އަހަރެމެންގެ ހިތްތަކުގައި ހަސަދަވެރިކަމާއި އަދާވާތްތެރިކަން ނުބާއްވުމަށް އަޒުމް ކަނޑައަޅައި އެ ގޮތުގައި ދެމިހުރުމަށް އެންމެ ރަނގަޅު މުނާސަބަތަކީ އީދު ކަމަށް، ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

އީދު ދުވަހުގެ މުނާސަބަތުގައި ފޮނުއްވި ތަހުނިޔާގެ ހިތާބުގައި ރައީސް ވިދާޅުވީ، އީދު ފާހަގަކުރުމުގެ މަތިވެރި މަގްސަދުތަކުގެ ތެރޭގައި އިޖުތިމާއީ މަސްލަހަތު ރައްކާތެރިކުރުމާއި، އިސްލާމީ އެއްބަނޑުއެއްބަފާކަން އާލާ ކުރުމާއި، އާއިލީ ގުޅުންތައް ބަދަހިކުރުން ހިމެނޭ ކަމަށެވެ. އެމަނިކުފާނު ވިދާޅުވީ، އީދުގެ ކުރިން ފުރިހަމަކުރާ އަޅުކަންތަކުން އެ މަގްސަދުތައް ހާސިލްކުރުމަށް މަގުފަހިކޮށްދޭ ކަމަށެވެ.

ރައީސް ފޮނުއްވި ތަހުނިޔާގައި ވަނީ ހަތަރު ކަމަކަށް ގޮވާލައްވައިފައެވެ. އެގޮތުން އެމަނިކުފާނު ގޮވާލެއްވީ:

  • މައިންބަފައިންނާ ބައްދަލުކޮށް ތަހުނިޔާ ކިޔައި ގުޅުން ބަދަހިކުރުމަށް
  • އަނބިދަރިންނަށް ހަދިޔާ ދީ، އުފާ ފާޅު ކުރުމަށް
  • ގާތްތިމާގެ މީހުންނަށާއި ރަހުމަތްތެރިންނަށް ޒިޔާރަތްކޮށް ތަހުނިޔާ ބަދަލުކުރުމަށް
  • މުޖުތަމައުގައި ހިތްހަމަޖެހުމާއި އަމާންކަން ފެތުރުމަށް

މިފަދަ ކޮންމެ މުނާސަބަތެއްގައި ފަގީރުންނާއި މިސްކީނުން މަތިން ހަނދާންކޮށް، އެ މީހުންނަށް ވެސް އުފަލާއި ހިތްހަމަޖެހުން ހޯދައިދިނުމަށް މުޅި މުޖުތަމައު އެކުގައި މަސައްކަތްކުރަން ޖެހޭ ކަމަށް ވިދާޅުވެ، ރައީސް ގޮވާލެއްވީ އާއިލާގެ ތެރޭގައި ވެސް އެފަދަ ބަޔަކު ތިބި ނަމަ، އެ ބަޔަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށެވެ.

ކުރިއަށް އޮތީ އަޟްހާ އީދު ކަމުން، އަޟްހާ އީދާ ގުޅިފައިވާ ހައްޖުގެ އަޅުކަމުގައި ހިމެނޭ ކޮންމެ ކަމަކުން އިބުރަތް ހާސިލްކުރަން ޖެހޭ ކަމަށާއި، ހައްޖުގެ އަޅުކަމުގައި ހިމެނޭ ކަންކަމުން ރަމްޒުކޮށްދެނީ އިންސާނީ ދަރިފަސްކޮޅުގެ މެދުގައި އޮންނަންވީ ގާތް ގުޅުމާއި، އެކަކު އަނެކަކަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ މުހިންމުކަން ކަމަށެވެ.

އީދުގެ އެންމެ މަތިވެރި އެއް މަގްސަދަކީ އެކަކު އަނެކަކަށް މައާފުކޮށް ހިތްހެޔޮކުރުން ކަމުން، ޒާތީ ހަސަދައިން އެއްކިބާވެ، ކިތަންމެ ކުޑަކޮށް ވިޔަސް ހަސަދަވެރިކަމާއި އަދާވާތްތެރިކަން ހިތުތެރޭގައި ނުބޭއްވުމަށް ރައީސް ގޮވާލެއްވިއެވެ.

"އަޅުގަނޑުމެންގެ ހިތްތަކުގައި ކިތަންމެ ކުޑަ މިންވަރެއްގެ ވިޔަސް، ހަސަދަވެރިކަމާއި އަދާވާތްތެރިކަމެއް ނުބޭއްވުމަށް އަޒުމް ކަނޑައަޅައި އެ ގޮތުގައި ދެމިހުރުމުގެ މަސައްކަތް ފެށުމަށް މިއީ ނުހަނު ރަނގަޅު މުނާސަބަތެއް،" އީދު ދުވަހުގެ މުނާސަބަތުގައި ދެއްވި ހިތާބުގައި އެމަނިކުފާނު ވިދާޅުވިއެވެ.