މާލެ ސަރަހައްދުން މާލެ ރައްޔިތުންނަށް ބިން ދިނުމަށްޓަކައި ގިރާވަރު ފަޅު ހިއްކުމަށް ކުރާ މަސައްކަތް ކުރިއަށް ދާއިރު، މި މަޝްރޫއަށް ގުޅީފަޅުން ވެސް ބިން ހިއްކަން ފެށުމަށް ތައްޔާރުވެފައިވާ ކަމަށް ހައުސިން މިނިސްޓަރު މުހައްމަދު އަސަލަމް ވިދާޅުވެއްޖެއެވެ.
މާލެ ރައްޔިތުންނަށް ގޯތި ދޫކުރުމަށް ބިންވެރިޔާ ސްކީމްގެ ދަށުން ބިން ދޫކުރަން ހަމަޖެހިފައި ވަނީ ހުޅުމާލެ، ގުޅިފަޅު އަދި ގިރާވަރުންނެވެ. ފުރަތަމަ ބުރުގައި 5000 މީހުންނަށް ގޯތި ދޭން ނިންމާފައިވާ އިރު، އެ ގޯތި ދޭން ނިންމާފައި ވަނީ ވެސް މި ތިން ސަރަހައްދުންނެވެ.
މި ކަމާ ގުޅިގެން ބިން ހިއްކުމުގެ ތަފްސީލް ހާމަކުރައްވަމުން އަސްލަމް ވިދާޅުވީ، ގިރާވަރު ފަޅު ހިއްކުމުގެ މަސައްކަތް މިހާރުވެސް ފެށިގެން ކުރިއަށް ދާ ކަމަށާއި ގުޅީފަޅު ހިއްކުމުގެ މަސައްކަތުގައި ޑްރެޖަރު މޮބަލައިޒް ކޮށްފައި ވާ ކަމަށެވެ. އަންނަ މަހުގެ ކުރީކޮޅު ގުޅީފަޅު ހިއްކުމުގެ މަސައްކަތް ފެއްޓޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.
މިހާރުވެސް އެތަންތަން ހިއްކައި ގޯތި ދޭނެ ތަންތަން ކަނޑައަޅައި ޗާޓުގައި ފާހަގަކޮށްފައިވާ ކަން ފާހަގަ ކުރައްވަމުން އަސްލަމް ވިދާޅުވީ، ހުޅުމާލޭގައި މިހާރު ލިބެން ހުރި ބިންތައް މި ސްކީމުގައި ބިން ދޫކުރުމަށް ބޭނުން ކުރާނެ ކަމަށާއި އަދި ހުޅުމާލެއިން ބިން ހިއްކާ ސަރަހައްދުންވެސް ކޮންމެވެސް މިންވަރަކަށް ބިން ދޫކުރާނެ ކަމަށެވެ.
އެގޮތުން ހުޅުމާލެ އިން މިވަގުތު ވެސް 1556 ބިން ދޫކުރެވޭނެ ކަމަށާއި އަދި އެއަށް ވުރެވެސް އިތުރުވާނެ ކަމަށް އަސްލަމް ވިދާޅުވިއެވެ. ގުޅިފަޅާއި ގިރާވަރު ފަޅުން، މިއިން ކޮންމެ ތަނަކުން 1517 ބިން ނެގޭނެ ކަމަށް އޭނާ ވިދާޅުވިއެވެ. އެ ތިން ސަރަހައްދުން ވެސް 5000 ގޯތި ނެގޭނެ ކަމަށާއި އަދި މިހާރު މާލެ ސަރަހައްދުން ބިން ހިއްކަން ޕްލޭންކޮށްފައި އޮތް މިންވަރަށް ވުރެ ވެސް އިތުރަށް ވެސް ބިން ހިއްކެން އެބަ އޮތް ކަމަށް އަސްލަމް ވިދާޅުވިއެވެ. އެހެންކަމުން 5000 މީހުންނަށް ގޯތި ދިނުމަށް ފަހު ޝަރުތު ހަމަވާ ކަމަށް ބުނެ މިފަހަރު ގޯތި ނުދޭ ފަރާތްތަކަށް ވެސް ފަހުން ގޯތި ދެވޭނެ ކަމުގެ ޔަގީން ކަން އަސްލަމް ދެއްވިއެވެ.
މިއަހަރު ފެށުނު އިރު ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އެމްޑީޕީ ޕްރައިމަރީ ކެމްޕެއިން ތެރޭގައި ދަރުބާރުގޭގައި ބޭއްވި ބައްދަލުވުމެއްގައި ވާހަފުޅު ދައްކަވަމުން ވެސް ވަނީ ގިރާވަރުފަޅު ހިއްކުމުގެ އަމަލީ މަސައްކަތް ފަށާފައިވާ ކަން އިއުލާން ކުރައްވާފައެވެ. އަދި މިއަހަރުގެ މެދެއް ހާ ހިސާބުގައި އެ ސަރަހައްދު ހިއްކުމުގެ މަސައްކަތް ނިންމާލެވޭނެ ކަމަށް ވެސް ރައީސް ވަނީ ވިދާޅުވެފައެވެ.
ރެޒިޑެންޝަލް ސިޓީއެއްގެ ގޮތުގައި ގިރާވަރު ފަޅު ތަރައްގީ ކުރަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ ގަރާރެއް ވެސް ނެރުއްވާފައެވެ. އެ ގަރާރަކީ ދައުލަތުގެ އާންމު މަންފާއަކަށްޓަކައި ހާސިލުކުރަން ބޭނުންވާ އިގްތިސޯދީ ސިޔާސަތެއްގެ ދަށުން ހިންގާ މުހިންމު މަޝްރޫތައް ކަނޑައެޅުމަށް އެކަށައެޅި ގަރާރެކެވެ. އެ ގަރާރުގައި ވާ ގޮތުން ދައުލަތުގެ އާންމު މަންފާއަކަށްޓަކައި ހާސިލް ކުރަން ބޭނުންވާ އިގްތިސޯދީ ސިޔާސަތެއްގެ ދަށުން ހިންގަން ކަނޑައަޅާފައިވާ އެ މަޝްރޫއަށް އެންމެ ދަށްކޮށް ހަރަދު ކުރެވޭނެ އަގަކީ ފަސް މިލިއަން ޑޮލަރެވެ.