އެޓްލާންޓިކް ކަނޑުގެ 3800 މީޓަރު އަޑީގައި އޮތް ޓައިޓޭނިކް ރެކް ކައިރިއަށް ދިޔަ "ޓައިޓަން ސަބްމާސިބަލް" ސަބްމެރިންގައި ތިބި 5 މީހުން މަރުވެފައިވާ ކަމަ ށްޔޫއެސްގެ ކޯސްޓް ގާޑުން ބުނެފިއެވެ.

ޓައިޓަން ސަބްމާސިބަލްގައި ދަތުރު ކުރި އެންމެން މަރުވެފައިވާ ކަމަށް ނިންމާފައި ވަނީ ސަބްމެރިން ގެއްލުނުތާ 5 ދުވަސް ފަހުން ރާއްޖެއަށް ރޭ ދަންވަރެވެ. ޔޫއެސް ކޯސްޓް ގާޑުން ބުނި ގޮތުގައި ގެއްލިފައިވާ ޓައިޓަން ސަބްމާސިބަލްގެ ސަބްމެރިންގެ ބައެއް ބައިތަށް އެޓްލާންޓިކް ކަނޑުގެ ގާތްގަނޑަކަށް 13،000 ފޫޓު އަޑިން ވަނީ ފެނިފައެވެ. އެ ބައިތަށް ފެނިފައި ވަނީ ކަނޑުއަޑިއަށް ފޮނުވި ރޮބަޓަކުން ޓައިޓޭނިކާ ގާތްގަނޑަކަށް 1،600 ފޫޓު ދުރުން ކަމަށް ކޯސްޓުގާޑުން ބުނެއެވެ.

ޓައިޓަން ސަބްމާސިބަލް ސަބްމެރިން "ކެޓަސްޓްރޯފިކް އިމްޕްލޯޝަން" އެއް ހިނގައި ހަލާކުވެފައިވާ ކަމަށް ކޯސްޓުގާޑުން ބުނެފައިވީ ނަމަވެސް އަދި މިހާތަނަށް އެ ސަބްމެރިންގައި ތިބި އެއްވެސް މީހަކު ފެނިފައެއް ނުވެއެވެ. "ކެޓަސްޓްރޯފިކް އިމްޕްލޯޝަން" އެއް ހިނގާފައި ވަނީ ކަނޑުއަޑީގެ ޕްރެޝާ މައްޗަށް ގޮސް ސްބްމެރިން ފިތި ފަޅަިއގެން ގޮސްގެން ކަމަށް ކޯސްޓު ގާޑުން ބުނެއެވެ.

އެމެރިކާ، ކެނެޑާ، އިނގިރޭސިވިލާން އަދި ފަރަންސޭސީންގެ އިތުރުން ތަޖުރިބާކާރު ޑައިވަރުން ބައިވެރިވެ ސަބްމެރިން ހޯދުމުގެ މަސައްކަތް ކޮށްފައިވާއިރު ސަބްމެރިން އަޑިއަށް ދިޔަ ދިމާއިން ކޮންމެ 30 މިނެޓަކުން އެއްޗެއްގައި ޖެހޭ އަޑު ދެނެގަނެވިފައި ވެއެވެ. ނަމަވެސް އިއްޔެ ޔޫއެސް ގަޑިން މެންދުރުފަހު 3:00ހާއިރު އިމްޕްލޯޝަންއެއްގެ އަޑު އިވިފައިވާ ކަމަށް ކޯސްޓުގާޑުން ބުނެއެވެ.

ސަބްމެރިންގައި ތިބީ ކޮން ބައެއް؟

  • ހަމީޝް ހާޑިން 58އ (މީގެ ކުރިން ސްޕޭސް އަށާއި ދެކުނު ދަނޑިއަށް އެތައް ފަހަރަކު ގޮސްފައި ވާ އެކްސްޕްލޯރާއެއް)
  • ޝަހްޒާރާ ދާއޫދު 48އ (ޕާކިސްތާނަށް ނިސްބަތްވާ މިލިއަނަރެއް އަދި ކިންގް ޗާލްސް އުފައްދަވާފައި އޮންނަ ދެ ފަންޑަކަށް ގައިވައިދުން ފައިސާގެ އެހީވާ މީހެއް)
  • ސުލެއިމާން ދާއޫދު 19އ (ޕާކިސްތާނުގެ މިލިއަނަރުގެ ދަރި އަދި ކިޔަވަމުން ދާ ދަރިވަރެއް)
  • ޕައުލް ހެންރީ ނެގޮލެޓް 77އ (ކުރިން ފްރާންސްގެ ނޭވީގައި އުޅެފައިވާ މީހެއްގެ އިތުރުން މީގެ ކުރިން އެހެން އެއްވެސް މީހަކަށް ވުރެ ގިނައިން ޓައިޓޭނިކް ރެކަށް ޑައިވް ކުރި މީހެއް)
  • ސްޓޮކްޓޮން ރަޝް 61އ (ސަބްމެރިންގެ ވެރިޔާ އަދި އޯޝަންގޭޓްގެ ސީއީއޯ)

