އެމްޑީޕީއާއި ޕާޓީގެ މެންބަރުން އަބަދުވެސް ދާނީ ކުރިއަށް ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
ރައީސް ސޯލިހު ވިދާޅުވީ އެމްޑީޕީގެ 18 ވަނަ އަހަރީ ދުވަހުގެ ހެޔޮއެދުމާއި ތަހުނިޔާ ޕާޓީގެ ހުރިހާ މެންބަރުންނަށް އަރިސްކުރައްވާ ކަމަށާއި މާތް ﷲގެ ހެޔޮ ރަހުމަތްފުޅާއެކު ޕާޓީ އާއި ޕާޓީގެ މެންބަރުން އަބަދުވެސް ދާނީ ކުރިއަށް ކަމަށެވެ.
އެމްޑީޕީއަށް 18 އަހަރު ފުރިފައި މިވަނީ އެމްޑީޕީގެ އެތެރޭގެ މައްސަލަ ބޮޑުވެ ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ފެކްޝަނުގައި ހިމެނޭ ބޭފުޅުން އިސްވެ "ދަ ޑިމޮކްރެޓްސް" ގެ ނަމުގައި ޕާޓީއެއް އުފައްދަން މަސައްކަތް ފަށާ، ރައީސް ނަޝީދު އެމްޑީޕީއިން ވަކިވެފައިވާ ދަނޑިވަޅެއްގައެވެ.
މިއަދު އެ ޕާޓީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް ދެއްވި ހިތާބުގައި ވިދާޅުވީ ދިވެހިން ހަށި ފޮޅާލައި މިނިވަންވެ ގަތުމުގެ އޮއިވަރުން އުފެއްދި ނަމެއްވާ ކަމަށާއި އެ ނަމަކީ އެމްޑީޕީ ކަމަށެވެ.
މިއަދުގެ ކާމިޔާބީއަށް އެމްޑީޕީ ވާސިލުވެފައި މިވަނީ ފަސޭހަ ދަތުރަކުންނެއް ނޫން ކަމަށާއި އެތެރޭގެ ގޮންޖެހުންތަކުން ކުރިމަތިވިި ތަކުލީފުތަކަކީ ސިޔާސީ ޕާޓީއަކުން ތަހައްމަލު ކުރާނެ އެންމެ އުނދަގޫ މަރުހަލާ ކެތްތެރިކަމާއެކު ޕާޓީގެ މަސްލަހަތު ހިފެހެއްޓި، އެމްޑީޕީގެ އަސާސްކަމުގައިވާ ޑިމޮކްރަސީގެ ހަމަތަކަށް އެންމެ ކުރިއަށް ނެރެގެން ކަމަށާއި ހިތި ހަގީގަތްތަކާއެކު ހިތުގެ އެއް ފަޅީގައި އެ ހިތާމަ ބަނދެގެން އެމްޑީޕީ ބަރުދާސްތު ކުރި ކުރުން ކަމަށް ފައްޔާޒު ވިދާޅުވިއެވެ.
ފައްޔާޒު ވިދާޅުވީ އެއީ ވެސް ލިބުނު ފުން ތަޖުރިބާއެއް ކަމަށާއި އެ ތަޖުރިބާއިން ލިބުނު ފިލާވަޅަކީ ކުރިއަށް އޮތް ތަނުގެ ކާމިޔާބީއަށް ހުޅުވާލެވުނު އާ ދޮރެއް ކަމަށެވެ. އަދި އެއްވެސް ވަކި ފަރުދަކަށްވުރެ އެމްޑީޕީ އަދި މި ގައުމު ޕާޓީގެ މެމްބަރުންނަށް މާ ބޮޑު ކަމަށާޢި އެ ފަލްސަފާ އެމްޑީޕީގައި އަށަގަތުމަކީ ޕާޓީއަށް ލިބުނު ވަރަށް ބޮޑު ކާމިޔާބީއެއްގެ ގޮތުގައި ފައްޔާޒު ފާހަގަކުރެއްވިއެވެ.
މިއަދަކީ އެމްޑީޕީ ޅަ ފަތުން އަރައިގެން ދުވަސް ކަމަށާއި 18 އަހަރު ވުމަކީ ތަސައްރަފު ފުދުން ދުވަސް ކަމަށް ވިދާޅުވެ ފައްޔާޒު ވަނީ އަމިއްލަ ފައި މައްޗަށް ކޮޅަށް ތެދުވެ ދެކޮޅު ހޯދާ ބަލާލުމަށް އެމްޑީޕީއަށް ފުރުސަތު ލިބިފައި މިވަނީ ވަރަށް މުހިއްމު ދަނޑިވަޅެއްގައި ކަމަށާއި އެއީ އެކަށް އެއްބާރުލާ ނުކުމެ މި ޕާޓީގެ ރިޔާސީ ދެވަނަ ދައުރު ކާމިޔާބުކުރުމަށް ގޮވާލައްވާފައެވެ.