އެމްއާރްއެމްގެ ސްލޮޓުގައި ހަޔާ އެޑިއުކޭޝަންގެ ޑެޕިއުޓީ މިނިސްޓަރުގެ މަގާމުގައި ހުންނެވި އިސްމާއީލް ޒަބީހް މަގާމުން ވަކި ކުރުމުން އެމްއާރްއެމުން ކަންބޮޑުވުން ފާޅުކޮށްފިއެވެ.

އޭނާ މަގާމުން ވަކިކޮށް ރައިސް އޮފީހުން އަންގާފައި ވަނީ މި މަހުގެ 22 ވަނަ ދުވަހުގެ ރޭގެ ވަގުތެއްގައެވެ.

އެކަމާ ގުޅިގެން އެމްއާރްއެމުން ނެރުނު ބަޔަނެއްގައި ބުނެފައި ވަނީ، ޒަބީހަކީ ތައުލީމީ އަދި ގާބިލް ބޭފުޅެއް ކަމަށާއި އަދި އޭނާ މަގާމުން ވަކި ކުރަންޖެހޭ ވަރުގެ އަމަލެއް ކުރައްވާފައި ނުވާ ކަމުގެ ޔަގީންކަން ރައްޔިތުންނަށް ކަށަވަރު ކޮށްދޭ ކަމަށެވެ. ޒަބީހަށް ހަވާލުކޮށްފައިވާ މަސްއޫލިއްޔަތު ފަރުވާތެރިކަމާއި ތެދުވެރިކަމާއި އިހްލާސްތެރިކަމާ އެކު އަދާކޮށްފައިވާ ކަން ފާހަގަ ކުރަމުން އެމްއާރްއެމުން ބުނީ، އެ ޕާޓީގެ ވިސްނުމަކީ ތައުލީމީ ގާބިލްކަން ހުންނަ ޒުވާނުންނަށް އިސްކަން ދިނުން ކަމަށާއި އޭނާ މަގާމުން ވަކި ކުރުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ.

ޒަބީހް މަގާމުން ވަކި ކުރީ އެ ޕާޓީއާ މަޝްވަރާ ކުރުމަކާ ނުލައި ވަކި ސަބަބެއް ވެސް ބަޔާން ކުރުމެއް ނެތި، ކޯލިޝަންގެ އެގްރީމަންޓާ ހިލާފަށް ކަމަށް އެމްއާރްއެމުން ބުނެއެވެ. މީގެ އިތުރުން ސިޔާސީ މަގްސަދު ހާސިލް ކުރުމަށް މަގާމުގެ މަސްއޫލިއްޔަތު އަދާކުރުމަށް ޝަރުތު ހަމަ ނުވާ މީހުންނަށް ހަދިޔާ ބަހާ އުސޫލުން ސިޔާސީ މަގާމުތައް ދިނުމަކީ ގައުމަށް ނުހަނު ބޮޑު ކަމެއް ކަމަށް އެމްއާރް އެމުން ބުނެއެވެ.

އެ ޕާޓީން ވަނީ ވޭތުވެދުިޔަ 4 އަހަރު ދުވަހު ޒަބީހް އެ މަގާމުގައި ހުންނވައިގެން ކޮށްދެއްވާފައިވާ މަސައްކަތްތައް ވެސް ފާހަގަ ކުރައްވާފައެވެ. އޭނާ ކުރެއްވި މަސައްކަތްތަކުގެ ތެރެއިން، އެކި ސަބަބުތަކާ ހުރެ ސްޓޫޑަންޓް ލޯން ނުދެއްކި ހުރި ކުދިންނަށް ވަކި އުސޫލެއްގެ ދަށޫން މަސްމަހަށް ބަހާލައިގެން ދެއްކޭނެ ގޮތް ހަމަޖައިސައި ދައުލަތަށް ނުލިބި ހުރި އެތައް މިލިއަން ފައިސާއެއް ހޯދައިދީފައިވާ ކަމަށް އެމްއާރްއެމުން ބުނެއެވެ. ހަމައެއާއެކު ސްޓޫޑަންޓް ލޯން 3 ޕަސެންޓުން 1 ޕަސެންޓަށް ދަށް ކުރުމަށް މުހިއްމު ދައުރެއް ޒަބީހް އަދާކޮށްފައިވާ ކަމަށް އެ ޕާޓީން ބުނެއެވެ.

މީގެ އިތުރުން ޓިވެޓް ސެންޓަރުތައް ޖޫނިއާ ކޮލެޖްތަކަށް ބަދަލު ކުރަން ކުރި މަސައްކަތް އެކިއެކި ސިޔާސީ މުވައްޒަފުންނާ ހަވާލުކޮށް އެމަސައްކަތް ލަސްވެފައި ވަނިކޮށް ޒަބީހް އެ މަސައްކަތާ ހަވާލުވެ ވަނީ މިހާރު ނަތީޖާ ފެންނަން ފަށާފައި ކަމަށް އެމްއާރްއެމުން ބުނެއެވެ. އެ ގޮތުން ހއ. ދިއްދޫ ޖޫނިއާ ކޮލެޖާއި ރ. އަލިފުށީ ޓިވެޓް ސެންޓަރު އިމާރާތް ނިމުމާ ހަމައަށް ގޮސްފައިވާ އިރު، ނ. ކެނދިކުޅުދޫ ޖޫނިއާ ކޮލެޖާއި، ކ. ތުލުސްދޫ ޕޮލިޓެކްނިކް އަލަން އިންވެސްޓަރުން ހަމަޖައްސައި އެ މަސައްކަތް ވެސް އަންނަނީ ކުރަމުންނެވެ.

ޒަބީހު ވަނީ ސައުތު އޭޝިއަން ޔުނިވާސިޓީގެ ފައިނޭންޝަލް އެކްސްޕާޓްސް ކޮމިޓީގެ މެންބަރު ކަމާއި، އެމްކިއުއޭގެ ގަވަނިން ބޯޑުގެ މެންބަރު ކަމާއި ޗާޓަޑް އެކައުންޓަންޓްސް އޮފް މޯލްޑިވްސްގެ އެކަޑެމިކް ކޮމިޓީގައި ތަފާތު އެކި ހިދުމަތްރައް ކޮށްދެއްވާފައެވެ.