"ދަ ޑިމޮކްރެޓްސް" އުފެއްދުމަށް ބާއްވަން ޖެހޭ ޖަލްސާ އަންނަ ބުދަ ދުވަހުގެރޭ ބާއްވާނެ ކަމަށް، އެ ޕާޓީން ބުނެފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ތާއީދުކުރައްވާ މެންބަރުން އެމްޑީޕީން ވަކިވެވަޑައިގެން އުފައްދަވާ ޑިމޮކްރެޓްސް އުފެއްދުމަށްޓަކައި ބާއްވަން ޖެހޭ ޖަލްސާ ބޭއްވުމުގެ ހުއްދަ އިލެކްޝަންސް ކޮމިޝަނުން އެ ޕާޓީ އަށް ދިނީ މިއަދެވެ.

ކޮމިޝަނުން ޑިމޮކްރެޓްސް އުފެއްދުމުގެ ހުއްދަ ދީފައި ވަނީ، އެ ޕާޓީ އުފެއްދުމަށް 3،560 ފޯމު ހުށަހެޅިތާ މަސްދުވަސްވީ ފަހުންނެވެ.

މިކަމާ ގުޅިގެން ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ޑިމޮކްރެޓްސްގެ މުއައްސިސް އަދި ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފް ވިދާޅުވީ، ގިޔާުސުއްދީން ސްކޫލްގައި ޖަލްސާ ހިނގަމުންދާ ވަގުތު، ޕާޓީ އަށް ވަންނަން އެދޭ މީހުންނަށް އެ ފުރުސަތު ހުޅުވާލެވިފައި އެބަ އޮތް ކަމަށާއި، އެކަމުގެ އިންތިޒާމު ހަމަޖައްސާނެ ކަމަށެވެ.

ހަސަން ވިދާޅުވި ގޮތުގައި، ޑިމޮކްރެޓްސްގެ އަސާސީ ގަވައިދުގެ ޑްރާފްޓެއް ގާތްގަނޑަކަށް އެކުލަވާލައި ވަނީ ނިމިފައެވެ. ނަމަވެސް އެންމެ ފަހު ދުވަހާ ޖެހެންދެން ވެސް މަސައްކަތްކޮށް، އަސާސީ ގަވައިދާއި، ޕާޓީގެ ނަމާއި ކުލަ އާއި ލޯގޯ، އަދި ގާނޫނުގައި ކަނޑައަޅާފައި އެހެނިހެން ކަންކަން ވެސް އެ ޕާޓީ އުފެއްދުމަށް ބާއްވާ ޖަލްސާގައި ފާސްކުރާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

"ދަ ޑިމޮކްރެޓްސް" އުފެއްދުމަށް ބާއްވަން ޖެހޭ ޖަލްސާ ބާއްވަން ހުއްދަ ދީފައި މި ވަނީ އެ ހުއްދަ ދިނުން ލަސްކޮށްފައިވާ ކަމަށް ބުނެ، އިލެކްޝަންސް ކޮމިޝަނާ ދެކޮޅަށް ސިވިލް ކޯޓަށް މައްސަލަ ހުށަހަޅާފައި ވަނިކޮށެވެ.

ޑިމޮކްރެޓްސް އަށް މި ހުއްދަ ލިބުން ލަސްވަނީ ސަރުކާރުގެ ނުފޫޒުން ކަމަށް އެ ޕާޓީ އުފައްދަން އުޅޭ މެންބަރުން ތުހުމަތުކުރައްވާފައި ވެއެވެ.