެވެން ނެތުމުން އެއާ އެމްބިއުލާންސްގައި ހަފީޒް ގެންދިއުމަށް އާއިލާއިން މަސައްކަތް ފެށީ އިއްޔެއެވެ. އަދި މިކަމުގައި ހަފީޒްގެ ގާތް ފަރާތްތަކުގެ ދީލަތި އެހީ ލިބިފައި ވާއިރު އޭގެ ތެރޭގައި އެމްއެންޔޫގެ މުވައްޒަފުންނާއި ދަރިވަރުންނާއި އާންމު ފަރުދުންގެ އިތުރުން ސަރުކާރުގެ އެހީ ލިބިފައިވާ ކަމަށް އާއިލާއިން ވަނީ ބުނެފައެވެ.

ހަފީޒްގެ ހާލު ސީރިއަސް އިރު އަދިވެސް އޭނާއަށް ފަރުވާދެމުން އަންނަނީ އޭޑީކޭގެ އައިސީޔޫގައެވެ. އާއިލާއިން އޭނާ ގެންދިއުމަށް މަސައްކަތް ކުރަނީ އިންޑިއާ އަށެވެ.

ފަތިސް ނަމާދުކޮށްގެން ނިކުތް ގަޑީގައި ސައިކަލަކުން ޖެހި އަނިޔާވިއިރު އެކްސިޑެންޓުގައި ސައިކަލު ދުއްވަން އިން 22 އަހަރުގެ ޒުވާނާ ކޯޓު އަމުރެއްގެ ދަށުން ހައްޔަރު ކޮށްފައި ވަނީ މިއަދުއެވެ. އަދި އޭނާ އަތުގައި ލައިސަންސް ނެތް ކަމަށް ފުލުހުން ވަނީ މީގެ ކުރިން ބުނެފައެވެ.

އޭނާ ހައްޔަރު ނުކޮށް ގިނަ ދުވަސް ވުމުން ކަމާ ބެހޭ އިދާރާތަކަށް އާންމުންގެ ފާޑުކިއުން އަމާޒުވެފައި ވަނިކޮށް ފުލުހުން މިއަދު ބުނީ އޭނާ ހައްޔަރު ކުރުން ފަސްކުރީ އެކްސިޑެންޓްގައި އޭނާއަށްވެސް ބޮޑެތި އަނިޔާތަކެއް ލިބިފައި ވުމާއެކު ފަރުވާދެމުން ދާތީ ކަމަށެވެ.

އެކްސިޑެންޓުގައި އަނިޔާވި އުމުރުން 50 އަހަރުގެ އަލީ ހަފީޒަކީ ފެކަލްޓީ އޮފް ހޮސްޕިޓާލިޓީ އެންޑް ޓުއަރިޒަމް ސްޓަޑީޒްގެ ލެކްޗަރާއެކެވެ. ހަފީޒް ވަނީ 18 އަހަރު ކިޔަވައިދިނުމުގައި ހޭދަކޮށްފައެވެ.