މިދިޔަ އަންގާރަ ދުވަހު ފަތިހުގެ ވަގުތެއްގައި މާލޭގައި ހިނގި އެކްސިޑެންޓުގައި އަނިޔާވި ގައުމީ ޔުނިވާސިޓީގެ ސީނިއާ ލެކްޗަރާ އަލީ ހަފީޒް އިތުރު ފަރުވާއަށް ބޭރަށް ގެންދިއުމަށް އެހީ ހޯދަން ފަށައިފިއެވެ.

ހަފީޒްގެ ހާލަތު ދެރަކަމުން ކޮމާޝަލް ފްލައިޓެއްގައި ރާއްޖޭން ބޭރަށް ގެންދެވެން ނެތުމުން އެއާ އެމްބިއުލާންގައި ހަފީޒް ގެންދިއުމަށްޓަކައި ފައިސާ ހޯދުމުގެ މަސައްކަތް އާއިލާއިން ދަނީ ކުރަމުންނެވެ.

މި އެކްސިޑެންޓްގައި ދުއްވަންއިން މީހާއަށް މާ ބޮޑު އަނިޔާތަކެއް ލިބިފައި ނުވީ ނަމަވެސް ހިނގާފައިދިޔަ ހަފީޒަށް ވަނީ ބޮޑެތި އަނިޔާތަކެއް ލިބި ސީރިއަސް ހާލަތުގައެވެ. އެ އެކްސިޑެންޓުގައި ސައިކަލު ދުއްވި މީހާ ކޯޓު އަމުރެއްގެ ދަށުން މިއަދު ވަނީ ހައްޔަރުކޮށްފައެވެ.

"ދަ ޕްރެސް" އަށް އެނގިފައިވާ ގޮތުން އެކްސިޑެންޓް ހިނގާފައިވަނީ ހަފީޒް ކަފިހިހުރަހުން މަގު ހުރަސްކުރަނިކޮށް ދުއްވާފައި އައި ސައިކަލަކުން ޖެހިގެންނެވެ. ސައިކަލު ދުއްވާފައި އައި ބާރު ކަމުން ހަފީޒު ދިޔައީ ވިއްސައިގެން ކަމަށް މައުލޫމާތު ލިބެއެވެ. އެއާއެކު އޭނާގެ ފަޔާ ބޮލަށް ބޮޑެތި އަނިޔާތަކެއް ލިބިފައިވާ ކަމަށް ވަނީ މައުލޫމާތު ލިބިފައެވެ. ނަމަވެސް ދުއްވަން އިން މީހާ ވަނީ މަޑު ނުކޮށް އެތަނުން ފިލާފައެވެ.

މިކަމާ ގުޅޭގޮތުން ފުލުހުން ބުނީ ސައިކަލް ދުއްވަން އިން 22 އަހަރުގެ ޒުވާނާގެ އަތުގައި ލައިސަންސް ނެތް ކަމަށެވެ. ގަވާއިދާ ހިލާފަށް ދުއްވައި މީހެއްގެ ފުރާނައަށް ނުރައްކާވި މައްސަލާގައި މިހާތަނަށް މީހަކު ހައްޔަރުކޮށްފައި ނުވާތީ އާންމު ފަރުދުން ދަނީ ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުގައި ކަންބޮޑުވުން ފާޅު ކުރަމުންނެވެ.

އެގޮތުން ގިނަ ބަޔަކު ދަނީ ސައިކަލް ދުއްވަން އިން މީހާ ހޯދާ ހައްޔަރު ކުރުމަށް ސޯޝަލް މީޑިއާގައި ގޮވާލަމުންނެވެ. އަދި މީގެ އިތުރުންވެސް މަގުމަތީގެ ރައްކާތެރިކަން ކަށަވަރުކޮށްދިނުމަށް ފުލުހުންގެ ކިބަައިން އާންމުން އެދިފައި ވެއެވެ.

އެކްސިޑެންޓުގައި އަނިޔާވި އުމުރުން 50 އަހަރުގެ އަލީ ހަފީޒަކީ ފެކަލްޓީ އޮފް ހޮސްޕިޓަލިޓީ އެންޑް ޓުއަރިޒަމް ސްޓަޑީޒްގެ ލެކްޗަރާއެކެވެ. ހަފީޒް ވަނީ 18 އަހަރު ކިޔަވައިދިނުމުގައި ހޭދަކޮށްފައެވެ.