ކޮންމެ ސަރުކާރެއް ވެރިކަމުގައި އޮތް ނަމަވެސް އެ ސަރުކާރެއް، ވެރިކަމަށް ގެނައުމަށް މަސައްކަތް ކުރި މީހުންނާއި، އެމީހުން ބޭނުންވާ ބަޔަކަށް ވަޒީފާގެ ފުރުސަތުތައް ދެމުންދާ ވާހަކަތަކަކީ އާ ވާހަކަތަކެއް ނޫނެވެ. މިކަމުގެ ސަބަބުން ކިޔަވައިގެން ތިބި ޒުވާނުންނަށް ވަޒީފާތަކުގެ ފުރުސަތު ގެއްލި މަގާމަށް ނާގާބިލް މީހުން އައްޔަން ކުރެވި ހައްގުވެރިންގެ ހައްގުތައް ދަނީ ގެއްލިގެންނެވެ. މި ރާއްޖޭގެ ވަޒީފާއަކަށް ކުރިމަތިލުމުގެ ޝަރުތުތަކުގެ ތެރޭގައި ތައުލީމީ ފެންވަރު ހިމެނުމުގެ ބަދަލުގައި ސިޔާސީ ޕޯޑިއަމްތަކަށް އަރާފައިވާ އަދަދާއި ސިޔާސީ ހަރާކަތްތަކުގައި ބައިވެރިވެފައިވާ މިންވަރު ހިމެނުން މިހާރު މާ ރަނގަޅުކަމަށް ގިނަ ބަޔަކު ގަބޫލުކުރެއެވެ. އަދި ޕާޓީ ލީޑާޝިޕާ ގުޅުން އޮންނަ މިމްވަރަކާއި ދާއިރާގެ އެމްޕީ އާއި ދާއިރާގެ ރައީސް އާ ގުޅުން އޮންނަ މިންވަރާއި އެމީހުންގެ ކައިރީވައި ތިމާގެ މަގުބޫލުކަން އޮންނަ މިންވަރު މުހިންމު.ކަމަށް ގަބޫލު ކުރެއެވެ.
ސަރުކާރާއި، ސަރުކާރުގެ ކުންފުނިތަކުގައި ގިނަ ފަހަރު ވަޒީފާތައް އިއުލާން ކުރަނީ އެ ވަޒީފާ ދޭން ބޭނުންވާ މީހާ ހަމަޖެއްސުމަށް ފަހުގައެވެ. ވަޒީފާ އިއުލާން ކުރާ ވަގުތުން ފެށިގެން ސަރުކާރުގެ އިސްވެރިންނާއި މަޖިލީސް މެމްބަރުންގެ އިތުރުން އޭރު އޮންނަ ސަރުކާރެއްގެ އެންމެ އިސް މީހުންނަށް ފޯނު ކޯލުތަކާއި މެސެޖްތައް އަންނަން ފަށައެވެ. ކޮންމެ މީހަކުވެސް ކިޔައިދެނީ އެމީހަކު ޕާޓީއަށްޓަކައި ކުރި ބުރަ މަސައްކަތެވެ. ވީ ގުރުބާނީއެވެ. އެހެންކަމުން މި ކަންކަމަށް ބެލުމަށް ފަހު ވަޒީފާ ހަމަޖައްސައި ދިނުން މި އޮންނަނީ މަޖުބޫރު ވެފައެވެ. ވަޒީފާއަށް ގާބިލު މީހާގެ ބަދަލުގައި ޕާޓީއަށް އިހްލާސްތެރި މީހުންނާއި، އެމީހުން އެދޭ މީހުންނަށް ވަޒީފާ ލިބުން ވަނީ ނުހަނު ފަސޭހަ ކަމަކަށް ވެފައެވެ.
ނަމަވެސް މިގޮތަށް ކަންތައްތައް ހިނގުން އާންމު ވެއްޖެނަމަ ރާއްޖޭގެ ހާލަތައް ދެން ވާނެ ގޮތަކާމެދު ވިސްނާލުން މުހިންމު ނޫންތޯއެވެ؟ ބީވެގެން ދަނީ އެތައް ބައެއްގެ ހައްގު ނޫންތޯއެވެ؟ އަޑިއަޅާލައިގެން ދަނީ ގައުމުގެ މުސްތަގުބަލު ނޫންތޯއެވެ؟ ތައުލީމީ ޒުވާނުން ވަޒީފާގެ ފުރުސަތު ނުލިބި ސެޓްފިކެޓްތައް 'ޑަސްޓްބިނަށް' އަޅާލުމަށް ފަހު، ވަޒީފާއެއް ހޯދުމަށް އޮތް އެންމެ ފަސޭހަ މަގު އިހްތިޔާރު ކުރަންވީތޯއެވެ؟ މިއީ ހައްތަހާވެސް ވިސްނާލަން ޖެހޭ ކަންކަމެވެ.
