މާޅެ ރައްޔިތުންނަށް ބަންޑާރަ ގޯތި ދޫކުރަން ނިންމާފައިވާ ބިންވެރިޔާ ސްކީމްގެ ފުރަތަމަ ބުރުގައި 6200 ގޯތި ދޫކުރަން ނިންމާފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.

ކ. ގުޅިފަޅުގެ ދެވަނަ ފިޔަވަހީގެ ބިން ހިއްކުމުގެ މަސައްކަތް ރަސްމީކޮށް ފެއްޓުމަށް މިއަދު ހަވީރު ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ސޯލިހް ވަނީ 6200 ގޯތި ދޫކުރަން ނިންމާފައިވާ ގޮތުގެ ތަފްސީލެއް ދެއްވާފައެވެ. މާލެ ރައްޔިތުންނަށް ގޯތި ދޭން ނިންމާފައި ތިން ސަރަހައްދު ކަމަށް ވާ ހުޅުމާލެ އާއި ގުޅީފަޅާއި، ގިރާވަރިފަޅުން ގޯތި ދޭނެ އަދަދު ހާމަކުރައްވަމުން ރައީސް ވިދާޅުވީ، ހުޅުމާޅެއިން 2200 ގޯތި، ގުޅީފަޅުން މަދުވެގެން 2000 އަދި ގިރާވަރުފަޅުން މަދުވެގެން 2000 ގޯތި ދޫކުރަން ނިންމާފަިއވާ ކަމަށެވެ.

އަދި ގޯތި ދޭނެ މީހުންގެ ވަގުތީ ލިސްޓަށް މިހާރު ހުށަހަޅަމުން އަންނަ ޝާކުވާތަކަށް ބަލައި އެ ލިސްޓަށް ގެންނަ ޖެހޭ ބަދަލުތަކަށް ފަހު 6200 ފަރާތަކަށް ގޯތި ދޭން ނިންމާ ކަމަށް ރައީސް ވިދާޅުވިއެވެ. މިއާ އެކު އަންނަ އޮގަސްޓްމަހުގެ ތެރޭގައި ފުރަތަމަ ބުރުގައި ގޯތި ލިބޭ ފަރާތްތަކަށް ގޯތި ހަވާލުކުރާނެ ކަމަށް ވެސް ރައީސް ވަނީ ވިދާޅުވެފައެވެ.

ބިންވެރިޔާ ސްކީމަށް ހުށަހަޅާފައިވާ ޖުމްލަ 15،164 ފޯމެއް ހުށަހަޅާފައިވާ އިރު، އެ ފޯމް ހުށަހަޅާފައި ވަނީ 23،088 މީހުންނެވެ. އޭގެތެރެއިން ޝަރުތު ހަމަވަނީ 12،794 ފީމް ކަމަށާއި ޝަތުރު ހަމަނުވާ 2،370 ފޯމް ކަމަށް ގެދޮރުވެރިންގެ ކޮމިޓީން ބުނެއެވެ.

މި ފަހަރު ބިންވެރިޔާ ސްކީމްގެ ދަށުން 5000 ފަރާތަކަށް ގޯތި ދޭން ނިންމާފައިވާ އިރު، އޭގެތެރޭގައި ހިމެނެނީ 10،314 މީހުންނެވެ. އެއީ މި ސްކީމަށް ފޯމް ހުށަހެޅި މިީހުންގެ ތެރެއިން ޝަރުތު ހަމަވާ މީހުންގެ 52 ޕަސެންޓް މީހުންނަށް މި ފަހަރު ގޯތި ދޭން ވަނީ ނިންމާފައެވެ. ގޯތި ދޭން ނިންމި ލިސްޓުގައި ނުހިމެނޭ ނަމަވެސް ޗަރުތު ހަމަވާ 9544 މީހުން ހިމެނޭ އިރު، އެ މީހުންނަށް ދެން ގޯތި ދޭ ބުރުގައި ފުރުސަތު ލިބޭނެ ކަމަށް ގެދޮރުވެރިންގެ ކޮމިޓީން ބުނެއެވެ.

