އިލެކްޝަންސް ކޮމިޝަނުން އެމްއާރުއެމް އުވާލުމަށް ނިންމުމުގެ ސަބަބުން، ޕާޓީގެ މަސައްކަތްތަކަށް ހުރަސް އެޅި ބޮޑެތި ގެއްލުން ވަމުން ދާ ކަމަށް، އެ ޕާޓީން މިއަދު ބުނެފިއެވެ.

އެމްއާރުއެމުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، އެ ޕާޓީ އުވާލުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމި މައްސަލައާ ގުޅިގެން، ޖުޑީޝަލް ރިވިއު މައްސަލައެއް އިއްޔެ ކޯޓަށް ހުށަހަޅާފައިވާ ކަމަށެވެ.

އެ ޕާޓީ އުވާލަން އިލެކްޝަންސް ކޮމިޝަނުން ނިންމީ ގާނޫނުއަސާސީ އާ ހިލާފަށް ކަމަށް ބުނެ އެމްއާރުއެމުން ވަނީ، ކުރިއަށް އޮތް ރިޔާސީ އިންތިހާބު އިންސާފުވެރިވާނެ ކަމާ މެދު ސުވާލު އުފައްދައިފައެވެ. އެމްއާރުއެމުން ދެކޭ ގޮތުގައި، އެ ޕާޓީ އުވާލަން ނިންމިކަމަށް އީސީން އިއުލާނުކުރީ ސިޔާސީ މަންފާ އެއް ހާސިލްކުރުމުގެ ބޭނުމުގައެވެ.

އެކަމުގެ ސަބަބުން ޕާޓީ އަށް ބޮޑެތި ގެއްލުންތައް ވަމުންދާ ކަމަށް ބުނެ، އެމްއާރުއެމުން ބުނީ، އީސީން އެ ޕާޓީ އުވާލުމަށް ނިންމުމުގެ ސަބަބުން:

  • އެ ޕާޓީ އަކީ ވުޖޫދުގައި ނެތް ޕާޓީއެއްގެ ގޮތުގައި ދެކި، މެންބަރުން އެހެން ޕާޓީތަކަށް ބަދަލުވަމުންދާ ކަމަށް
  • ކުރިއަށް އޮތް ރިޔާސީ އިންތިހާބަށް އެމްއާރުއެމުން ވަމުންދާ ތައްޔާރީތަކަށް ހުރަސްއެޅިފައިވާ ކަމަށް

އީސީން އެމްއާރުއެމް އުވާލުމަށް ނިންމި ނިންމުމަށް އަމަލުކުރުން ފަސްކޮށްދިނުމަށް އެދި އެ ކޮމިޝަންގެ މައްޗަށް ވަގުތީ އަމުރެއް ނެރެދިނުމަށް އެދި އެމްއާރުއެމުން ސިވިލް ކޯޓަށް މައްސަލަ ހުށަހެޅީ މިދިޔަ މޭ މަހުގެ 25 ގައެވެ. އޭގެ ތިން ދުވަސް ފަހުން ސިވިލް ކޯޓުން ވަނީ އެމްއާރުއެމުން އެދުނު ގޮތަށް ވަގުތީ އަމުރެއް ނެރެދީފައެވެ. އެ އަމުރު މުރާޖައާކޮށްދިނުމަށް އެދި އީސީން މި މަހުގެ 8 ގައި ހުށަހެޅި ނަމަވެސް، އެ އަމުރު މުރާޖައާކުރެވެން ނެތް ކަމަށް ސިވިލް ކޯޓުން ވަނީ ނިންމައިފައެވެ.

3،000 މެންބަރުން ހަމަނުވާ ކަމަށް ބުނެ، އިލެކްޝަންސް ކޮމިޝަނުން އެމްއާރުއެމް އުވާލަން ނިންމީ މިދިޔަ މަހުގެ 24 ގައެވެ. މީގެ ކުރިން ވެސް 3،000 މެންބަރުން ހަމަނުވެގެން އެމްއާރުއެމް އުވާލަން ނިންމައި، އީސީން ނޯޓިސް ފޮނުވާފައިވެއެވެ.