އިންޑިއާގައި މިހާރު ކުރިއަށްދާ ސާފް ޗެމްޕިއަންސްޝިޕް 2023 މުބާރާތުގެ ދެވަނަ މެޗުގައި އެގައުމާ ޕާކިސްތާނު ވާދަކުރި މެޗު 4-0 އިން އިންޑިއާއިން ކާމިޔާބުކޮށްފިއެވެ.

މިމެޗުގައި އިންޑިއާއިން ޖެހި ހަތަރު ލަނޑުގެ ތެރެއިން 3 ލަނޑު އެޓީމަށް ޖަހާ ދީފައިވަނީ ކެޕްޓަން އަދި ތަޖުރިބާކާރު ފޯވަޑް ސުނިލް ޗެތްރީއެވެ.

ސުނިލް ޗެތްރީ ޕެނަލްޓިއެއް ޖަހަނީ/ފޮޓޯ: ޓުވިޓާ

މިގޮތުން މިމެޗުގައި ޗެތްރީ ޖެހި ފުރަތަމަ ލަނޑަކީ ޕާކިސްތާނުގެ ކީޕަރުގެ މިސްޓޭކަކުން އޭނާއަށް ލިބުނު ފުރުސަތެއް ކާމިޔާބުކޮށްގެން ޖެހި ލަނޑެކެވެ. ބެންގަލޯގެ ބަންގަބަންދު ސްޓޭޑިއަމްގައި ބޯ ވިއްސާރައިގައި ކުޅުނު މިމެޗުގެ ފުރަތަމަ ލަނޑު ޗެތްރީ ޖެހީ މެޗުގެ 10 ވަނަ މިނެޓްގައެވެ.

ދެން ވެސް މިމެޗުގައި ލަނޑެއް ޖެހީ އިންޑިއާއިންނެވެ. އެއީ އެނގެ 5 ވަނަ މިނެޓްގައި އިންޑިއާއަށް ލިބުނު ޕެނަލްޓީއަކުން ޗެތްރީ ޖަހާ ދިން ލަނޑެކެވެ.

ދެ ޓީމުގެ ފަރާތުން ވެސް ގިނަ ފައުލްތަކެއް ފެނިގެން ދިޔަ މިމެޗުގެ ފުރަތަމަ ހާފްގައި މެޗުގެ ރެފްރީ ވަނީ އިންޑިއާގެ ކޯޗަށް ސީދާ ރަތް ކާޑެއް ދައްކާފައެވެ. އެއީ ޕާކިސްތާނަށް ލިބުނު އެއްލުމެއް އެޓީމުގެ ކުޅުންތެރިއެއް ނަގަން އުޅުމުން އެކަމަށް ހުރަސް އެޅުމުންނެވެ. މިއަށް ފަހު ދެ ޓީމުގެ ކުޅުންތެރިންގެ މެދުގައި ކުރިމަތިލުންތަކެއް ހިނގި އިރު ރެފްރީ ވަނީ ޕާކިސްތާނުގެ ކޯޗުގެ އިތުރުން އެޓީމުގެ އެހެން ކުޅުންތެރިއަކަށާއި އިންޑިއާގެ އެހެން ކުޅުންތެރިއަކަށް ރީނދޫ ކާޑު ދައްކާފައެވެ.

ދެވަނަ ހާފްގައި އިންޑިއާއިން ކުޅުން ވަރުގަދަ ކުރިއިރު އެޓީމުން ވަނީ ނުރައްކާތެރި ގިނަ ހަމަލާތަކެއް އުފައްދާފައެވެ. އަދި މެޗުގެ 74 ވަނަ މިނެޓްގައި ލިބުނު ޕެނަލްޓީއަކުން ޗެތްރީ ހެޓްރިކް ފުރިހަމަ ކުރި މެޗުގެ 81 ވަނަ މިނެޓްގައި ސިންގްހް ޖެހި ލަނޑާއެކު 4-0 ގެ ނަތީޖާ ކަށަވަރުވިއެވެ.

މިމެޗުގެ ބޮޑު ބައި ކުޅުނީ ބޯ ވިއްސާރައިގައި/ފޮޓޯ: ޓުވިޓާ

ޕާކިސްތާނުގެ މައްޗަށް ހޯދި ކާމިޔާބީއާއެކު އިންޑިއާ މިވަނީ ސާފް ޗެމްޕިއަންޝިޕް މުބާރާތުގެ ގްރޫޕް އޭގެ އެއްވަނަ އަށް އަރާފައެވެ. މި ގްރޫޕްގެ ދެވަނައިގައި އޮތީ މިއަދު ހަވީރު ނޭޕާލް 3-1 އިން ބަލިކުރި ކުވައިތެވެ. މުބާރާތުގެ ސެމީއަށްދާނީ ތިން މެޗު ކުޅެ އެންމެ ގިނަ ޕޮއިންޓް ހޯދާ ދެ ޓީމެވެ.

މި މުބާރާތުގެ ގްރޫޕް ބީގެ މެޗުތައް މާދަމާ ކުޅޭ އިރު މެންދުރު ފަހު 3 ޖަހާ އިރު ކުޅޭނީ ބަންގްލަދޭޝް އަދި ލުބުނާނެއެވެ. އަދި ރޭގަނޑު 7 ޖަހާ އިރު ރާއްޖޭ ނިކުންނީ ބޫޓާންއާ ދެކޮޅަށެވެ.