ބުރަ މަސައްކަތުން ކޯހުން އެއްވަނަ ހޯދި ނަމަވެސް އަދާކުރާނެ ވަޒީފާއެއް ނުލިބޭ!
ރާއްޖެ އާއި ބޭރުން ތައުލީމު ހާސިލްކޮށްގެން އަހަރަކު އެތައް ހާސް ދަރިން ރާއްޖެ އަންނައިރު އެމީހުންނަށް ބޭނުންވާ ވަޒީފާގެ ފުރުސަތު ރާއްޖެއަކު ނެތެވެ. ބައެއް ފުރުސަތު ހުއްޓަސް އެ ވަޒީފާ ލިބޭނެ ގޮތެއް ނެތެވެ. ޕައިލެޓުން ފެށިގެން ވިޔަފާރި އާއި ސިއްހީ ދާއިރާގެ އިތުރުން އެހެން ފަންނުތަކުން މަތީ ތައުލީމު ހާސިލް ކޮށްފައިވާ އެތައް ޒުވާނުންނެއް ތިބީ އެގޮތަށް ވަޒީފާއެއް ނެތިފަ އެވެ. މިކަމުގެ ސަބަބުން ރާއްޖޭގެ 'ވޯކް ފޯސް' ދަށްވެ ގައުމުގެ އުފެއްދުންތެރިކަން ދަށަށް ދިއުން އޮތީ ދުރެއްގައި ނޫނެވެ.
ބުރަ މަސައްކަތުން ރަނގަޅު ނަތީޖާ ހޯދި ނަމަވެސް އެއިން ކުރާ ފައިދާއެއް ނޯވެއެވެ. ކޯހުން އެއްވަނަ އާއެކު ކޯސް ނިންމާލުމުން ވެސް ވަޒީފާއެއް ނުލިބެއެވެ. ނަން ނުޖެހުމަށް އެދި ޒުވާން ގާނޫނީ ވަކީލަކު ބުނީ އޭނާ ޑިގްރީ ނިންމާލީ ކޯހުން އެއްވަނަ އާއެކު ކަމަށެވެ. އެ ހިސާބުން އޭނާ އަމަލީ މައިދާނަށް ކުރިމަތިލީ ރަނގަޅު ވަޒީފާއަކާއި ރަނގަޅު އާމްދަނީއެއް ލިބޭނެ ކަމުގެ އުއްމީދުގައެވެ. ނަމަވެސް ކަންދިމާވި ގޮތް ވަރަށް ތަފާތެވެ. ވަޒީފާއެއް ހޯދަން އުޅޭތާ އަހަރެއްހާ ދުވަސް ވީއިރު އަދިވެސް ވަޒީފާއެއް ނުލިބެ އެވެ. ޖުމްލަ 19 އިންޓަވިއުއަށް ހިނގައްޖެ އެވެ.
ވަޒީފާ ނުލިބުނު ސަބަބު ހޯދަން ކުރި މަސައްކަތުން މުޅިންވެސް ލިބުނު ޖަވާބަކީ އިންޓަވިއު ޕެނަލަށް ފެނުނު މީހަކު ނަގާފައިވާ ކަމެވެ. މިހާތަނަށް ކުރި އެތައް ތަޖުރިބާއަކުން އޭނާއަށް ގަބޫލު ކުރެވެނީ ވަޒީފާތަކަށް އިއުލާން ކުރަނީ ވަކި މީހަކަށް އަމާޒު ކޮށްގެން ވަކި މީހަކަށް ވަޒީފާ ދޭން ކަމެވެ.
ގިނަ ދަރިވަރުންނަކީ ސްޓޫޑަންޓް ލޯން ނަގައިން ކިޔަވާ ދަރިވަރުން ކަމުން ވަޒީފާ ހޯދުމުގައި މިފަދަ ދަތިތައް ކުރިމަތިވުމަކީ އެ ލޯނު އަނބުރާ ދެއްކުމަށްވެސް ދިމާވާ ގޮންޖެހުމެކެވެ. އަދި ޒަވާޖީ ހަޔާތެއް ފައްޓާ ކުރިއަށް ގެންދިއުމުގައިވެސް މިކަމުގެ ސަބަބުން ގިނަ ދަތިތަކާ ކުރިމަތިވާނެއެވެ.