މާލޭގައި ބޯހިޔާވަހި ކަމަށް އޮތް ދަތިތަކަށް ހައްލު ހޯދައި ދިނުމަށްޓަކައި ސަރުކާރުން ހުޅުވާޅި "ގެދޮރުވެރިން"ގެ ސްކީމްގެ ދަށުން މާލެ ރައްޔިތުންނަށް މާލެ ސަރަހައްދުން 5000 ގޯތި ދޫކުރަން ސަރުކާރުން ނިންމައި ކުރިން އިއުލާން ކޮށްފައި ވެއެވެ. އެއީ ހުޅުމާލެ ދެވަނަ ފިޔަވަހިން 1،000 ގޯއްޗާއި، ގުޅިފަޅުން 2،000 ގޯތީގެ އިތުރުން ގިރާވަރު ފަޅުން ހިއްކާ ބިމުން 2،000 ގޯއްޗެވެ. އަދި 4000 ފްލެޓް ވެސް މި ސްކީމްގެ ދަށުން ދިނުމަށް ވަނީ ހަމަޖެހިފައެވެ.

ނަމަވެސް މިއހަަރު ރިޔާސީ ބަޔާން އިއްވަވަމުން ރައިސް ސޯލިހް ވަނީ މާލޭގެ ރައްޔިތުންނަށް ގޯތި ދޫކުރުމަށް ހިންގާ މަޝްރޫއުގައު ގޯތި ދޭން ނިންމާފައިވާ އަދަދު އިތުރުކުރަން ނިންމާފައިވާ ކަން އިއލާން ކުރައްވާފައެވެ. ނަމަވެސް އިތުރުކުރާ ސީދާ އަދަދެއް އޭރު އެމަނިކުފާނު ހާމއެއް ނުކުރައްވައެވެ.

އެ ގޮތުން ބިން ވެރިޔާ ސްކީމްުގައި މީހެ ކުރިން 5000 ގޯތި ދޭން ނިންމާފައި ވީ ނަމަވެސް މިހާރު 6200 ގޯތި ދޭން ނިންމާފައިވާ ކަން ރައީސް ވަނީ އިއުލާން ކުރައްވާފައެވެ. މީގެ އިތުރުން ގޯތި ލިބޭ ފަރާތްތަކުގެ ތެރެއިން ފުރަތަމަ ބުރުގައި ގޯތި ލިބޭ ފަރާތްތަކަށް އަންނަ އޮގަސްޓް މަހުގެ ތެރޭގައި ގޯތި ދޭން ނިންމާފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ.

ގުޅީފަޅު ބިމަށް މި ސަރުކާރުން އިތުރު ކުރި 42 ހެކްޓަރުގެ ބިމާއެކު، މިހާރުވެސް ގުޅީފަޅު 68 ހެކްޓަރުގެ ބިން ވަނީ ހިއްކާ ނިމިފައި ކަމަށް ރައީސް ވިދާޅުވިއެވެ. މިއަދު މި ފަށާ މަޝްރޫއުގެ ދަށުން އިތުރު 150 ހެކްޓަރުގެ ބިން ގުޅީފަޅު ސަރަހައްދަށް އިތުރު ކުރެވޭނެ ކަމަށާއި ޖުމްލަ 218 ހެކްޓަރު ގުޅީފަޅަށް އިތުރު ކުރެވޭނެ ކަމަށް ރައީސް ވިދާޅުވިއެވެ. އެ ބިމުން މާލެ ރައްޔިތުންނަށް މަދުވެގެން 2000 ގޯތި ދޫކުރަން ނިންމާފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ.

ގިރާވަރުފަޅު ހިއްކުމުގެ މަސައްކަތް ގޮސްފައިވާ ހިސާބު ހާމަ ކުރައްވަމުން ރައީސް ވިދާޅުވީ، އެ ތަނުން 20 ހެކްޓަރުގެ ބިިން ހިއްކާފައިވާ ކަމަށެވެ. އެތަނުން ވެސް މަދުވެގެން 2000 ގޯތި ދޫކުރެވޭނެ ކަމަށާއި އަދި ހުޅުމާލެއިން ވެސް މަދުވެގެން 2200 ގޯތި ދެވޭނެ ކަމަށް ރައީސް ވިދާޅުވިއެވެ. އެހެންކަމުން މި ބުރުގައި ޖުމަލަ 6200 ގޯތި ދޫކުރަން ނިންމާފައިވާ ކަމަށް ރައިސް ވިދާޅުވިއެވެ.