އެމްއެމްޕީއާރުސީގެ ހިޔާނާތާ ގުޅިގެން ކުރީގެ ޑިފެންސް މިނިސްޓަރު އަދި މަޖިލީހުގެ ދަގެނތީގެ ދާއިރާގެ މެންބަރު މުހައްމަދު ނާޒިމް އޭސީސީއަށް ހާޒިރު ކުރީ، ތާއީދު ގެއްލުވާލަން، ބައެއްގެ ނުފޫޒުން ކަމަށް ނާޒިމް ވިދާޅުވެއްޖެއެވެ.
އޭސީސީން ތަހުގީގު ކުރަމުން އަންނަ އެމްއެމްޕީއާރުސީގެ ހިޔާނާތާ ގުޅޭ ގޮތުން މިދިޔަ އަންގާރަ އަދި ބުދަ ދުވަހު ނާޒިމް ކޮމިޝަނަށް ހާޒިރުކުރިއެވެ.
އެކަމާ ގުޅިގެން ނާޒިމް ނެރުއްވި ބަޔާނެއަގައި ވިދާޅުވީ، މީގެ 9 އަހަރު ކުރިން ހިނގާފައިވާ ކަމަށް ބުނާ މައްސަލައެއްގައި އޭނާ އޭސީސީއަށް ހާޒިރުކުރީ، ސިޔާސީ ގޮތުން ކުރަމުން އަންނަ މަސައްކަތް ރައްޔިތުން ބަލައިގަންނަމުންދާތީ، އޭނާގެ އަގުވައްޓާލައި އަދި ރައްޔިތުން ކުރަމުން އަންނަ އިތުބާރާއި ތާއީދު ގެއްލުވާލުމުގެ ނިޔަތުގައި ސިޔާސީ ފަރާތްތަކެއްގެ ނުފޫޒުން ކަމަށް ދެކޭ ކަމަށެވެ.
ނާޒިމް ވިދާޅުވީ، އޭނާއަކީ 30 އަހަރަށްވުރެ ގިނަ ދުވަހު އެކި ފެންވަރުގެ މަގާމުތަކުގައި ދިވެހި ދައުލަތަށް ހިދުމަތްކޮށްފައިވާ މީހަކަށްވާއިރު، މިހާ ހިސާބަށް އައިއިރު، ހިޔާނާތުގެ ނުވަތަ ފައިސާގެ މައްސަލައެއް ދުވަހަކުވެސް ޖެހިފައިނުވާއިރު، މިނިވަން މުއައްސަސާތައް މެދުވެރިކޮށް ސަރުކާރުން ހިންގަވާ މިފަދަ އަމަލުތަކަކީ ދިވެހި ރައްޔިތުން ވެސް ގަބޫލުކުރާނޭ ކަމެއް ނޫން ކަމަށެވެ.
ދިވެހި ދައުލަތުގެ ކަންކަން މިއަދު ހިނގަމުންދާ ގޮތުން، މިނިވަން މުއައްސަސާތަކަށް ގާނޫނުއަސާސީގައި ބުނާ ގޮތަށް މިނިވަންކަމާއެކު މަސައްކަތްކުރުމުގެ ފުރުސަތު ގެއްލި، އެކޮމިޝަންތަކުން ކުރަމުންދާ މަސައްކަތްތަކަށް ސަރުކާރުން ނުފޫޒު ފޯރުވަމުންދާކަމީ ނިހާޔަތަށް ކަންބޮޑުވާ ކަމެއް ކަމަށް ނާޒިމް ވިދާޅުވިއެވެ.
މިނިވަން މުއައްސަސާތައް ބޭނުންކޮށްގެން، ރިޔާސީ ކެންޑިޑޭޓުންނަށް ބިރުދެއްކުމަށް ސަރުކާރުން ފަހަތުގައި އޮވެގެން ކުރާ މިފަދަ ފިނޑި އަމަލުތައް ބަލައެއް ނުގަންނަ ކަމަށް ނާޒިމް ވިދާޅުވިއެވެ.
އެހެންކަމުން، މިއަހަރުގެ ރިޔާސީ އިންތިހާބަށް ނުފޫޒުފޯރުވުމަށް ސަރުކާރުން ކުރަވުންގެންދާ މަސައްކަތްތައް ހުއްޓާލާ، މިނިވަން އިންތިހާބަކަށް ޖާގަ ދިނުމަށް ނާޒިމް ވަނީ ސަރުކާރަށް ގޮވާލައްވާފައެވެ. އަދި އެންޓި-ކޮރަފްޝަން ކޮމިޝަންފަދަ ދައުލަތުގެ މިނިވަން މުއައްސަސާތައް ސިޔާސީ ނުފޫޒުން އެއްކިބާވެ، އެފަރާތްތަކުގެ ގާނޫނީ ޒިންމާ އަދާ ކުރުމަށް ވެސް ނާޒިމް ވަނީ އިލްތިމާސްކުރައްވާފައެވެ.