ކޮމިޓީތައް އެކުލަވާލި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ ފެށުމަށް ފަހު އެއްވެސް މަސައްކަތެއް ކުރިއަށް ނުގެންގޮސް ކުރުކޮށްލައިފިއެވެ.

ފަސް މިނެޓަށް ވުރެ ކުރު އެ ޖަލްސާގެ ރިޔާސަތު ބެލެހެއްޓެވީ ވިލުފުށި ދާއިރާގެ މެންބަރު ހަސަން އަފީފެވެ.

މިއަދުގެ ޖަލްސާ އަށް ތާވަލުކޮށްފައި ވަނީ އެންމެ މަސައްކަތެކެވެ؛ އެއީ ދާއިމީ ކޮމިޓީތައް އަލުން އެކުލަވާލައި، ޕާޓީތަކަށް ނިސްބަތްވެވަޑައިގަންނަވާ މެންބަރުންނާއި އަމިއްލަ މެންބަރުން ތަމްސީލުކުރައްވާނެ ގޮތަށް ކޮމިޓީތަކަށް ބަދަލު ގެނައުމާ ގުޅޭ މަސައްކަތް އެކަންޏެވެ.

ނަމަވެސް، މިފަހުން މަޖިލީހުގައި ޕާޓީތައް ތަމްސީލުކުރާ ގޮތަށް އަނެއްކާ ވެސް ބަދަލެއް އައުމުން ރިޔާސަތުން ނިންމީ މެންބަރުންނަށް ކޮމިޓީ ރިޕޯޓު އަލުން މެންބަރުންނަށް ފޮނުވައި، އިސްލާހު ހުށަހަޅަން ފުރުސަތު ދިނުމަށް ފަހު ޖަލްސާ އެއް ބޭއްވުމަށެވެ. އެކަމަކު ދެން ޖަލްސާ އޮންނާނެ ތާރީހެއް ރިޔާސަތުން އިއުލާނެއް ނުކުރެއެވެ.

ޕާޓީތައް ތަމްސީލުކުރާ ގޮތަށް އައިސްފައިވާ ބަދަލުތައް:

  • ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާއި ހިތަދޫ މެދު ދާއިރާގެ މެންބަރު އަހްމަދު ރަޝީދު އެމްޑީޕީން ވަކިވެވަޑައިގަތުން
  • ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު އެމްޑީޕީ އަށް ސޮއިކުރެއްވުން

އަފީފް ޖަލްސާ ނިންމަވާލެއްވުމުގެ ކުރިން، އެމްޑީޕީގެ ބައެއް މެންބަރުން ނިޒާމީ ނުކުތާ އަށް ގޮވަމުން ދިޔަ އަޑު ވެސް އިވުނެވެ.

ކޮމިޓީތައް އެކުލަވާލުމުގެ އިތުރުން މަޖިލިހަށް ހުށަހެޅިފައިވާ މުހިންމު މައްސަލަތަކަށް ގޮތެއް ނުނިމެނީސް ދެވަނަ ދައުރު ނިންމާލާފައިވާ ކަމަށް ބުނެ، ދައުރުން ބޭރުން ޖަލްސާ އެއް ބާއްވައިދިނުމަށް އެދި، އެމްޑީޕީގެ މަޖިލިސް ގްރޫޕުން މަޖިލީހުގެ އިދާރާ އަށް ސިޓީ އެއް ފޮނުވީ މަޖިލިސް ޗުއްޓީ އަށް ދިޔަ ދުވަހުގައެވެ.

މަޖިލީހުގެ ގަވައިދު ބުނާ ގޮތުން، ދައުރުން ބޭރުން ޖަލްސާ އެއް ބޭއްވުމަށް އެދި މަޖިލިސް މެންބަރުންގެ ތިންބައިކުޅަ އެއްބައި މެންބަރުން ސޮއިކޮށް މަޖިލީހުގެ އިދާރާ އަށް ހުށަހަޅައިފި ނަމަ، ބަންދު ދުވަސްތައް ހިމަނައިގެން 14 ދުވަހުގެ ތެރޭ އެ ޖަލްސާ އެއް ބޭއްވޭނެ ގޮތް މަޖިލީހުގެ ރައީސް ހަމަޖައްސައިދެއްވަން ވާނެ ކަމަށެވެ.

ރައްޔިތުންގެ މަޖިލީހުގެ ގަވައިދުގައިވާ ގޮތުން މަޖިލީހުގެ ޖަލްސާތައް އަހަރުގެ ތެރޭގައި ބަހާލެވިފައިވަނީ ތިން ދައުރުގެ މައްޗަށެވެ؛ ފުރަތަމަ ދައުރު ހިނގާނީ ފެބްރުއަރީ މަހުގެ ފުރަތަމަ ދުވަހުން ފެށިގެން އެޕްރިލް މަހުގެ ނިޔަލަށެވެ. ދެވަނަ ދައުރު ހިނގާނީ މޭ މަހުގެ ސޯޅަ ވަނަ ދުވަހުން ފެށިގެން ޖޫން މަހުގެ ނިޔަލަށެވެ. އަދި ތިންވަނަ ދައުރު ހިނގާނީ އޮގަސްޓް މަހުގެ 16 ވަނަ ދުވަހުން ފެށިގެން ނޮވެމްބަރު މަހުގެ ނިޔަލަށެވެ.