ރައްޔިތުން މަޖިލީހުގެ މާލިއްޔަތު ކޮމިޓީގެ މުގައްރިރަކަށް ކިނބިދޫ ދާއިރާގެ މެންބަރު މުހައްމަދު ނާޝިޒް އިންނަވާތީ ނައިފަރު ދާއިރާ މެންބަރު އަދި އިދިކޮޅު ޕީޕީއެމްގެ ނައިބު ރައީސް އަހުމަދު ޝިޔާމް ފާޑުވިދާޅުވެއްޖެއެވެ.

މިއަދު މަޖިލީހުގައި ކުރިއަށްދާ ޖަލްސާގައި އެޖެންޑާ ކޮށްފައި ވަނީ މަޖިލީހުގެ ދާއިމީ ކޮމިޓީތަކުގައި ސިޔާސީ ޕާޓީތަކާއި އަމިއްލަ މެންބަރުން ތަމްސީލު ކުރައްވާނެ ނިސްބަތަށް ގެނެވޭ ބަދަލާ މެދު ބަހުސްކޮށް، އިސްލާހު ހުށަހެޅުއްވުމަށް މެންބަރުންނަށް މުއްދަތެއް ދިނުމަށް ފަހު، ހުށަހަޅުއްވާ އިސްލާހުތަކަށް ވޯޓަށް އެހުމެވެ.

އެ މައްސަލާގައި ބަހުސްގައި ޝިޔާމް ވިދާޅުވީ މަޖިލީހުގެ ކޮމިޓީތައް އެކުލަވާލުމުގެ ގޮތުން ވޭތުވެދިޔަ ދުވަސްތަކުގައި މެޖޯރިޓީ ޕާޓީއާއެކު ކުރި މަޝްވަރާތަކުން އެނގެވަޑައިގެންނަވީ މެޖޯރިޓީ ޕާޓީގެ ހުދުމުހުތާރުކަން ކަމަށެވެ. އަދި ހާއްސަ ކޮށް މެޖޯރިޓީ ލީޑަރުގެ ހުދުމުހުތާރުކަން އެކަމުގައި އޮތް ކަމަށް ޝިޔާމް ވިދާޅުވިއެވެ.

ޝިޔާމް ވިދާޅުވީ އެ ބޭފުޅުން ދެކެވަޑައިގަންނަވާ ގޮތުގައި މާލިއްޔަތު ކޮމިޓީގައި އިންނަވަން ޖެހިވަޑައިގަންނަވަނީ ރައީސްގެ ކެމްޕެއިން މެނޭޖަރު ކަމަށެވެ.

"މިތަނުގެ މާލިއްޔަތު ކޮމިޓީގައި އިންނަވަން މި ޖެހެނީ ރައީސްގެ ކެމްޕެއިން މެނޭޖަރު. ރިޔާސީ ކެނޑިޑޭޓުގެ ކެމްޕެއިން މެނޭޖަރު. އެ ކޮމިޓީގެ މުގައްރިރަކަށް އިންނަން ޖެހެނީ"
ޝިޔާމް

ޝިޔާމް ވިދާޅުވީ މެޖޯރިޓީ ޕާޓީއިން ދެކޭ ގޮތުގައި ދިވެހި ރާއްޖޭގެ މިނިވަން މުވައްސަސާތައް ބަލަހައްޓާ ކޮމިޓީގެ މުގައްރިރަކަށް އިންނަން ޖެހިވަޑައިގަންވަނީ މާލިއްޔަތު ކޮމިޓީގެ މުގައްރިރު ނާޝިޒްގެ އަނބިކަނބަލުން، ހުޅުދޫ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް ކަމަށެވެ. މިކަން މިހެން ހުރި އިރުވެސް ބުނަނީ 'އެއީ ޑިމޮކްރަސީ އޭ' ކަމަށް ވިދާޅުވެ ޝިޔާމް ވަނީ ފާޑުވިދާޅުވެފައެވެ.

"މީ ޑިމޮކްރަސީ. އެކަމަކު ވެސް ޑިމޮކްރަސީ"
ޝިޔާމް

އެއްވެސް ވަރަކަށް ދޫދެއްވާކަށް އެ ބޭފުޅުން ބޭނުން ނުވާ ކަމަށާއި މައިނޯރިޓީއަށް ލިބޭ ސްލޮޓްތައްވެސް ދެއްވުމުގެ ވިސްނުމެއް ނުގެއްގުޅުއްވާ ކަމަށް ޝިޔާމް ވިދާޅުވިއެވެ.

ޝިޔާމް އިތުރަށް ވިދާޅުވީ މަޖިލިސް މަރުތަޅު އަޅުވައިގެން ކުރައްވާ ކަމަކީ މިނިވަން މުވައްސަސާތަކަށް ނުފޫޒު ފޯރުވުން ކަމަށާއި ޖޭއެސްސީ މެދުވެރިކޮށް ކޯޓުތަކަށް ނުފޫޒު ފޯރުވާ ކަމަށްވެ. އަދި ރައީސް އަބްދުﷲ ޔާމީންގެ މައްސަލަ ބައްލަވާ ފަނޑިޔާރުންނަށް ނުފޫޒު ފޯރުވާ ކަމަށް ޝިޔާމް ވަނީ ތުހުމަތު ކުރައްވާފައެވެ.