އެޓްލާންޓިން ކަނޑަށް، ޓައިނޭނިކް ބަލަން ފީނި 5 މީހުންގެ ޖަގައިގެ ކުޑަ ސަބްމެރިން ފިތި ގޮވާ ހިނގި ހާދިސާ އަށް ފަހު، އޭތި އޮތް ތަނުން ނަގައިފިއެވެ.

އެމެރިކާގެ ކޯސްޓްގާޑުން ބުނީ، "ޓައިޓަން ސަބް" ކަނޑުގެ އަޑިން ނަގާފައި ވާ ކަމަށާއި، އިތުރު ތަހުލީލުތައް ކުރުމުގެ މަސައްކަތް ކުރަމުން ދާ އިރު، ނެގި ބައިތަކުގެ ތެރޭގައި މަރުވި މީހުންގެ ހަށިގަނޑު ނުވަތަ ހަށިގަނޑުގެ ބައިތައް ހުރެދާނެ ކަމަށް ބެލޭ ކަމަށެވެ.

ކެނެޑާގެ އެސްޓީ ޖޯންސް ނިއުފައުންޑްލޭންޑުގެ ބަނދަރަށް އޭތި ނަގާފައި ވާ އިރު އެއީ ޓައިނޭނިކް އޮތް ސަރަހައްދާ 600 ކިލޯމީޓަރު ދުރެވެ. އެއީ އޭތި އޮތް ސަރަހައްދު ކަމަށް ވެސް އޮފިޝަލުން ބުނެއެވެ.

މި މަހުގެ 18 ވަނަ ދުވަހު ގުޅުން ކެނޑި ގޮވި ޓައިޓަން ހޯދާ ނެގުމުގެ މަސައްކަތް ކުރާތާ 10 ދުވަސް ވީ އިރު، އޭތި ނެގުމުގެ މަސައްކަތުގައި 10 އުޅަނދެއް ދިޔައީ ހަރަކާތްތެެރި ވަމުންނެވެ.

ޓައިޓަން ސަބްގެ ބައިތައް ނަގާ ސަތަރި އަޅާ ބަންދުކޮށްފައި / ފޮޓޯ: ރޮއިޓާސް

ޓައިޓަންގައި އަޑިއަށް ގޮސް ގޮވާ އޭގައި ތިބި މީހުން މަރުވެފައި ވާ އިރު، އެ ކަމާ ގުޅިގެން ބޭއްވި ނޫސްވެރިންގެ ބައްދަލުވުންތަކުގައި އެމެރިކާގެ ކޯސްޓްގާޑުން ބުނެފައި ވަނީ، ކަނޑުގެ ސަތަހަ ސްކޭން ކުރުމަށް ހާއްސަ އުޅަނދު [ރޮބޮޓް] ބޭނުން ކޮށްގެން ކުރި މަސައްކަތުން ގޮވާފައި އޮތް ޓައިޓަން އޭރު ފެނުނީ ޓައިޓޭނިކް ރެކާ 1600 ފޫޓު ދުރުން ކަމަށެވެ.

ބަރު އުޅަނދުތައް ނެގުމަށް ހާއްސަ އޮޑީސަސް 6ކޭ ގެ އެހީގައި ޓައިޓަން މިހާރު ނަގާފައި ތަހުގީގީ މަރުހަލާގެ މަސައްކަތްތައް އަވަސް ކޮށްފައި ވާ އިރު، އެ ހާދިސާ ހިނގަން ދިމާވި ސަބަބު ދެނެގަތުގެ މަސައްކަތް ވެސް ދަނީ ކުރަމުންނެވެ.