މިއަހަރުގެ އަމީރުލްހައްޖުގެ ގޮތުގައި ކަނޑައަޅުއްވާފައިވާ ނައިބު ރައީސް ފައިސަލް ނަސީމް ހައްޖުގެ މަތިވެރި އަޅުކަން ކުރުމަށް ފުރާ ވަޑައިގެންފިއެވެ.

1444 ވަނަ އަހަރުގެ ހައްޖުގެ މަތިވެރި އަދާކުރުމަށް ރާއްޖެއިން ދިޔަ ހައްޖާޖީންގެ އެންމެހައި ކަންތައްތައް ބެލެހެއްޓެވުމަށްޓަކައި، އަމީރުލްހައްޖުގެ ގޮތުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވަނީ ނައިބު ރައީސް ފައިސަލް ކަނޑައަޅުއްވާފައެވެ.

ރާއްޖެއިން ހައްޖަށްދާ ހުރިހާ ހައްޖުވެރިން މިހާރު މައްކާއަށް ގޮސްފައިވާއިރު ހުރިހާ ހައްޖުވެރިންގެ ހާލު ރަނގަޅު ކަމަށް ދިވެހި ހައްޖު ކޮމިޝަންއާ ހަވާލާދީ ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދު ވަނީ ވިދާޅުވެފައެވެ.

މިއަހަރު އެކި ގްރޫޕްތަކުން ހައްޖަށް މީހުން ގޮސްފައިވާ އަދަދު:

  • މޯލްޑިވްސް ހައްޖު ކޯޕަރޭޝަން ލިމިޓެޑްއިން 870 ހައްޖުވެރިން
  • ސިސިލްފަރު ހައްޖު އެންޑް އުމްރާ ގްރޫޕް ޕްރައިވެޓް ލިމިޓެޑްއިން 90 ހައްޖުވެރިން
  • އަލްމަނާސިކް ޕްރައިވެޓް ލިމިޓެޑްއިން 90 ހައްޖުވެރިން
  • އަލްހަރަމައިން ހައްޖު އެންޑް އުމްރާ ކޮމްޕެނީ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްއިން 90 ހައްޖުވެރިން

މިދިޔަ އަހަރު ރާއްޖެއަށް ލިބުނު 453 ކޯޓާއަށް ހައްޖުގެ އަޅުކަން އަދާ ކުރުމަށް ދިވެހިން ދިޔައެވެ. ހައްޖު ކޯޕަރޭޝަނާ ހަވާލުކޮށްގެން ކުރިއަށް ގެންދިޔަ ކޯޓާ ބެހުމުގައި 353 ޖާގަ ހާއްސަކުރީ، ހައްޖު ކޯޕަރޭޝަންގެ ކިއުގައި ތިބި މީހުންނަށެވެ. ބާކީ 100 ކޯޓާގައި ހައްޖަށް ގެންދާނެ މީހުން ކަނޑައެޅީ، ކުރިމަތިލި މީހުންގެ ތެރެއިން ޝަރުތު ފުރިހަމަވާ މީހުންގެ މެދުގައި އާންމުކޮށް ހުޅުވާލައިގެން ނެގި ގުރުއަތުންނެވެ.