"އުރީދޫ އީދު މަޖާ" ކުޑަކުދިންނަށް ހާއްސަ ފެސްޓިވަލްއެއް މިއަދު ހަވީރު ހުޅުމާލެ ހިޔާ ސަރަހައްދުގައި ކުރިއަށް ގެންދަން ނިންމާފައިވާ ކަމަށް އުރީދޫއިން ބުނެފިއެވެ.

އުރީދޫއިން ބުނީ މިއަދު ހަވީރު 4:00 އިން 6:00 އަށް ކުޑަކުދިންނަށް ހާއްސަ އިވެންޓެއް ހުޅުމާލެ ފޭސް 2 ހިޔާ ފްލެޓްތައް ކައިރީ ކުރިއަށް ގެންދިއުމަށް ނިންމާފައިވާ ކަމަށެވެ.

ހިޔާ ސަރަހައްތުގައި ކުރިއަށް ގެންދަން ނިންމާފައިވާ ހަރަކާތްތަކުގެ ތެރޭގައި ސްނޭކް އެންޑް ލެޑާ، ފޭސް ޕެއިންޓިން ފަދަ ހަރާކާތްތައް ހިމެނޭ ކަމަށް އުރީދޫއިން ބުނެއެވެ. އަދި ހަބޭސް ބޮޑު ބެރު ގުރޫޕްގެ ޝޯއެއް ވެސް އެ އިވެންޓުގައި ހިމެނޭ ކަމަށް އުރީދޫއިން ވަނީ ބުނެފައެވެ.

އުރީދޫއިން އަންނަނީ ކޮންމެ އީދަކާ ދިމާކޮށް ވެސް ހާއްސަ ހަރަކާތްތަކާ އޮފާތައް ބާއްވަމުންނެވެ. އެ ގޮތުން މި އަހަރު އަޟްހާ އީދު ދުވަހާ ގުޅިގެން އުރީދޫއިން ވަނީ 150 ރުފިޔާއަށް 100 ޖީބީ ޑޭޓާ، ފަސް ދުވަސް (120 ގަޑިއިރު) އަށް ޕްރީޕެއިޑް އަދި ޕޯސްޓްޕެއިޑް ކަސްޓަމަރުންނަށް އެކްޓިވޭޓް ކުރެވޭ ޕެކެއް ލޯންޗުކޮށްފައެވެ.

މިދިޔަ ރޯދަ މަހާ ގުޅުވައިގެން ވެސް އުރީދޫއިން ވަނީ ހާއްސަ ހަރަކާތްތަކެއް ކުރިއަށް ގެންގޮސް ނަސީބުވެރި ފަރާތްތަކަށް އިނާމު ހަވާލުކޮށްފައެވެ.