ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރި ޕާކިސްތާންގެ ހަތަރު މީހުންގެ ބަންދުގެ މުއްދަތު އިތުރު ކޮށްފިއެވެ.

މިދިޔަ މޭ މަހުގެ 29 ވަނަ ދުވަހު ރާއްޖެއަށް އައިއިރު، ހަރަކާތްތައް ހުރި ގޮތުން ދިރުވާލައިގެން މަސްތުވާތަކެތި އެތެރެކުރަން އުޅޭ ކަމަށް ޝައްކު ކުރެވިގެން ހައްޔަރު ކޮށްފައި ވަނީ ޕާކިސްތާނުގެ މިސްބާހް ބީބީ (32އ)، ނައީމް ތޯރިގް (32އ)، ހަވާރް ހުސައިން (36އ) އަދި ޝަހްޒާދު ހުސެއިން (36އ) އެވެ.

އެމީހުންގެ ބަންދަށް މޭ މަހުގެ 30 ވަނަ ދުވަހު ކްރިމިނަލް ކޯޓުން ފަސް ދުވަސް ޖަހާފައިވާއިރު ފަހުންވެސް ވަނީ އެމީހުންގެ ބަންދަށް މުއްދަތު ޖަހާފައެވެ. އަދި އެ މީހުންނަށް އެންމެ ފަހުން ދިން ބަންދުގެ މުއްދަތު އިއްޔެ އަށް ހަމަވެފައިވާއިރު ކްރިމިނަލް ކޯޓުން ވަނީ އެމީހުންގެ ބަންދަށް އިތުރު 30 ދުވަސް ޖަހާފައެވެ.

އެމީހުންގެ ބަންދުގެ މުއްދަތު ޖެހުމަށް ނެރުނު އަމުރުގައިވަނީ އެ މީހުންގެ ބޮޑުކަމުދާ ތަކެތިން ޖުމްލަ 227 ބުލެޓުގެ މަސްތުވާތަކެތި ފެނިފައި ވާކަމަށާ އޭގެ ބަރުދަނުގައި 2.89 ކިލޯ ހުރިކަމަށެވެ.