ކުރީގެ ސަރުކާރުން ކުރިއަށް ގެންދިޔަ ބޯހިޔާވަހިކަމުގެ އެންމެ ބޮޑު ދެ މަޝްރޫއު ކަމަށްވާ "ބިންވެރިޔާ" އަދި "ގެދޮރުވެރިޔާ" ސްކީމްގެ ދަށުން ގޯއްޗާއި ފްލެޓް ލިބިފައިވާ ފަރާތްތަކަށް، އެ ތަންތަން ދޫކޮށްލުމަށްފަހު އަލުން ގޯއްޗާއި ފްލެޓަށް ހުށަހެލޭނީ އަންނަ މަހުގެ 10 ވަނަ ދުވަހުން ފެށިގެން ކަމަށް ހައުސިން މިނިސްޓްރީން ބުނެފިއެވެ.
ހައުސިން މިނިސްޓްރީން ވަނީ "ބިންވެރިޔާ" ހާއްސަ ސްކީމުގެ ކެޓަގަރީ 3 ގެ ދަށުން ފްލެޓާއި ގޯއްޗަށް ހުށަހަޅާނެ އުސޫލު މިހާރު އާންމުކޮށްފައެވެ. މި އާ އުސޫލަށް އަމަލުކުރަން ފަށައި، ގޯއްޗާއި ފްލެޓް ދޫކޮށްލުމަށް އެދި ހުށަހެޅުމުގެ ފުރުސަތު އާންމުކޮށް ހުޅުވާލާނީ މެއި 10 ވަނަ ދުވަހުން ފެށިގެން މެއި މަހުގެ ނިިޔަލަށް ކަމަށް ބުނެފައި ވެއެވެ. މިއީ ޖޮއިންޓްކޮށް ނުވަތަ އެތައް ބަޔަކު ގުޅިގެން ފޯމު ހުށަހަޅައިގެން ގޯއްޗާއި ފްލެޓް ލިބިފައިވާ ފަރާތްތަކަށް، އެ މީހުންގެ ނިންމުން ބަދަލުކުރުމަށް ނުވަތަ އެއްބަސްވުންތަކުން ވަކިވުމަށް ފަހިކޮށްދިނުމުގެ ގޮތުން ސަރުކާރުން ގެނައި ބަދަލެކެވެ.
މި އުސޫލުގެ ދަށުން ގޯއްޗާއި ފްލެޓް ދޫކޮށްލުމުގެ އެންމެހާ ކަންކަން ކުރިއަށް ގެންދާނީ ސަރުކާރުގެ ރަސްމީ "ހިޔާވެހި" ޕޯޓަލް މެދުވެރިކޮށެވެ. ހައުސިން މިނިސްޓްރީން ބުނީ، ޖޮއިންޓް އެޕްލިކޭޝަން ގޮތުގައި ގުޅިގެން ފޯމު ހުށަހަޅައިގެން ގޯތި ލިބިފައިވާ ފަރާތްތަކުގެ ތެރެއިން އެކަކު ނުވަތަ އެއަށްވުރެ ގިނަ ބަޔަކު އެ ގޯއްޗަކުން އުނިވާން ބޭނުންވާނަމަ، އެފުރުސަތު ލިބޭނެ ކަމަށެވެ. އަދި އެގޮތަށް އުނިވާ ފަރާތްތަކަށް، ސަރުކާރުން ކުރިމަގުގައި އިއުލާނުކުރާ ބޯހިޔާވަހިކަމުގެ އެހެން މަޝްރޫއުތަކަށް ކުރިމަތިލުމުގެ ފުރުސަތު އޮންނާނެ ކަމަށްވެސް ބުނެފައި ވެއެވެ.
