މާލެ މީހުންނަށް ގޯތި ދިނުމަށް މި ސަރުކާރުން ހިންގާ ބިންވެރިޔާ ސްކީމްގެ ދަށުން ގޯތި ލިބޭ މީހުންނަށް އަންނަ އޮގަސްޓް މަހުގެ ތެރޭ ގޯތި ހަވާލުކުރަން ފަށާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.
ކ. ގުޅިފަޅުގެ ދެވަނަ ފިޔަވަހީގެ ބިން ހިއްކުމުގެ މަސައްކަތް ރަސްމީކޮށް ފެއްޓުމަށް މިއަދު ހަވީރު ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ރައީސް ސޯލިހް ވަނީ ބިންވެރިޔާ ސްކީމާ ގުލޭ ގޮތުން ވާހަކަ ދައްކަވާފައެވެ. އެ ގޮތުން ބިން ވެރިޔާ ސްކީމްުގައި މީގެ ކުރިން 5000 ގޯތި ދޭން ނިންމާފައި ވީ ނަމަވެސް މިހާރު 6200 ގޯތި ދޭން ނިންމާފައިވާ ކަން ރައީސް ވަނީ އިއުލާން ކުރައްވާފައެވެ. މީގެ އިތުރުން ގޯތި ލިބޭ ފަރާތްތަކުގެ ތެރެއިން ފުރަތަމަ ބުރުގައި ގޯތި ލިބޭ ފަރާތްތަކަށް އަންނަ އޮގަސްޓް މަހުގެ ތެރޭގައި ގޯތި ދޭން ނިންމާފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ.
ގުޅީފަޅު ބިމަށް މި ސަރުކާރުން އިތުރު ކުރި 42 ހެކްޓަރުގެ ބިމާއެކު، މިހާރުވެސް ގުޅީފަޅު 68 ހެކްޓަރުގެ ބިން ވަނީ ހިއްކާ ނިމިފައި ކަމަށް ރައީސް ވިދާޅުވިއެވެ. މިއަދު މި ފަށާ މަޝްރޫއުގެ ދަށުން އިތުރު 150 ހެކްޓަރުގެ ބިން ގުޅީފަޅު ސަރަހައްދަށް އިތުރު ކުރެވޭނެ ކަމަށާއި ޖުމްލަ 218 ހެކްޓަރުގެ ބިން ގުޅީފަޅުގައި އޮންނާނެ ކަމަށް ރައީސް ވިދާޅުވިއެވެ. އެ ބިމުން މާލެ ރައްޔިތުންނަށް މަދުވެގެން 2000 ގޯތި ދޫކުރަން ނިންމާފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ.
ގިރާވަރުފަޅު ހިއްކުމުގެ މަސައްކަތް ގޮސްފައިވާ ހިސާބު ހާމަ ކުރައްވަމުން ރައީސް ވިދާޅުވީ، އެ ތަނުން 20 ހެކްޓަރުގެ ބިިން ހިއްކާފައިވާ ކަމަށެވެ. އެތަނުން ވެސް މަދުވެގެން 2000 ގޯތި ދޫކުރެވޭނެ ކަމަށާއި އަދި ހުޅުމާލެއިން ވެސް މަދުވެގެން 2200 ގޯތި ދެވޭނެ ކަމަށް ރައީސް ވިދާޅުވިއެވެ. އެހެންކަމުން މި ބުރުގައި ޖުމަލަ 6200 ގޯތި ދޫކުރަން ނިންމާފައިވާ ކަމަށް ރައިސް ވިދާޅުވިއެވެ.
ޖުމްލަ 23000 އަށް ވުރެ ފަރާތްތަކުން ފޯމް ހުށަހަޅާފައިވާ ބިންވެރިޔާ ސްކީމްގައި ޝަރުތު ހަމަވާ ފަރާތްތަކަށް ގޯތި ދޭނެ ކަމަށާއި އެ މަޝްރޫއު ނިމޭ އިރު އެ ސްކީމަށް ފޯމް ލައި ޝަރުތު ހަމަވާ ހުރިހާ ފަރާތްތަކަށް ގޯތި ދޭނެ ކަމަށް ރައީސް ވިދާޅުވިއެވެ.
ގޯތި ދިނުމަށް ހަމަޖެހިފައިވާ އެއް ސަރަހައްދު ކަމަށްވާ ގުޅީފަޅު ބިން ހިއްކުމުގެ މަސައްކަތް މިއަދު ފަށާފައިވާ އިރު، އަންނަ އަހަރު ތެރޭ އެ ސަރަހައްދުތަކަށް ދަތުރު ކުރެވޭ ގޮތަށް އަޅާ ބްރިޖްގެ މަސައްކަތް ނިމި އެ ބްރިޖުގައި ދަތުރުކުރެވޭނެ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ. އެ މަސައްކަތް އެހިސާބަށް ދިއުމުން ދެން ކުރައްވާނެ ކަމަކީ ގިރާވަރާ ހަމައަށް ބްރިޖް ގުޅާލުމުގެ މަސައްކަތް ކަމަށް ވެސް ރައީސް ވިދާޅުވިއެވެ. އަދި ބިންވެރިޔާ ސްކީމްގެ ދަށުން ގޯތި ދިނުމަށް ބޭނުންވާ ބިމުގެ އެއްބައި ހުޅުމާލެ ދެވަނަ ފިޔަވަހީގައި ވަނީ ހަމަޖެހިފައި ކަމަށް ރައީސް ވިދާޅުވިއެވެ.
ތިޔަ މަހުޖަނުން ތަކަށާއި، އިންޑިޔާ މީހުންނަށް ތިބިންތަށް ހަވާލުކުރޭ....ވަރަށް ރަގަޅު...