އެމްޑީޕީގެ ކުރިމަގާމެދު މަޖިލީހުގެ ނައިބު ރައީސް އަދި ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ އުފެއްދެވި ސުވާލަށް އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް ރައްދު ދެއްވައިފިއެވެ.

މިއަދުގެ މަޖިލީހުގެ ޖަލްސާގައި އީވާ ވިދާޅުވީ ކާށިދޫ ދާއިރާ އަބްދުﷲ ޖާބިރު އެމްޑީޕީ ބައްލަވައިގަންނާނީ ހިލޭ ކަމެއް ނުވަތަ ކޮންމެވެސް ވަރެއްގެ ފައިސާ ފޮއްޗަކަށް ކަމެއް އެނގިވަޑައިނުގެންނެވި ނަމަވެސް އެނގިވަޑައިގަންނަވަނީ ޑީއާރުޕީއަށް ވީހެން އަންނަ އަހަރު މި ދުވަހު އެމްޑީޕީގެ ވެރިއެއްގެ ގޮތުގައި ހުންނަވާނީ ޖާބިރު ކަމެވެ.

އީވާ ވިދާޅުވީ ދެވަނަ ދައުރުގެ ވާހަކަ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ދައްކަވާނެ ކަމެއް ނެތް ކަމަށާއި ފެށި އިރުވެސް ތާއީދެއް ނެތް ކަމަށެވެ. އަދި އޮތް ޕާޓީވެސް ބައިބައިވީ ކަމަށާއި ދެން އެއްވަނަ ބުރެއްވެސް ދެވަނަ ބުރެއްވެސް ނެތްކަމަށް އީވާ ވިދާޅުވިއެވެ.

ހަމަ އެކަނި ރައީސް ސޯލިހު ގެންގުޅުއްވާ އެއްޗަކީ ފައިސާ ކަމަށާއި މަޖިލީހުގެ 15 މެންބަރުން ވަކިވުމުން ބަލިވާ އަތަށް އަޅާލުމުން ފައިސާ ބޮނޑި ބޮނޑިއަށް ބަހަން ދޭ މީހުންތައްވެސް އެ ފައިސާ ބަހަން ދެން ނޫޅޭނެ ކަމަށް އީވާ ވިދާޅުވިއެވެ. އަދި އެ މީހުން ބަލާނީ ދެން އަމިއްލައަށް "ބައްކޮށްފައި ބެޗޭތޯ" ކަމަށް އީވާ ވަނީ ވިދާޅުވެފައެވެ.

އީވާ ވިދާޅުވީ ރައީސް ސޯލިހުވެސް ވެސް "ބަޗާނެ" ކަމަށާއި މަގުމަތިވާނީ ފަހަތުން އުޅޭ މީހުން ކަމަށެވެ. އަދި ދެން އަންނަ ވެރިކަމެއްގައި ހިޔާނާތްތަށް ފަޅައަރައިގެން ޖަލަށް ދާންވެސް ޖެހޭނީ ފަހަތުން އުޅޭ މީހުން ކަމަށާއި ރައީސް ސޯލިހު އިންނަވާނީ ފައިސާ ފޮއްޓާއެއްކޮށް ސިންގަޕޫރުގައި ނޫނީ ލަންކާގައި ކަމަށް އީވާ ވިދާޅުވިއެވެ.

އީވާ އިތުރަށް ވިދާޅުވީ މި ވެރިކަން ބަދަލުކުރުމަށް އިއްތިހާދުވާން ޖެހުނު ބަޔަކާއެކު އިއްތިހާދުވާން ތައްޔާރަށް ތިބި ކަމަށެވެ.

އީވާގެ އެ ވާހަކަތަކަށް ރައްދުދެއްވާ ފައްޔާޒު ވިދާޅުވީ އެމްޑީޕީން، އެ ޕާޓީއާ ގުޅެން ހުރި ކޮންމެ މީހަކަށް ވެސް މަރުހަބާ ކިޔާނެ ކަމަށެވެ. އަދި ކޮންމެ ރަށެއްގެ، ކޮންމެ އާއިލާއަކުން އައި މީހެއް ނަމަވެސް އެމީހަކަށް އެންމެ މަތީ މަގާމާ ހަމައަށް ވާސިލް ވެވޭނެ ކަމަށާއި އެ މަގަށް އެމްޑީޕީއިން މަސައްކަތް ކުރާނެ ކަމަށް ވެސް ފައްޔާޒު ވިދާޅުވިއެވެ.

ފައްޔާޒު ވަނީ ޖާބިރު އެމްޑީޕީއާ ގުޅިވަޑައިގެންނެވުމަށް ދައުވަތުދެއްވާ، ޖެން-ޒީ އޮތީ ޖާބިރާއެކު ކަމަށް ވިދާޅުވެފައެވެ. ޖެން-ޒެޑް ބޭނުން ކުރަނީ ޒުވާނުންގެ ސަޕޯޓް އޮތްކަމަށް ދޭހަކޮށްދޭ ބުނެމެއްގެ ގޮތުގައެވެ.