އެޓްލާންޓިކް ކަނޑުގެ 3800 މީޓަރު އަޑީގައި އޮތް ޓައިޓޭނިކް ރެކް ކައިރިއަށް ދިޔަ ކުޑަ ސަބްމެރިން ގެއްލުނުތާ 3 ދުވަސް ވާ އިރު ކޮންމެ 30 މިނެޓަކުން އަޑެއް އަންނަ ކަމަށް އެކްސްޕާޓުން ބުނެފިއެވެ.

އެމެރިކާ، ކެނެޑާ، އިނދިރޭސިވިލާން އަދި ފަރަންސޭސީންގެ އިތުރުން ތަޖުރިބާކާރު ޑައިވަރުން ބައިވެރިވެ ސަބްމެރިން ހޯދުމުގެ މަސައްކަތް ކުރާ އިރު، ސަބްމެރިން އަޑިއަށް ދިޔަ ދިމާއިން ކޮންމެ 30 މިނެޓަކުން އެއްޗެއްގައި ޖެހޭ އަޑު އަންނަ ކަމަށް ބުނެއެވެ.

ކަނޑުގެ އަޑިއަށް ގެއްލޭ އެފަދަ އުޅަނދުތައް ހޯދުމަށް ހާއްސަ ޕީ8 ނަމަކަށް ކިޔާ އުޅަނދަކަށް މި އަޑުތައް ރެކޯޑް ކުރެވޭ އިރު އެ އަޑު އަންނަނީ، ސަބްމެރިން އަޑިއަށް ދިޔަ ދިމާއިން ކަމަށް ވެސް ބުނެއެވެ. ސާޗް އެންޑް ރެސްކިއު ގެ މަސައްކަތުގައި އުޅޭ ފަރާތްތަކުން ބުނީ، މިހާތަނަށް 7600 ސްކެއާ މޭލު [އެމެރިކާގެ ކަނެކްޓިކަޓް އަށް ވުރެ ބޮޑު ސަރަހައްދެއް] ބަލާފައި ވާ ކަމަށާއި، އެ އަޑު ލިބުން ފިޔަވައި އަދި އިތުރު ކުރިއެރުމެއް ނުލިބޭ ކަމަށެވެ.

ނަމަވެސް މިއަދު ވަނީ ކަނޑުގެ އެހާ އަޑިއަށް ހާއްސަކޮށް ޓައިނޭޓިކް އޮތް ސަރަހަައްދަށް ދެވޭ ފްރާންސްގެ ވިކްޓާ 6000 ރޮބާޓު ހިފައިގެން ދަތުރު ކުރާ ފްރާންސްގެ މަނަވަރު އެސަރަހައްދަށް ގޮސްފައެވެ. އެ ރޮބަޓުގެ މަސައްކަތް ފެށުމުން އިތުރު އުއްމީދެއް އޮތް ކަމަށް އެކްސްޕާޓުން ބުނާ އިރު، ޓައިޏޭޓިކް ރެކާ ބެހޭ ފުރިހަމަ މައުލޫމާތު ހުރި އިނގިރޭސި ކުންފުންޏެއް ކަމަށް ވާ މެގަލަންގެ ތަޖުރިބާކާރުން ވެސް މިހާރު ވަނީ އެ މަސައްކަތާ ބައިވެރިވެފައެވެ.

އެކުންފުނިން ބުނެފައި ވަނީ އެމީހުންނަކީ ކަނޑުގެ ފުން ސަރަހައްދުތައް ބަލާ ދިރާސާ ކުރުމުގައި ފުރިހަމަ ތަޖުރިބާ އާއި އާލާތްތައް ހުރި ކުންފުންޏެއް ކަމަށާއި ގެއްލުނު ސަބްމެރިން ހޯދުމުގެ މަސައްކަތުގައި ބައިވެރިވެފައި ވާ ކަމަށެވެ.

އޯޝަންގޭޓް ނަމަކަށް ކިޔާ ކުންފުންޏަކުން އޮޕަރޭޓް ކުރާ 'ޓައިޓަން' ސަބްމެރިން އަކީ 4000 މީޓަރަށް އަޑިއަށް ދެވޭ 5 މީހުންގެ ޖާގައިގެ ކުޑަ ސަބްމެރިންއެކެވެ. އޭގައި 96 ގަޑިއިރުގެ އޮކްސިޖަން ރައްކާކުރެވޭ އިރު، އެއީ އެފަދަ ފުނަށް ދިޔުމަށް އެންމެ ރަނގަޅަށް ޑިޒައިން ކޮށްފައިވާ އުޅަނދެއް ނޫން ކަމަށް ބުނެ ފާޑުކިޔުންތައް މިހާރު އަމާޒުވަމުން ވެސް އެބަދެއެވެ. މި ސަބްމެރިންގެ ރައްކާތެރިކަމާ ބެހޭ ގޮތުން މީގެ ކުރިން އެ ކުންފުނީގައި މަސައްކަތް ކުރި ސަބްމެރިން އެކްސްޕާޓެއް ކަމަށް ވާ ޑޭވިޑް ލޮޗިރް ވަނީ މީގެ ކުރިން އިންޒާރު ކޮށްފައި ކަމަށް ވެސް މިހާރު އާންމުވެފައިވާ ވާހަކަތަކުގައި ވެއެވެ. އޭނާ އެވާހަކަ ދެއްކުމާ ގުޅިގެން އޭރު އޭނާ ވަޒީފާއިން ވަކިކުރި ކަމަށް ވެސް ބުނެއެވެ.

