މަސައްކަތްތައް ހުއްޓިފައިވާ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ އެއް މާދަމާ އަށް ތާވަލު ކޮށްފިއެވެ.

މިދިޔަ ދެ ދުވަހު މަޖިލީހުގެ ޖަލްސާ ނުބޭއްވި ދިޔައީ، ހޯމަ ދުވަހުގެ ޖަލްސާ އަށް ފަހު ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ، މި ދައުރުގައި ދެން ޖަލްސާތައް ދެން ކުރިއަކަށް ނުދާނެ ކަމަށެވެ.

ހޯމަ ދުވަހުގެ ޖަލްސާ އަށް ފަހު ނަޝީދު އެހެން ވިދާޅުވީ، އެމަނިކުފާނު ރިޔާސަތުގައި އިންނަވަން އުޒުރުވެރިވެ ވަޑައިގަންނަވާ ހާލަތުގައި ރިޔާސަތު ބަލަހައްޓަވަން ކަނޑައަޅާފައިވާ ވިލުފުށި ދާއިރާގެ މެންބަރު ހަސަން އަފީފް ވިދިވިދިގެން ތިން ޖަލްސާގެ ރިޔާސަތު ބަލަހައްޓަވާފައި ވާތީއެވެ.

މަޖިލީހުގެ ގަވައިދު ބުނާ ގޮތުން، ޖަލްސާގެ ރިޔާސަތު ބަލަހައްޓަވަން މަޖިލީހުގެ ރައީސް އުޒުރުވެރިވެ ވަޑައިގަންނަވާ ހާލަތުގައި ރިޔާސަތު ބަލަހައްޓަން ކަނޑައަޅާ މެންބަރަކަށް ރިޔާސަތު ބެލެހެއްޓޭނީ ވިދިވިދިގެން ތިން ޖަލްސާގެއެވެ.

މިއަދު މަޖިލީހުގެ ވެބްސައިޓުގައި އާންމުކޮށްފައިވާ އެޖެންޑާގައިވާ ގޮތުން، މާދަމާގެ ޖަލްސާ އަށް އެޖެންޑާކޮށްފައި ވަނީ އެންމެ މަސައްކަތެކެވެ. އެއީ މަޖިލީހުގެ ދާއިމީ ކޮމިޓީތަކުގައި ސިޔާސީ ޕާޓީތަކާއި އަމިއްލަ މެންބަރުން ތަމްސީލުކުރައްވާނެ ނިސްބަތަށް ގެނެވޭ ބަދަލާ މެދު ބަހުސްކޮށް، އިސްލާހު ހުށަހެޅުއްވުމަށް މެންބަރުންނަށް މުއްދަތެއް ދިނުމަށް ފަހު، ހުށަހަޅުއްވާ އިސްލާހުތަކަށް ވޯޓަށް އެހުމެވެ.

އެޖެންޑާގައިވާ ގޮތުން، ދާއިމީ ކޮމިޓީތަކުގައި މެންބަރުން ތަމްސީލުކުރައްވާނެ ގޮތާ މެދު ގޮތެއް ނިންމުން އޮންނާނީ މާދަމާގެ ފަހުން ބާއްވާ ޖަލްސާއެއްގައެވެ. އެހެންކަމުން، ކޮމިޓީތަކުގައި މެންބަރުން ތަމްސީލުކުރައްވާނެ ގޮތާ މެދު ގޮތެއް ނިންމާނީ ބެލެވޭ ގޮތުގައި، ތިންވަނަ ދައުރުގެ ފުރަތަމަ ޖަލްސާގައެވެ. ނަމަވެސް މެންބަރުން އެދޭ ނަމަ، ވޯޓަށް އަހައިގެން ދައުރު ދިގު ދެންމުމުގެ ފުރުސަތު އެބައޮތެވެ.

އަފީފް ވިދިވިދިގެން ތިން ދުވަހު ރިޔާސަތު ބަލަހައްޓަވާފައި ވުމާއި، މަޖިލިހަށް ހުށަހެޅިފައިވާ އިތުބާރު ނެތް ކަމުގެ މައްސަލައިގެ ސަބަބުން ނަޝީދާއި މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ މަޖިލީހުގެ ރިޔާސަތު ބަލަހައްޓަވަން އުޒުރުވެރިވެވަޑައިގަންނަވާތީ، މާދަމާގެ ޖަލްސާގެ ރިޔާސަތު ބަލަހައްޓާނީ ކޮން ބޭފުޅެއްކަން އަދި ސާފެއްނޫނެވެ. މަޖިލީހުގެ ކޮމިއުނިކޭޝަންސް ޑިރެކްޓަރު ހަސަން ޒިޔާއު ވިދާޅުވީ، ރިޔާސަތު ބަލަހައްޓަވާނެ ބޭފުޅަކު މާދަމާގެ ޖަލްސާ ފެށުމުގެ ކުރިން އަމީންއާންމު އިއުލާނު ކުރައްވާނެ ކަމަށެވެ.