ކުރިއަށް އޮތް އަޟްހާ އީދަށް ތައްޔާރުވުމުގެ ގޮތުން މާލެ ސިޓީ ކައުންސިލުން ތައްޔާރު ކުރި ގިޑިގެ ތަކާއި ކުލަބޮކިތަކުން މާލެ އާއި ވިލިމާލެ ދިއްލާލައިފި އެވެ.

އަޟްހާ އީދުގެ މުނާސަބާގައި މާލޭގެ ބޮޑުތަކުރުފާނު މަގާއި މަޖީދީމަގު އަދި ސޯސަންމަގުގެ އިތުރުން ވިލިމާލެ ހިމެނޭހެން ބައެއް ބޮޑެތި މަގުތައް ޒީނަތްތެރިކޮށް ވަނީ ދިއްލާލާފައެވެ. ޖުމްހޫރީ މައިދާން ސަރަހައްދުގައި ސިޓީ ކައުންސިލުން ބޭއްވި ހާއްސަ ރަސްމިއްޔާތަކާއެކު ގިޑިގެތައް ދިއްލާފައި ވަނީ މިރޭގެ މައްރިބް ނަމާދަށް ފަހުއެވެ.

އެ ރަސްމިއްޔާތުގައި ސިޓީ ކައުންސިލްގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒާއި ކައުންސިލުގެ ބައެއް މެމްބަރުން އަދި އާންމުން ވަނީ ބައިވެރިވެފައެވެ. ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މުއިއްޒު ވިދާޅުވީ ރާއްޖެއަކީ 100 އިންސައްތަ މުސްލިމް ގައުމެއް ކަމަށާއި އަދި މާލެއަކީ ވެރިކަން ކުރާ ރަށަށް ވާއިރު، އީދު ފަދަ މުސްލިމުން ފާހަގަ ކުރާ މުނާސަބަތުތައް ވަރަށް ރަސްމީކޮށް ފާހަގަކުރަން ޖެހޭ ކަމަށް ގަބޫލުކުރައްވާ ކަމަށެވެ.

އީދާ މާލޭގައި ހަދާފައިވާ ގިޑިގެތައް ދިއްލާފައި

މީގެ އިތުރުންވެސް އީދު ފާހަގަކުރުމުގެ ގޮތުން މާލޭގައި ސިޓީ ކައުންސިލުން އުޟްހިޔާ ކަތިލާ އާންމުންނަށް ބަހާނެ ކަމަށްވެސް މުއިއްޒު ވަނީ ވިދާޅުވެފައެވެ. އަދި މާލެ އާއި ވިލިމާލޭގައި ޖުމްލަ 22 ގިޑިގެ އާއެކު 2224 ބޮކި ވަނީ ދިއްލާފައެވެ. މިއީ އީދަކަށް މާލޭގައި އެއްފަރާ މިހާ ގިނަ ބޮކި ދިއްލި ފުރަތަމަ ފަހަރުކަން ފާހަގަ ކުރެވެއެވެ.

ބައެއް މަގުތަކުގައި ގިޑިގެ ތަކުގައި ވަނީ "އީދު މުބާރަކު" ޖަހާ ދިއްލާލާފައެވެ. ބައެއް ގިޑިގެތަކުގައި މަލާމެލި ސިފަވާނެ ހެން ކުލަތަކުން ވަނީ ދިއްލާލާފައެވެ.

އީދާ މާލޭގައި ހަދާފައިވާ ގިޑިގެތައް ދިއްލާލައިފައި

އީދު ދުވަހު ބޮޑު ޖަމާއަތުގައި އީދު ނަމާދު ކުރުމަށްވެސް ވަނީ ހަމަޖެހިފަ އެވެ. އެގޮތުން ބޮޑުޖަމާއަތް ބޭއްވުމަށް ހަމަޖެހިފައި ވަނީ މާފަންނު ސްޓޭޑިއަމް، އިސްލާމީ މަރުކަޒާއި މައިދާން ސަރަހައްދު، ސަލްމާން މިސްކިތާއި މާބަލް ސަރަހައްދު، ހުޅުމާލެ ފުރަތަމަ ފިޔަވަހީގެ ސިންތެޓިކް ޓްރެކް، ހުޅުމާލެ ދެވަނަ ފިޔަވަހީގެ ކްރިކެޓް ސްޓޭޑިއަމް އަދި ވިލިމާލެ ފުޓްބޯޅަ ދަނޑުގަ އެވެ.