ނަމަވެސް މިކަމާ ގުޅޭގޮތުން ލޭބާ ރިލޭޝަންސް އޮތޯރިޓީ (އެލްއާރުއޭ) ގެ އިންފޮމޭޝަން އޮފިސަރު އަލީ ޝަރީފް ވިދާޅުވި ގޮތުގައި ވަކި މީހަކަށް އަމާޒުކޮށްގެން ސިވިލް ސާވިސް ވަޒީފާތައް ދިނުމަކީ މިހާރު އުނދަގޫ ކަމެކެވެ. މީހުން ހޮވުމުގައި ވަޒީފާ ދޭ ގޮތްތައް ވަނީ ވަރަށް ހަރުދަނާ ކޮށްފައި ކަމަށް އޭނާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ރާއްޖޭގެ ވަޒީފާގެ ބާޒާރަށް ދިމާވެފައިވާ މައްސަލައަކީ ސަރުކާރުގެ ތެރެއިން އޮތް ވަޒީފާގެ ފުރުސަތުތަކަށް ވުރެ ވަޒީފާ ބޭނުންވެފައިވާ މީހުން ގިނަވުމެވެ. ކޮންމެ އަހަރަކު ވެސް ވަޒީފާގެ ބާޒާރަށް އެތައް ޒުވާނުންނެއް ނުކުންނައިރު ސަރުކާރުގެ ތެރެއިން އެވަރަށް ވަޒީފާ ނުއުފެއްދޭ ކަމަށް އޭނާ ވިދާޅުވި އެވެ.
ގިނަ ވަޒީފާތަކުގައި ދިވެހީންގެ ބަދަލުގައި ބިދޭސީން
އަމިއްލަ ވިޔަފާރިތަކާއި އިންޑަސްޓްރީ ތަކުން ވަޒީފާގެ ފުރުސަތުތައް އިތުރު ކުރުމަށް އޮތް އެންމެ ބޮޑު ގޮންޖެހުމަކީ ބިދޭސީންގެ މައްސަލަ އެވެ. ޓޫރިޒަމް ދާއިރާއާއި އަމިއްލަ ވިޔަފާރިތަކުގެ މެޖޯރިޓީ ހިއްސާ ކުރަނީ ބިދޭސީންނެވެ. ލޭބަރުންގެ ނަމުގައި ބިދޭސީން ރާއްޖެ އެތެރެކޮށް ރާއްޖޭގެ ގިނަ ރިސޯޓްތަކެއްގެ ގިނަ ވަޒީފާތައް އެ މީހުންނަށް ވަނީ ދީފައެވެ. މިކަމުގެ ސަބަބުން ދިވެހިންނަށް އެ ވަޒީފާތައް މިވަނީ ގެއްލިފައެވެ.
ލޭބަރ ރިލޭޝަންސް އޮތޯރިޓީގައި ބޭއްވި ނޫސްވެރިނަގެ ބައްދަލުވުމެއްގައި އިންފޮމޭޝަން އޮފިސަރު އަލީ ޝަރީފް ވިދާޅުވީ ބައެއް ރިސޯޓުތަކުގައި 90 އިންސައްތަ މީހުންނަކީ ބިދޭސީން ކަމަށެވެ.
މީގެ އިތުރުން އެ ބައްދަލުވުމުގައި ވާހަކަ ދެއްކި އެ އޮތޯރިޓީގެ ލީގަލް އޮފިސަރު މަރިޔަމް ސާހަތް ވިދާޅުވީ، ގަވާއިދުގައިވާ ގޮތުން ދިވެހިންނަށް އަދާކުރެވޭ ވަޒީފާތަކަށް ބިދޭސީން އެތެރެ ނުކުރެވޭނެ ކަމަށެވެ.
މިކަންކަމުގެ ސަބަބުން އަދާކުރާނެ ވަޒީފާއެއް ނުލިބި ކިޔަވައިގެން ތިބި ޒުވާނުންވެސް ދަނީ ގިނަވަމުންނެވެ. ސިޔާސީ ނުފޫޒުގެ ސަބަބުން ވަޒީފާއެއް އިއުލާނުކުރި ނަމަވެސް އެ ވަޒީފާއަށް ކުރިމަތިލުމަށް ފަސްޖެހޭ ޒުވާނުން ގިނައެވެ. އިއުލާން ކުރެވޭ ކޮންމެ ވަޒީފާއަކީ ވަކި މީހެއްގެ މިނަށް ހެޔޮވަރުކޮށް ފަހާފައި އޮންނަ ހެދުމަކަށް މިއަދު މި ވަނީ ވެފައެވެ. މިކަމުގެ ސަބަބުން ކުށުގެ ވެއްޓަށް ހުށަހެޅޭ ޒުވާނުންވެސް ދަނީ އިތުރުވަމުންނެވެ. މިއީ ހައްލެއް ލިބެން ޖެހޭ ސީރިއަސް މައްސަލައެކެވެ.
ބަރާބަރު100އައިގެ ވާހަކައެއް ވަޒީފާނުދީ ބޮޑުން އެނުދިން ކިލޯކިލޯއިން ދީފަ މަގުމަށްޗަށް