އިންޑިއާގެ ބެންގަލޫރުގައި މިހާރު ކުރިއަށްދާ ސާފް ޗެމްޕިއަންޝިޕް މުބާރާތުގައި ރާއްޖޭއިން ކުޅުނު ފުރަތަމަ މެޗުގައި 2-0 އަކުން ބޫޓާން ބަލިކޮށްފިއެވެ.

ސްރީ ކަންޓީރާވާ ސްޓޭޑިއަމްގައި ކުޅުނު މިމެޗުގެ ފުރަތަމަ ލަނޑު ރާއްޖޭން ޖަހާފައިވަނީ މެޗުގެ 6 ވަނަ މިނެޓްގައި ލިބުނު ޕެނަލްޓީއަކުން މުހައްމަދު ހަމްޒާއެވެ.

އެއަށް ފަހު ދެޓީމުގެ ފަރާތުން ވެސް ހަމަހަމަ ކުޅުމެއް ފެނިގެން ދިޔަ އިރު މެޗުގައި ނުރައްކާތެރި ގިނަ ހަމަލާތައް އުފެއްދީ ބޫޓާނުންނެވެ. އަދި ރާއްޖޭގެ ކީޕަރު ވަނީ މުހިއްމު ތިން ސޭވްއެއްވެސް ކޮށްފައެވެ.

1-0ގެ ސްކޯލައިނުން ފުރަތަމަ ހާފް ނިމުނު އިރު ދެވަނަ ހާފްގެ ބޮޑު ބައިގައި ވެސް އޮތީ ހަމަ މި ސްކޯލައިނެވެ. ރާއްޖޭން މެޗުގައި ޖެހި ދެވަނަ ލަނޑު ކާމިޔާބުކުރީ މެޗުގެ 9 ވަނަ މިނެޓްގައި ނާއިޒެވެ.

މެޗުގެ އިތުރު ވަގުތުގައި ރާއްޖޭގެ ހަސަން ރާއިފް އަށް ވަނީ ދެ ރީނދޫ ކާޑު ދައްކާ ރަތް ކާޑެއް ދައްކާފައެވެ.

ލުބުނާން ވަނީ 2-0 އިން ބަންގްލަދޭޝް ބަލިކޮށްފައި/ފޮޓޯ: ސިޑިބަރި އެމްވީ

މިމެޗުން މޮޅުވެ ލިބުނު ތިން ޕޮއިންޓާއެކު ރާއްޖެ އޮތީ ލުބުނާނާއެކު ގްރޫޕް ބީގެ އެއްވަނައިގައެވެ. ލުބުނާން އެއްވަނައަށް އެރީ މިއަދު ހަވީރު ކުޅުނު ގްރޫޕް ބީގެ އަނެއް މެޗުގައި 2-0 އިން ބަންގްލަދޭޝް ބަލިކޮށްގެންނެވެ.

ރާއްޖެ ދެން ކުޅެން ޖެހޭނީ ބަންގްލަދޭޝްއާއެވެ. އަންނަ އާދިއްތަ ދުވަހުގެ ކުޅޭ މިމެޗުން މޮޅުވެގެން ރާއްޖެއަށް މުބާރާތުގެ ސެމީ ފައިނަލުން ޖާގައެއް ގާތްގަނޑަކަށް ކަށަވަރުވާނެއެވެ.

ދެން މިމުބާރާތުގެ މެޗުތައް އޮންނާނީ އަންނަ ހޮނިހިރު ދުވަހުއެވެ. މިގޮތުން ޕާކިސްތާނު ކުވައިތާ ދެކޮޅަށް ކުޅޭ އިރު އިންޑިއާ ނިކުންނާނީ 2021 ވަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕްގެ ފައިނަލްގައި އެގައުމުން ބަލިކުރި ނޭޕާލްއާ ދެކޮޅަށެވެ.