މީގެ އިތުރުން، ގޯތި ނުވަތަ ފްލެޓް އެއްކޮށް ދޫކޮށްލަން ބޭނުންވާ ފަރާތްތަކަށް ވެސް އެކަން ކުރެވޭނެ އިންތިޒާމު ވަނީ ހަމަޖައްސާފައެވެ. ނަމަވެސް، ގުޅިގެން ހުށަހަޅާފައިވާ ފޯމެއް ނަމަ، އެއްވެސް ބަދަލެއް ގެނެވޭނީ ފޯމުގައި ހިމެނޭ ހުރިހާ ފަރާތްތަކެއްގެ ރުހުން ލިޔުމުން ލިބިގެންކަން ހައުސިން މިނިސްޓްރީން ބުނެފައި ވެއެވެ. މިގޮތަށް ހުށަހަޅާއިރު، ދޫކޮށްލާ ފަރާތްތަކުގެ އައިޑީ ކާޑުގެ ކޮޕީއާއި، އެއްބަސްވުން އުވާލާކަމުގެ ލިޔުންތައް ޕޯޓަލްއަށް އަޕްލޯޑުކުރަން ޖެހޭނެ ކަމަށް ވެސް ބުނެފައި ވެއެވެ.
ބިން ވެރިޔާ ހާއްސަ ސްކީމްުގެ ދަށޫން ގޯތި ދޫކުރަން ހަމަޖެހިފައި ވަނީ ރަސްމާލެއިންނެވެ. ގޯތީގެ ގިތުގައި ދޫކުރަން ހަމަޖެހިފައި ވަނީ 1250 އަކަފޫޓުގެ ގޯތި ކަމަށް ހައުސިން މިނިސްޓްރީން ބުނެއެވެ. ފްލެޓް ދޫކުރާ އިރު ދޫކުރާ މާލެ ސަރަހައްދުން ކަމަށާއި އަދި ފްލެޓް ދޫކުރަން ހަމަޖެހިފައި ވަނީ އެފޯޑަބަަލް ހޯމް އޯނަޝިޕް މޮޑެލް އަދި ރެންޓުއޯން މޮޑެލްގެ ދަށުންނެވެ.
ބިންވެރިޔާ ސްކީމްގެ އުސޫލަށް މި ބޮޑު ބަދަލު ގެންނަން ސަރުކާރުން ނިންމީ، ގުޅިގެން ފޯމު ހުށަހެޅި ގިނަ ބަޔަކަށް އެކި ކަހަލަ އިޖުތިމާއީ އަދި އާއިލީ މައްސަލަތަކާ ކުރިމަތިވެ، އެކަމުގެ ގިނަ ޝަކުވާތަކެއް ހައުސިން މިނިސްޓްރީއަށް ހުށަހަޅަމުން ދިއުމާ ގުޅިގެންނެވެ. ޕޮއިންޓް އިތުރުކުރުމުގެ ބޭނުމުގައި ގިނަ ބަޔަކު ގުޅިގެން ފޯމު ހުށަހެޅި ނަމަވެސް، ފަހުން އާއިލީ މައްސަލަތައް ޖެހުމާއި، ދެމަފިރިން ވަރިވުން ފަދަ ކަންކަމާ ގުޅިގެން ގޯތި ބެހުމުގައި ބޮޑެތި ދަތިތަކެއް ވަނީ ކުރިމަތިވެފައެވެ. ބައެއް ހާލަތްތަކުގައި، އެއްބަސްވުމުގައި ހިމެނޭ އެއް ފަރާތުން މާލީ ގޮތުން ޒިންމާ ނުނެގުމުގެ ސަބަބުން އަނެއް ފަރާތަށް ބޮޑެތި ގެއްލުންތަކާ ކުރިމަތިލާންޖެހިފައި ވެއެވެ.
މި އުސޫލާ އެއްގޮތަށް ފޯމް ހުށަހެޅުމުގެ ކުރިން، ގެޒެޓުގައި ޝާއިއުކޮށްފައިވާ އުސޫލުތައް ރަނގަޅަށް ދިރާސާކޮށް، ފުރިހަމަކުރަންޖެހޭ ލިޔެކިޔުންތައް ތައްޔާރުކުރުމަށް ހައުސިން މިނިސްޓްރީން ވަނީ އިލްތިމާސްކޮށްފައެވެ. އަދި މި މަރުހަލާއާ ގުޅޭގޮތުން އިތުރު މައުލޫމާތު ސާފުކުރަން ބޭނުންވާ ފަރާތްތަކުން ހައުސިން މިނިސްޓްރީގެ ހޮޓްލައިނަށް ގުޅުމަށް ނުވަތަ ރަސްމީ ވެބްސައިޓަށް ޒިޔާރަތްކުރުމަށް ވަނީ އަންގާފައެވެ.
