މާލެ ރަށްވެހިންނަށް ގޯތި ދޫކުރާ ބިންވެރިޔާ ސްކީމްގެ މިއަދު އިއުލާން ކުރި ވަގުތީ ލިސްޓުގައި ކުރީގެ ނައިބު ރައީސް އަހްމަދު އަދީބަށް ގޯތި ލިބިފައިވާ ކަން ހާމަވެއްޖެއެވެ.

މިއަދު އާންމުކުރި ލިސްޓުގައިވާ ގޮތުން އަދީބށް ގޯތި ލިބިފައި ވަނީ ހ. ސާމަރާ ގެއިން 3 މީހުން އެކުވެގެން ހުށަހަޅާފައިވާ ޖޮންއިންޓް ފޯމުން 2 މީހުންގެ ޝަރުތު ހަމަވެ، ޖުމްލަ 69.18 ޕޮއިންޓް ލިބިގެންނެވެ.

އަދީބަށް ގޯތި ލިބިފައިވާ އިރު، އޭނާ ދިރިއުޅެމުން އަންނަނީ އަމީން އެވެނިއުގައި ހުންނަ ފްލެޓެއްގައެވެ.

އަދީބުގެ އިތުރުން މަޖިލީހުގެ 10 މެންބަރަކަށް ވެސް ވަނީ ގޯތި ލިބިފައެވެ. އޭގެ ތެރޭގައި ހިމެނެނީ ސަރުކާރު ހިންގާ މައި ޕާޓީ އެމްޑީޕީގެ ފަސް މެންބަރަކާއި، "ދަ ޑިމޮކްރެޓްސް"ގެ ހަތަރު މެންބަރަކާއި، އެމްއެންޕީގެ މެންބަރެކެވެ.

ދަ ޑިމޮކްރެޓްސްގެ މެންބަރުންގެ ތެރޭގައި ހިމެނެނީ ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފާއި، މައްޗަންގޯޅި އުތުރު ދާއިރާގެ މެންބަރު މުހައްމަދު ރަޝީދާއި، ފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަހުމީ އާއި، މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހީމް ރަޝީދެވެ.

އެމްޑީޕީ މެންބަރުންގެ ތެރޭގައި ހިމެނެނީ ހެންވޭރު އުތުރު ދާއިރާގެ މެންބަރު އިބްރާހީމް މުއިއްޒު އާއި، މައްޗަންގޯޅި ދެކުނު ދާއިރާގެ މެންބަރު އަހްމަދު ހައިތަމް އާއި، މާފަންނު ހުޅަނގު ދާއިރާގެ މެންބަރު މުހައްމަދު ފަލާހު އާއި އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމާއި އޭނާގެ ފިރިކަލުން ކިނބިދޫ ދާއިރާގެ މެންބަރު މުހައްމަދު ނާޝިޒްއެވެ.

ގޯތި ލިބުނު އެމްއެންޕީގެ މެންބަރަކީ ވިލިމާލެ ދާއިރާގެ މެންބަރު އަހްމަދު އުޝާމެވެ.