ޑިގްރީ ސެޓްފިކެޓް އޮޅުވާލި ކަމުގެ ތުހުމަތުގައި އިންޑިއާގެ ފުލުހުން ހޯދަމުންދަނީ ކަލާފާނު ސްކޫލްގެ އިކޮނޮމިކްސް މާއްދާ ކިޔަވާދެމުންދާ ޓީޗަރުކަން "ދަ ޕްރެސް" އަށް އެނގިއްޖެއެވެ.

ކަލާފާނު ސްކޫލްގެ ގްރޭޑް 9 ގައި އިކޮނޮމިކްސް މާއްދާ ކިޔަވާދެމުންދާ އަބިން ސީ ރާޖަކީ އިންޑިއާގެ ކެރެލާ ސްޓޭޓަށް ނިސްބަތްވާ މީހެކެވެ. އަދި އޭނާ އަކީ މިހާރު ރާއްޖޭގައި ވަޒީފާ އަދާކުރަމުންދާ މީހެއް ކަމަށާއި އޭނާ އިންޑިއާއަށް ގެންދިއުމުގެ މަސައްކަތް ފަށާފައިވާ ކަމަށް އިންޑިއާގެ ފުލުހުން ވަނީ މީގެ ކުރިން ބުނެފައެވެ.

"ދަ ޕްރެސް" އަށް އެނގިފައިވާ ގޮތުން އިންޑިއާގެ ފުލުހުން އަބިން ހޯދަމުން އަންނަ ކަން ކަލާފާނު ސްކޫލަށް ވެސް އެނގިފައިވަނީ މިއަދު އެވެ. މިކަމާ ގުޅޭ އިތުރު މައުލޫމާތު ސާފު ކުރުމަށް އެޑިއުކޭޝަން އަށް ގުޅި ނަމަވެސް ފޯނަށް ޖަވާބުދީފައު ނުވުމުން އެ އިދާރާގެ ބަހެއް ލިބޭ ގޮތް ވަނީ ނުވެފައެވެ.

ކެރެލާގެ ފުލުހުންނާ ހަވާލާދީ އިންޑިއާގެ މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި އަބިންގެ މައްޗަށް ގިނަ އަދަދެއްގެ ފޭކް ސެޓްފިކެޓް ހެދި ކަމުގެ ތުހުމަތުކުރެ އެވެ. އަދި އޭނާ އަކީ އިންޑިއާގެ އެޑިއުކޭޝަން ކޮންސަލްޓަންސް އެޖެންސީއެއް ވެސް ހިންގާ މީހެއް ކަމަށްވެއެވެ. އަބިންގެ އިތުރުން ސްޓޫޑަންޓް ފެޑަރޭޝަން އޮފް އިންޑިއާ (އެސްއެފްއައި) ގައި މަސައްކަތްކުރި ނިކިލް ތޯމަސް ވަނީ މިހާރު މި މައްސަލައިގައި ހައްޔަރުކޮށްފައެވެ.

ނިކިލް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވަނީ ކެރެލާ ސްޓޭޓް ރޯޑް ޓްރާންސްޕޯޓް ކޯޕަރޭޝަންގެ ބަހަކުން ކޮޒިކޯޑްއިން ކޮއްޓަރަކަރައަށް ދަތުރުކުރަމުން ދަނިކޮށް ކަމަށް މީޑިއާ ރިޕޯޓްތައް ބުނެެއެވެ. އަދި އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން މިމަހުގެ 30 ވަނަ ދުވަހުގެ ނިޔަލަށް ބަންދުގައި ބެހެއްޓުމަށް ކޯޓުން އަމުރު ކޮށްފައި ވެއެވެ.

އިންޑިއާގެ އޮފިޝަލުން ވިދާޅުވި ގޮތުގައި ނިކިލް، ކޮމާސް ދާއިރާއިން މާސްޓާސް އެޑްމިޝަން ހޯދީ ކަޔަމްކުލަމްގެ މިލާދު އީ-ޝެރިފް މެމޯރިއަލް (އެމްއެސްއެމް) ކޮލެޖުން ކޮމާސް ދާއިރާއިން ވަގު ޑިގްރީ ސެޓްފިކެޓެއް (ބީކޮމް) ހުށަހަޅައިގެން ކަމަށް އޭނާ އިއުތިރާފުވެފައިވާ ކަމަށެވެ. އަދި އެ ސެޓިފިކެޓް ހޯދުމަށް 2020 ވަނަ އަހަރު އަބިންގެ އެކައުންޓަށް ދެ ލައްކަ ރުޕީސް ޖަމާކޮށްދީފައިވާ ކަމަށް ނިކިލް ވަނީ މި މައްސަލަ ތަހުގީގު ކުރަމުންދާ މީހުންނަށް ކިޔާދީފައެވެ. މި ކަން ފަޅާ އަރާފައިވަނީ އެހެން މީހަކު ނިކިލްއާ ޖެހުނު ޒާތީ މައްސަލައެއްގައި އެކަން ރިޕޯޓްކުރުމުން ފުލުހުން ކުރި ތަހުގީގުންނެވެ.

ނިކިލްގެ މައްޗަށް ފުލުހުން ވަނީ މަކަރާއި ހީލަތް ހެދުމުމުގެ ކުށުގެ މައްސަލައެއް ފައިލް ކޮށްފައެވެ. އޭނާއަކީ އެމްއެސްއެމް ކޮލެޖުން 2017-20 ވަނަ އަހަރު ބީކޮމް ކިޔެވި މީހެކެވެ. ނަމަވެސް އޭނާ އިމްތިހާނުން ފާސްވެފައެއް ނުވެއެވެ. ނިކިލް ވަނީ ފުލުހުންނަށް ދިން ބަޔާނުގައި އޭނާއަށް ފޭކް ސެޓްފިކެޓް ހަދައިދިން މީހަކީ އަބިން ކަމަށް ބުނެފަ އެވެ.