ރައްޔިތުންގެ މަޖިލީހުގެ މި އަހަރުގެ ދެވަނަ ދައުރުން ބޭރުން ޖަލްސާތައް ބޭއްވުމަށް އެދި ވެރިކަން ކުރާ މައި ޕާޓީ އެމްޑީޕީގެ މެންބަރުންގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ހުށަހެޅުމާ އެއްގޮތަށް ދައުރުން ބޭރުން ޖަލްސާ އެއް ބޭއްވުމަށް މާދަމާ އަށް ތާވަލުކޮށްފިއެވެ.
ދައުރުން ބޭރުން ޖަލްސާތައް ބޭއްވުމަށް އެދިވަޑައިގެން އެމްޑީޕީގެ މަޖިލިސް މެންބަރުންގެ ގްރޫޕްގެ ލީޑަރު ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމް މަޖިލިސް ޗުއްޓީ އަށް ދިޔަ ދުވަހު، އެމްޑީޕީގެ 29 މެންބަރެއްގެ ސޮޔާ އެކު ހުށަހެޅުއްވި ގަރާރުގައި ވިދާޅުވީ:
- ދެވަނަ ދައުރު ނިންމާލާފައި ވަނީ މަޖިލީހަށް ހުށަހެޅިފައިވާ މުހިންމު މައްސަލަތަކަށް ގޮތެއް ނުނިންމެނީސް ކަމަށް
- އޭގެ ތެރޭގައި މަޖިލީހުގެ ދާއިމީ ކޮމިޓީތައް އެކުލަވާނުލެވިފައި އޮތް ކަން އަސްލަމް ފާހަގަކުރައްވާފައިވޭ
މަޖިލީހުގެ ގަވައިދު ބުނާ ގޮތުން، ދައުރުން ބޭރުން ޖަލްސާ އެއް ބޭއްވުމަށް އެދި މަޖިލިސް މެންބަރުންގެ ތިންބައިކުޅަ އެއްބައި މެންބަރުން ސޮއިކޮށް މަޖިލީހުގެ އިދާރާ އަށް ހުށަހަޅައިފި ނަމަ، ބަންދު ދުވަސްތައް ހިމަނައިގެން 14 ދުވަހުގެ ތެރޭ އެ ޖަލްސާ އެއް ބޭއްވޭނެ ގޮތް މަޖިލީހުގެ ރައީސް ހަމަޖައްސައިދެއްވަން ވާނެ ކަމަށެވެ.
އެމްޑީޕީގެ މެންބަރުން ހުށަހެޅި އެ ގަރާރަށް 14 ދުވަސް މާދަމާ ވާނެއެވެ.
މާދަމާގެ ޖަލްސާ އަށް އެޖެންޑާކޮށްފައި ވަނީ، މަޖިލީހުގެ ދާއިމީ ކޮމިޓީތަކުގައި ހިމެނިވަޑައިގަންނަވާ ޕާޓީތަކަށް ނިސްބަތްވެވަޑައިގަންނަވާ މެންބަރުންނާއި އަމިއްލަ މެންބަރުން ތަމްސީލުކުރައްވާނެ ގޮތަށް ކޮމިޓީތަކަށް ބަދަލު ގެނައުމާ ގުޅޭ މައްސަލައެވެ. އިތުރު ކަމެއް ތާވަލުކޮށްފައެއް ނެތެވެ.
ރައްޔިތުންގެ މަޖިލީހުގެ ގަވައިދުގައިވާ ގޮތުން މަޖިލީހުގެ ޖަލްސާތައް އަހަރުގެ ތެރޭގައި ބަހާލެވިފައިވަނީ ތިން ދައުރުގެ މައްޗަށެވެ؛ ފުރަތަމަ ދައުރު ހިނގާނީ ފެބްރުއަރީ މަހުގެ ފުރަތަމަ ދުވަހުން ފެށިގެން އެޕްރިލް މަހުގެ ނިޔަލަށެވެ. ދެވަނަ ދައުރު ހިނގާނީ މޭ މަހުގެ ސޯޅަ ވަނަ ދުވަހުން ފެށިގެން ޖޫން މަހުގެ ނިޔަލަށެވެ. އަދި ތިންވަނަ ދައުރު ހިނގާނީ އޮގަސްޓް މަހުގެ 16 ވަނަ ދުވަހުން ފެށިގެން ނޮވެމްބަރު މަހުގެ ނިޔަލަށެވެ.