ސަރުކާރުން ކުރިއަށް ގެންދާ "ބިންވެރިޔާ" ސްކީމްގެ ދަށުން ގޯތި ލިބޭ މީހުންގެ ވަގުތީ ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

"ބިންވެރިޔާ" ސްކީމްގެ ދަށުން ސަރުކާރުން 5،000 ފަރާތަކަށް ގޯތި ދޭން ނިންމައި، މިއަދު ވަގުތީ ލިސްޓު އާންމުކުރުމަށް ވަނީ ނިންމައިފައެވެ. އެ ލިސްޓުގައި ޑިސްކޮލިފައިވީ ފަރާތްތަކާއި ގޯތި ލިބޭ ފަރާތްތައް އާންމުކޮށްފައި ވާނެ ކަމަށް، ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް ވިދާޅުވިއެވެ.

އެ ސްކީމްގެ ދަށުން ދޫކުރާ ގޯތީގެ މައުލޫމާތު ހިއްސާކުރުމަށް ރައީސް އޮފީހުގައި މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި އަސްލަމް ވިދާޅުވީ، ނޫސްވެރިންގެ ބައްދަލުވުމަށް ފަހު ވަގުތީ ލިސްޓު މިއަދު ގެޒެޓުކުރާނެ ކަމަށާއި، އެ ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު އަންނަ މަހުގެ 15 ގެ ނިޔަލަށް ހުޅުވާލާނެ ކަމަށެވެ.

އޭނާ ވިދާޅުވި ގޮތުގައި، ޖުލައި 15 އަށް ފަހު، ހުށަހެޅިފައިވާ ޝަކުވާތައް ބަލައި ލިސްޓު ރިވިއުކުރުމަށް ފަހު ދާއިމީ ލިސްޓު މާ ގިނަ ދުވަސްތަކެއް ނުވެ ނެރޭނެއެވެ. އޭރުން ބިން ދޭނީ ކޮން ތަނަކުން ކަން ލިސްޓާ އެކު އާންމުކުރާނެ ކަމަށް އަސްލަމް ވިދާޅުވިއެވެ. ނަމަވެސް، ދާއިމީ ލިސްޓު އާންމުކުރާނެ ސީދާ ތާރީހެއް ވިދާޅެއްނުވެއެވެ.

ގޯތި ހޯދުމަށް ހުށަހަޅާފައިވާ ހުރިހާ ފަރާތްތަކަށް ވެސް ގޯތި ދިނުމަށް ރައީސް އިބްރާޙިމް މުހައްމަދު ސޯލިހު ނިންމަވާފައިވާ ކަމަށާއި، މި ފަހަރު 5،000 ފަރާތަކަށް ގޯތި ދޭން ނިންމާފައިވާ އިރު، އަދި ކުރިއަށް އޮތް ތަނުގައި ފޯމް ހުށަހެޅި ފަރާތްތަކުގެ ތެރެއިން ބާކި ތިބި ފަރާތްތަކަށް ގޯތި ދޭން ނިންމާފައިވާ ކަމަށް އަސްލަމް ވިދާޅުވިއެވެ. އުންމީދު މި ކުރަނީ މި ސިޔާސަތުތައް ތަންފިޒު ވެގެން ދާއިރު ރާއްޖޭގެ ރައްޔިތުންނަށް ތަނަވަސް ދިރިއުޅުމަށް މަގުފަހިވެގެން ދާނެ ކަމަށް ގަބޫލު ކުރައްވާ ކަމަށް އަސްލަމް ވިދާޅުވިއެވެ.

ބިންވެރިޔާ ސްކީމަށް ހުށަހަޅާފައިވާ ޖުމްލަ 15،164 ފޯމެއް ހުށަހަޅާފައިވާ އިރު، އެ ފޯމް ހުށަހަޅާފައި ވަނީ 23،088 މީހުންނެވެ. އޭގެތެރެއިން ޝަރުތު ހަމަވަނީ 12،794 ފީމް ކަމަށާއި ޝަތުރު ހަމަނުވާ 2،370 ފޯމް ކަމަށް ގެދޮރުވެރިންގެ ކޮމިޓީން ބުނެއެވެ.

މި ފަހަރު ބިންވެރިޔާ ސްކީމްގެ ދަށުން 5،000 ފަރާތަކަށް ގޯތި ދޭން ނިންމާފައިވާ އިރު، އޭގެތެރޭގައި ހިމެނެނީ 10،314 މީހުންނެވެ. އެއީ މި ސްކީމަށް ފޯމް ހުށަހެޅި މިީހުންގެ ތެރެއިން ޝަރުތު ހަމަވާ މީހުންގެ 52 ޕަސެންޓް މީހުންނަށް މި ފަހަރު ގޯތި ދޭން ވަނީ ނިންމާފައެވެ. ގޯތި ދޭން ނިންމި ލިސްޓުގައި ނުހިމެނޭ ނަމަވެސް ޗަރުތު ހަމަވާ 9544 މީހުން ހިމެނޭ އިރު، އެ މީހުންނަށް ދެން ގޯތި ދޭ ބުރުގައި ފުރުސަތު ލިބޭނެ ކަމަށް ގެދޮރުވެރިންގެ ކޮމިޓީން ބުނެއެވެ.

މި ފަހަރު ގޯތި ނުލިބޭ މީހުންގެ ތެރޭގައި ވެސް ވަކިން ފޯމް ހުށަހަޅާފައިވާ ފަރާތްތައް ގިނަ ކަން ފާހަގަ ކުރަމުން އެ ކޮމިޓީން ބުނީ، އެމީހުންނަށް ޖޮއިންޓް ވެގެން ހުށަހެޅުމުގެ ފުރުސަތު އޮންނާނެ ކަމަށެވެ.