ޓައިޓަން ސަބްމާސިބަލް ސަބްމެރިން އަކީ، 5 މީހުންގެ ޖާގައިގެ ކުޑަ ސަބްމެރިން އަކަށް ވާއިރު، 96 ގަޑިއިރު ކަނޑުއަޑީގައި އޮތުމުގެ ކުޅަދާނަކަން އެއަށް ލިބިގެން ވެއެވެ. އަދި އެ ފަރުމާ ކޮށްފައި ވަނީ 4000 މީޓަރަށް އަޑިއަށް ދެވޭ ފެންވަރަށެވެ. ޓޫރިސްޓް ސަބްމެރިން އެއް ގެ ގޮތުގައި ބޭނުން ކުރާ މި ސަބްމެރިން ގައި އަޑިއަށް ދިޔުމުގެ ޓިކެޓްގެ އަގަކީ 250،000 އެމެރިކާ ޑޮލަރެވެ. 8 ދުވަހުގެ ދަތުރަކަށް އެ ވަރު ޗާޖް ކުރާ އިރު، ކަނޑުއަޑީގައި ހުންނަ ރެކް [ޝިޕް ރެކް] ތަކަށް ގެންގޮސް ދިނުމާއި ފްރީ ޑައިވްތައް ކޮށްދިނުން ހިމެނެއެވެ.

އެ ސަބްމެރިންގައި 96 ގަޑިއިރުގެ އޮކްސިޖަން ރައްކާކުރެވޭ އިރު، އެއީ އެފަދަ ފުނަށް ދިޔުމަށް އެންމެ ރަނގަޅަށް ޑިޒައިން ކޮށްފައިވާ އުޅަނދެއް ނޫން ކަމަށް ބުނެ ފާޑުކިޔުންތައް ވެސް ވަނީ އަމާޒުވެފައެވެ. މި ސަބްމެރިންގެ ރައްކާތެރިކަމާ ބެހޭ ގޮތުން މީގެ ކުރިން އެ ކުންފުނީގައި މަސައްކަތް ކުރި ސަބްމެރިން އެކްސްޕާޓެއް ކަމަށް ވާ ޑޭވިޑް ލޮޗިރް ވަނީ މީގެ ކުރިން އިންޒާރު ކޮށްފައި ކަމަށް ވެސް މިހާރު އާންމުވެފައިވާ ވާހަކަތަކުގައި ވެއެވެ. އޭނާ އެވާހަކަ ދެއްކުމާ ގުޅިގެން އޭރު އޭނާ ވަޒީފާއިން ވަކިކުރި ކަމަށް ވެސް ބުނެއެވެ.

ޓައިޓޭނިކަކީ 1912 ވަނަ އަހަރު ކަނޑަށް ބޭލީ އިނގިރޭސި ޕަސެންޖާލައިނެކެވެ. އޭގެ ފުރަތަމަ ދަތުރުގައި އެޓްލާންޓިކް ކަނޑުން ދަތުރު ކުރަނިކޮށް އަޑިއަށް ދިޔައީ ބޮޑު އައިސް ފަރުބަދައެއްގައި ޖެހި ދިޔަވެ މެދުން ބިންދައިގެން ގޮސްގެންނެވެ. އެ ދަތުރަށް ޓައިނޭނިކް ފުރީ އިނގިރޭސިވިލާތުގެ ސައުތްހެމްޓަން އިން އެމެރިކާގެ ނިއުޔޯކަށް ދާށެވެ. ފަސެންޖަރުންނާއި ކްރޫއިން ހިމެނޭހެން 2224 މީހުން ތިބި އެ ކްރޫޒް އަޑިއަށް ދިޔަ ޙާދިސާގައި 1500 މީހުން މަރުވިއެވެ.