ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ހާއްސަ އެޑްވައިޒަރު މުހައްމަދު ޝިހާބް އިސްތިއުފާ ދެއްވައިފިއެވެ.

ޝިހާބު އިސްތިއުފާ ދެއްވިކަން އަންގައި ސިޓީ ފޮނުއްވާފައިވާ ކަމަށް ރައީސް އޮފީހުން ވަނީ މީޑިއާ އަށް ކަށަވަރު ކޮށްދީފައެވެ. ޝިހާބު މަގާމުން އިސްތިއުފާ ދެއްވީ ކީއްވެކަން ސާފެއް ނޫނެވެ.

ފާހަގަކޮށްލެވޭ ގޮތުގައި، ޝިހާބު ގެންދަވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ތާއީދުކުރައްވާ މެންބަރުން އިސްވެ އުފައްދަވާ "ދަ ޑިމޮކްރެޓްސް"ގެ އެކި ހަރަކާތްތަކުގައި ބައިވެރިވެވަޑައިގަންނަވަމުންނެވެ. އެ ޕާޓީ އުފެއްދުމުގެ މަސައްކަތް ފެށުމުގެ ކުރިން، ޖުމްހޫރީ ޕާޓީ އާ އެކު ބޭއްވި މަޝްވަރާތަކުގައި ވެސް އޭނާ ބައިވެރިވެވަޑައިގެންފައިވެއެވެ.

ބެލެވޭ ގޮތުުގައި ޝިހާބު އިސްތިއުފާ ދެއްވީ ޑިމޮކްރެޓްސް އާ ގުޅިވަޑައިގަތުމަށެވެ. އޭނާ އަކީ ނަޝީދުގެ އަރިސް ބޭފުޅެކެވެ.

ރައީސްގެ ހާއްސަ އެޑްވައިޒަރު ކަމަށް ޝިހާބު އައްޔަން ކުރެއްވީ ނޮވެމްބަރު 15، 2019 ގައެވެ.

މީގެ ކުރިން ޝިހާބު ވަނީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަމާއި ދާހިލީ ވަޒީރުކަމާއި މާލޭގެ މޭޔަރުކަން ކުރައްވާފައެވެ.