ސަބްމެރިންގައި ތިބީ ކޮން ބައެއް؟

  • ހަމީޝް ހާޑިން 58އ (މީގެ ކުރިން ސްޕޭސް އަށާއި ދެކުނު ދަނޑިއަށް އެތައް ފަހަރަކު ގޮސްފައި ވާ އެކްސްޕްލޯރާއެއް)
  • ޝަހްޒާރާ ދާއޫދު 48އ (ޕާކިސްތާނަށް ނިސްބަތްވާ މިލިއަނަރެއް އަދި ކިންގް ޗާލްސް އުފައްދަވާފައި އޮންނަ ދެ ފަންޑަކަށް ގައިވައިދުން ފައިސާގެ އެހީވާ މީހެއް)
  • ސުލެއިމާން ދާއޫދު 19އ (ޕާކިސްތާނުގެ މިލިއަނަރުގެ ދަރި އަދި ކިޔަވަމުން ދާ ދަރިވަރެއް)
  • ޕައުލް ހެންރީ ނެގޮލެޓް 77އ (ކުރިން ފްރާންސްގެ ނޭވީގައި އުޅެފައިވާ މީހެއްގެ އިތުރުން މީގެ ކުރިން އެހެން އެއްވެސް މީހަކަށް ވުރެ ގިނައިން ޓައިޓޭނިކް ރެކަށް ޑައިވް ކުރި މީހެއް)
  • ސްޓޮކްޓޮން ރަޝް 61އ (ސަބްމެރިންގެ ވެރިޔާ އަދި އޯޝަންގޭޓްގެ ސީއީއޯ)
ޓައިޓޭނިކް ކައިރިއަށް ދިޔަ ކުޑަ ސަބްމެރިންގައި ތިބި ސުލެއިމާންގެ ދެބަފައިން

މި މީހުން ހޯދުމުގެ މަސައްކަތް އަވަސްކޮށް ހަލުވި ކޮށްފައި ވާ އިރު، މިހާރު ބިރު ހީވެފައި ވަނީ އެމީހުން ދިރިތިއްބާ ސަލާމަތް ކުރެވިދާނެ ކަމާމެދުގައެވެ. ރޭ އެމެރިކާގެ ކޯސްޓްގާޑުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ބުނެފައި ވަނީ، އެ ސަބްމެރިންގައި ހުރީ 40 ގަޑިއިރުގެ އޮކްސިޖަން ކަމަށެވެ. ސަބްމެރިން އަޑިއަށް ދިޔައީ އާދީއްތަ ދުވަހު ކަމަށް ވެފައި އެއާ ގުޅުން ކެނޑުނު ފަހުން 48 ގަޑިއިރު ވެފައި ވުމުން، ދިރިތިބުމާ މެދު އޮތް ބިރު ބޮޑު ކަމަށް ބުނެއެވެ.

ޓައިޓޭނިކަކީ 1912 ވަނަ އަހަރު ކަނޑަށް ބޭލީ އިނގިރޭސި ޕަސެންޖާލައިނެކެވެ. އޭގެ ފުރަތަމަ ދަތުރުގައި އެޓްލާންޓިކް ކަނޑުން ދަތުރު ކުރަނިކޮށް އަޑިއަށް ދިޔައީ ބޮޑު އައިސް ފަރުބަދައެއްގައި ޖެހި ދިޔަވެ މެދުން ބިންދައިގެން ގޮސްގެންނެވެ. އެ ދަތުރަށް ޓައިނޭނިކް ފުރީ އިނގިރޭސިވިލާތުގެ ސައުތްހެމްޓަން އިން އެމެރިކާގެ ނިއުޔޯކަށް ދާށެވެ. ފަސެންޖަރުންނާއި ކްރޫއިން ހިމެނޭހެން 2224 މީހުން ތިބި އެ ކްރޫޒް އަޑިއަށް ދިޔަ ޙާދިސާގައި 1500 މީހުން މަރުވިއެވެ.

ޓައިޓޭނިކް ފިލްމުގައި ކޭޓް އާއި ލިއޯ

ޓައިތޭނިކް ހާދިސާގެ މައްޗަށް އެތައް ބައިވަރު ފިލްމުތަކެއް ހަދާފައި ވާއިރު ކޭޓް އާއި ލިއެނާޑޯ ކުޅެ 1997 ގައި ރިލީސް ކުރި ފިލްމަކީ ބޮކްސް އޮފީހުގައި 2.2 ބިލިއަން ޑޮލަރުގެ އާމްދަނީއެއް ހޯދި ކާމިޔާބު ފިލްމެކެވެ. އެ ފިލްމުގައި ސެލީންޑިއޯންގެ މަޝްހޫރު ލަވަ 'މައި ހާޓް ވިލް ގޯ އޮން' އަކީ ވެސް މަގުބޫލުވެގެން ދިޔަ ލަވައެކެވެ.

ކޭޓް އާއި ލިއެނާޑޯގެ ލޯބީގެ ގިނަ މަންޒަރުތައް ދައްކުވައިދިން އެ ފިލްމާ އެކު އެންމެ ގިނަ ބަޔަކު މީމް ކުރި އެއް މަންޒަރަކީ ލިއެނާޑޯ އާއި ކޭޓް، ޓައިނޭޓިކްގެ ދިރުނބާކޮޅަށް އަރާ ކޭޓް ދެއަތް ދަމާލާ އުދުހިލާ ގޮތް ދައްކާލާއިރު ފަހަތުން ލިއެނާޑޯ ކޭޓް ގައިގާ ބައްދާލައިގެން ހުންނަ މަންޒަރެވެ.