ބައެއް ބޭފުޅުން ކިތަންމެ ކޯފާވެގެން އުޅުއްވިނަމަވެސް ހުންނާނީ ގާނޫނީ އިމުގެ ތެރޭގައި ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.
ރައީސް މިފަދައިން ވިދާޅުވީ، ވިލާ ކުންފުނީގެ ވާވެއްދިފަޅު ވިއްކުން އޭސީސީން ހުއްޓުވީ ސަރުކާރުން ނުފޫޒު ފޯރުވައިގެން ކަމަށާއި މިއީ އޭނާގެ ވިޔަފާރި މި ސަރުކާރުން ފުނޑާލަން ކުރާ ކަމެއް ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވިދާޅުވުމާ ގުޅިގެންނެވެ.
ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު އެމްޑިޕީއަށް ސޮއި ކުރެއްމަށް ބޭއްވި ރަސްމިއްޔާތަށް ފަހު މީޑިއާތަކާ ވާހަކަ ދައްކަވަމުން ރައީސް ސޯލިހް ވަނީ އިއްޔެ ގާސިމް ދެއްކެވި ވާހަކައާ ގުޅޭގޮތުން ނޫސްވެރިއަކު ކުރި ސުވާލަށް ޖަވާބު ދެއްވާފައެވެ.
މިގޮތުން ރައީސް ވިދާޅުވީ، ވެރިކަމުގައި ހޭދަކުރެއްވި ދުވަސްތަކުގައި މިހާތަނަށްވެސް އަމަލު ކުރަމުން އައިސްފައި ވަނީ ގާނޫނުއަސާސީއާއި ގާނޫނުތަކުގެ އިމުގެ ތެރެއިން ކަމަށާއި އެއިން ބޭރަށް ވަޑައިނުގަންނަވާނެ ކަމަށެވެ.
މީގެ އިތުރުން އާއިލާގެ ބޭފުޅެއް ކަމަށްވިޔަސް އަދި ޕާޓީ އަށް ނިސްބަތްވި ކަމުގައިވީ ނަމަވެސް އަދި ކިތަންމެ ގާތްކަމެއް އޮތްނަމަވެސް ގާނޫނުއަސާސީއާއި ގާނޫނުގެ ތަރަހައިން ބޭރަށް ނުގެންނެވޭނެ ކަމަށެވެ.
މިނިވަން މުއައްސަސާތަކުގެ މަސައްކަތްތައް އެބޭފުޅުން ކުރިއަށް ގެންދަވާނެ ކަަމަށާއި އޭގެތެރެއަށް ރައީސުލްޖުމްހޫރިއްޔާ ނުފޫޒު ފޯރުވުމަކީ އެމަނިކުފާނު މިހާތަނަށްވެސް ކުރެއްވި ކަމެއް ނޫން ކަމަށާއި އަދި ދެން ވެސް އެކަން ނުކުރައްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
ގާސިމްގެ ވިލާ ކުންފުނިން ވިއްކަން އުޅުނު ކ. ވާވެއްދިފަޅު ވިއްކުން އޭސީސީން ހުއްޓުވާފައިވާ މައްސަލައާ ގުޅޭގޮތުން ރައީސް ވިދާޅުވީ އެ މައްސަލައިގައި ވެސް ހުންނަވާނީ ގާނޫނީ އިމުގެ ތެރޭގައި ކަމަށެވެ. އެއީ ކޮންމެ ބޭފުޅަކު ކިތަންމެ ކޯފާވެގެން ވާހަކަ ދެއްކެވިއަސް އެއީ އެބޭފުޅެއްގެ ކަމެއް ކަމަށެވެ.
ވާވެއްދިފަޅު ވިއްކުން ހުއްޓުވާފައި ވަނީ އެ ފަޅާ ގުޅޭ ތަހުގީގެއް ހިނގަމުން އަންނާތީ ކަމަށް އޭސީސީން ވަނީ ބުނެފައެވެ. ވާވެއްދިފަޅާ ގުޅޭ މައްސަލައެއް ކުރިން ވެސް އޭސީސީން ތަހުގީގު ކުރިއެވެ. ނަމަވެސް އެ މައްސަލަ ވަނީ ފައިލް ކޮށްފައިއެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި ވާވެއްދިފަޅުގެ މައްސަލަ ބަލަން ފެށީ އެ ތަން ވިއްކާލަން ވިލާ ކުންފުނިން މި ފަހުން ނިންމި ނިންމުމަކާ ގުޅުވައެވެ.
ސަރުކާރުން ވިލާ އަށް ދޫކުރި ރަށްތަކުގެ ތެރެއިން ވާވެއްދިފަޅު އަތުލީ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައެވެ. އަދި އެތަން ތަނަށް ދޭން ޖެހޭ ކުލީގެ ގޮތުގައި 188 މިލިއަން ޑޮލަރު ނުވަތަ 2.9 ބިލިއަން ރުފިޔާ ދެއްކުމަށް ވެސް ޔާމީންގެ ސަރުކާރުން 2017 ވަނަ އަހަރުގެ ތެރޭގައި ވިލާ އަށް އެންގިއެވެ.
އެ މައްސަލަ ބެލުމަށް ފަހު 2018 ގައި ސުޕްރީމް ކޯޓުން ނިންމީ އެތަންތަން އަނބުރާ އަތުލަން ހައިކޯޓުން ކޮށްފައިވާ ހުކުމް ބާތިލު ކުރުމަށެވެ. މި ފަޅުގެ މައްސަލާގައި ގާސިމް ވަނީ ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. ގާސިމް އެންމެ ބޮޑަށް ހިތްހަމަނުޖެހުން ފާޅުކުރެއްވީ މި ސަރުކާރުން ވެސް އޭނާގެ ވިޔަފާރިއަށް އަމާޒުކޮށް ގެއްލުން ދޭން ފަށާފައިވާ ކަމުގެ ތުހުމަތު ކުރައްވައެވެ.
ނަމަވެސް އެ ތުހުމަތު ދޮގުކުރައްވާ ރައީސް އޮފީހުގެ ތަރުޖަމާން މުހައްމަދު މިއުވާން ވިދާޅުވީ، މިނިވަން މުއައްސަސާތައް މި ސަރުކާރުގައި މަސައްކަތް ކުރާނީ ގާނޫނުގައި ކަނޑައަޅާފައި އޮންނަ ގޮތަށް މިނިވަންކަމާ އެކުގައި ކަމަށެވެ.