މި އަންނަ ހޯމަ ދުވަހުގެ ރޭ އިދިކޮޅު ޕީޕީއެމް/ ޕީއެންސީ އަދި "ދަ ޑިމޮކްރެޓްސް" އިން ކަންމަތީ ބޮޑު ޖަލްސާއެއް ބާއްވަން ނިންމައިފިއެވެ.

މިއަދު އެ ޕާޓީތަކުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޕީޕީއެމްގެ ނައިބު ރައީސް އަދި ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމް ވިދާޅުވީ ޖުލައި 3 ވަނަ ދުވަހުގެ ރޭ ތިން ޕާޓީ ގުޅިގެން ބާއްވާ ވަރުގަދަ ކަންމަތީ ޖަލްސާއެއް އޮންނާނެ ކަމަށެވެ.

އެ ޕާޓީތައް އެކީގައި ކުރާ މަސައްކަތްތައް ފެންނާނެ ކަމަށާއި ޑިމޮކްރެޓްސް އުފެއްދުމުގެ މަސައްކަތްތައް ނިމުމުން ޖަގަހަ ޖަލްސާތަކުންވެސް އެއްބަޔަކު އަނެއް ބަޔެއްގެ ޖަލްސާތަކުން ވެސް މަސައްކަތްތައްވެސް ފެންނާނެ ކަމަށް ޝިޔާމް ވިދާޅުވިއެވެ. އަދި މި ސަރުކާރު ޖަވާބު ދާރީކޮށް ބަލިކަށިކޮށް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެރިކަމުން ބޭލުމަށްޓަކައި ކުރަން ޖެހޭ ހުރިހާ ކަމެއް ކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށް ޝިޔާމް ވިދާޅުވިއެވެ.

ޝިޔާމް ވިދާޅުވީ ދޭން އޮތް ޔަގީން ކަމަކީ ހުރިހާ އެންމެންވެސް ބޭނުންވާ ގޮތަށް ސެޕްޓެމްބަރު 9 ވަނަ ދުވަހު ރައްޔިތުން އެދޭ ވެރިކަމެއް މި ގައުމުގައި އޮންނާނެ ކަމަށެވެ. އަދި ސޯލިހު ވެރިކަމުން ބޭލުމަށް މަޖިލީހުގެ ތެރޭގައާއި ބޭރުގައި ތިން ޕާޓީ މަސައްކަތްތައް އަތުރާ ރާވައިގެން ބާރުކުރަން ރާވާފައިވާ ކަމަށް ޝިޔާމް ވިދާޅުވިއެވެ.

ސިޔާސީ މަސައްކަތްތަކެއް ކުރާއިރު ކޮންމެ ޕާޓީއެއްވެސް އަންނަނީ ރައްޔިތުންނަށް ހިދުމަތްތަކެއް ކުރަން މެނިފެސްޓޯއަކާއެކީގައި ކަމަށާއި އެގޮތުން 2018 ވަނަ އަހަރުގެ މެނިފެސްޓޯއަކީ ޔަގީނުންވެސް ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ހިމެނިވަޑައިގަންނަވާހެން ވަރަށް ރަނގަޅު ސިޔާސަތުތަކެއް ހިމެނޭ މެނިފެސްޓޯއެއް ކަމަށާއި އެ ސިޔާސަތުތައް ތަންފީޒު ނުވެ ދިމާ އިދިކޮޅަށް ދާތީ ބައެއް ބޭފުޅުން ސަރުކާރުން ވަކިވީ ކަމަށް ޝިޔާމް ވަނީ ވިދާޅުވެފައެވެ.

ޝިޔާމް ވިދާޅުވީ މިހާރުގެ ސަރުކާރު ކަމުނުދާ ކަމަށާއި ފެށުނު ދުވަހުވެސް ރައްޔިތުންނަށް ވީ ވައުދު ފުއްދުމުގައި ރައީސް ސޯލިހު ފެއިލްވާނެ ކަން އެނގޭ ކަމަށެވެ.

މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް ވިދާޅުވީ މަސައްކަތް ކުރަނީ މި ސަރުކާރު ބަދަލުކުރަން ނޫނީ މި ސަރުކާރު ނިމުމަކަށް ގެންނަން ކުރަން ޖެހޭ ހުރިހާ ކަމެއް ކުރަން ކަމަށާއި 2018 ގައި އެމްޑީޕީ ޕްރައިމަރީގައި ރައީސް ސޯލިހު ގަބޫލު ނުކުރެވޭތީވެ ސައްކަތް ކުރެއްވީ އަބްދުﷲ ޝާހިދު ނަންގަވަން ނަމަވެސް ފަހު ވަގުތު ޕްރަމަރީ އެއް ނުބާއްވަން ނިންމުމުން އެކީގައި މަސައްކަތް ކުރެއްވީ ކަމަށެވެ.

އާޒިމް ވިދާޅުވީ ދެންވެސް ސާފުވެގެން ދިޔައީ ގައުމެއް ހިންގަން މި ރައީސް ލައިގެން މަސައްކަތެއް ނުކުރެވޭނެކަން ކަމަށާޢި ގައުމެއްގެ ކުރިއެރުމަށް ވިސްނާއިރު ގައުމެއްގެ ތަސައްވަރެއް ސިކުނޑީގައި ނެތް ބޭފުޅަކަށް ގައުމެއް ކުރިއަރުވަން ވަރަށް އުނދާގޫ ވާނެ ކަމަށެވެ.

އޭގެ އެންމެ ބޮޑު މިސާލަކީ ގައުމު ދަރާފައިވާ މިސާލުކަން ފާހަގަކުރައްވާ އާޒިމް ވިދާޅުވީ 45 ބިލިއަނުގައި ގައުމު ދަރަނި އޮތުމަށްފަހު 110 ބިލިއަނަށް ދެރީމައި އެއީ ގައުމެއް ހިންގަން ނޭނގެނީ ކަމަށެވެ. އަދި ކޮންމެ ކަމެއްވީމުންވެސް ޗާޕު ކުރަނީ ކަމަށާއި މި ސަރުކާރު ހިންގަން ބޭނުންވަނީ ޗާޕު މެޝެނަކާއި ކަރުދާސް ކޮޅެއް ކަމަށެވެ.