ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ދައުލަތުން ހަމަޖައްސައިދެއްވާފައިވާ ރަސްމީ ގެކޮޅު "މުރައިދޫގެ" އިން މިއަންނަ ހޯމަ ދުވަހު ނިކުންނަވާނެ ކަމަށް އިއުލާނުކުރައްވައިފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ ޗީފް އެގްޒަކަޓިވް، އަހްމަދު މައުސޫމް އެ މަޖިލީހުގެ އަމީން އާންމަށް ފޮނުއްވި ސިޓީގައި ވިދާޅުވީ ރައީސް ނަޝީދު ނިސްބަތްވެވަޑައިގަންނަވާ އެމްޑީޕީގެ ގިނަ މެންބަރުންތަކެއް ސޮއިކުރައްވާ އެމަނިކުފާނުގެ މައްޗަށް އިތުބާރު ނެތްކަމުގެ މައްސަލައެއް މި މަހުގެ 7 ވަނަ ދުވަހު މަޖިލީހަށް ހުށަހަޅާފަވާތީ އެ މައްސަލައިގެ ނޯޓިސް ރައީސް ނަޝީދަށް ލިބިވަޑައިގެންފައިވާ ކަމަށެވެ.
އެ ހާލާތާއި ގުޅިގެން ފޮނުއްވާފައިވާ ނޯޓިންގައި ދީފައިވާ 14 ދުވަހުގެ މުއްދަތު ހަމަވާ ތާރީހަކީ މި އަންނަ ހޯމަ ދުވަސްކަން ފާހަގަކުރައްވާ އެ ސިޓީގައި ވިދާޅުވެފައިވަނީ މަޖިލިސްގެ ރައީސް ހުންނަވާ ރަސްމީގެ (މ. މުރައިދޫ) އިން ގ. ބޭރުވެލިއަށް މި އަންނަ ހޯމަ ދުވަހު ބަދަލުވެ ވަޑައިގަންނަވާނެ ކަމަށް ދަންނަވަން ނަޝީދު ވިދާޅުވެފައިވާ ކަމަށެވެ.
އެ ސިޓީގައި އިތުރަށް ވަނީ އެކަމާ ގުޅިގެން އަންގަންޖެހޭ ދައުލަތުގެ ފަރާތްތަކަށްވެސް އަންގައިދިނުމަށް ދެއްވުމަށް އެދިވަޑައިގެންފައެވެ.
ރައީސް ނަޝީދު ވަނީ އެމަނިކުފާނު ނިސްބަތްވެވަޑައިގަންނަވާ އެމްޑީޕީއިން އިއްޔެ ވަކިވެވަޑައިގަންނަވާފައެވެ.
ރައީސް ނަޝީދު މީގެ ކުރިން ވެސް ވިދާޅުވީ އިތުބާރު ނެތްކަމުގެ މައްސަލައިގެ ނޯޓިސް ހަމަވާ ދުވަހު ރައްޔިތުންގެ މަޖިލީހުގެ ރައީސްއަށް ދައުލަތުން ހަމަޖައްސައި ދީފައިވާ ރަސްމީ ގެކޮޅު "މުރައިދޫގެ" އިން ނުކުމެވަޑައިގަންނަވާނެ ކަމަށެވެ.