އިންޓާ ސްކޫލް ލަވަ މުބާރާތުގެ މުޅި މުބާރާތުގެ އެއްވަނަ ޣިޔާޘުއްދީން އިންޓަނޭޝަނަލް ސްކޫލްގެ ދަރިވަރު އާއިޝަތު ޖޫނީ ޖިނާހު ހޯދައިފިއެވެ.

މުބާރާތުގެ ނަތީޖާ ރޭ އޮލިމްޕަހުގައި ފާޅުކުރި އިރު، މުޅި މުބާރާތުގެ އެއްވަނަ ޖޫނީ ޖިނާހު ހޯދިއިރު މުބާރާތުގެ ދެވަނަ ޖަމާލުއްދީން ސްކޫލުގެ އާއިޝަތު ޒަޔާ ޝަހީމެވެ. އަދި ތިން ވަނަ ހޯދާފައިވަނީ ކަލާފާނު ސްކޫލުގެ މަރިޔަމް ހަލީސާ އަހްމަދެވެ. މުޅި މުބާރާތުގެ އެއް ވަނަ ސްކޫލަކަށް ހޮވުނީ ލާ އިންޓަނޭޝަނަލް ހައި ސްކޫލެވެ. ދެވަނަ އަށް ތިނަދޫ ސްކޫލް ހޮވިއިރު ތިން ވަނައަށް ޣިޔާސުއްދީން އިންޓަނޭޝަނަލް ސްކޫލް ވަނީ ހޮވާފައެވެ.

މިގޮތުން މި މުބާރާތުގައި ޅެންވެރިކަމުގެ ބައިން އެންމެ މޮޅު ޅެމަކަށް ހޮވާފައިވަނީ، އިމާދުއްދީން ސްކޫލްގެ ދަރިވަރު އުމަރު އާސިމް އަވަދް ބަދަވީގެ ޅެމެވެ. މިފަހަރުގެ މުބާރާތުގައި 71 އަމިއްލަ ރާގެއް އިވިގެން ދިޔައިރު އަމިއްލަ ރާގުގެ ބައިން އެއްވަނައަށް ހޮވާފައި ވަނީ، ޖަމާލުއްދީން ސްކޫލްގެ ޢައިޝަތު ޒަޔާ ޝަހީމް ހުށައަޅައިދީފައި ވާ ލަވައެވެ.

މި މުބާރާތުގައި މިއަހަރު 32 ސްކޫލަކުން ވާދަކުރާ އިރު މި މުބާރާތުގައި ޖުމްލަ 273 ދަރިވަރުން ވަނީ ބައިވެރިވެފައެވެ. ޖޫނިއާ އަދި ސީނިއާ ކެޓަގަރީއަށް ބަހާލައިގެން ކުރިއަށް ގެންދާ މި މުބާރާތުގައި 6 އުމުރުފު ހިމެނެއެވެ. ޖޫނިއާ ގްރޫޕުގައި ހިމެނެނީ 6 އަހަރުން ދަށް، 9 އަހަރުން ދަށް އަދި 11 އަހަރުން ދަށުގެ އުމުރުފުރާއެވެ. ސީނިއާ ގްރޫޕުގައި ވާދަކުރާނީ 15 އަހަރުން ދަށް، 17 އަހަރުން ދަށް، އަދި 19 އަހަރުން ދަށުގެ އުމުރުފުރާއެވެ.

ލަވަ މުބާރާތުގައި ބައިވެރިވި ދަރިވަރުން ފޮޓޯއަކަށް އެތުރިގެން

ސްކޫލްތަކުގެ ދަރިވަރުންގެ މެދުގައި ލަވަކިޔުމުގެ ހުނަރު އާލާކޮށް، ލަވަކިޔުމުގެ ދާއިރާ އަށް ކުދިން އުފެއްދުމުގެ މަގްސަދުގައި 1988 ވަނަ އަހަރު ފެށި މި މުބާރާތް އެންމެ ފަހުން ބޭއްވީ 2015 ގައެވެ. އެއަށް ފަހު މިއަހަރު ލަވަ މުބާރާތް އަނެއްކާ ފެށުމުން ގިނަ ބަޔަކު އަންނަނީ ކުދިންގެ ޓެލެޓާއި ހުނަރު ފާހަގަކުރަމުންނެވެ.

މީގެ ކުރިން އިންޓާ ސްކޫލް ކުދިންގެ ލަވަ މުބާރާތުގައި ވާދަކޮށްފައި ވަނީ މާލޭ ސަރަހައްދުގެ ސްކޫލްތަކުންނެވެ. އަތޮޅުތެރޭގެ ސްކޫލްތަކަށް ހާއްސަކޮށް އަތޮޅު ސްކޫލްތަުގެ ލަވަ މިުބާރާތް އޭރު އައީ ވަކި މުބާރާތެއްގެ ގޮތުގައި ބާއްވަމުންނެވެ. ނަމަވެސް މި އަހަރު ސްކޫލް ކުދިންގެ ލަވަ މުބާރާތުގައި އަތޮލޫތަލުގެ ސްކޫލްތަކާއި މާލެ ސަރަހައްދުގައި ހިމެނޭ ސްކޫލްތަކުން ވާދަކުރާ ގޮތަށް ހަމަޖއްސާފައި ވުމުން ގިނަ ބަޔަކު ވަނީ މި މުބާރާތަށް ތައުރީފް ކޮށްފައެވެ.