ޗައިނާގެ ރައީސް ޝީ ޖިންގް ޕިން އަކީ ޑިކްޓޭޓަރެއް ކަމަށް އެމެރިކާގެ ރައީސް ޖޯ ބައިޑަން ވިދާޅުވި މައްސަލަ ހޫނުވެ، ޗައިނާ ރުޅިއަތުވެއްޖެއެވެ.
ޗައިނާ އާ ގުޅުން ރަނގަޅު ކުރަން މީގެ ދެދުވަސް ކުރިން އެމެރިކާގެ ހާރިޖީ ވަޒީރު އެންތަނީ ބްލިންކެން ޗައިނާ އަށް ކުރެއްވި ދަތުރަށް 24 ގަޑި އިރު ނުވަނީސް ބައިޑަން ވަނީ ޗައިނާގެ ރައީސް އަކީ ޑިކްޓޭޓަރެއް ކަމަށް ވިދާޅުވެ މަލާމާތްވެސް ކުރައްވާފައެވެ.
ކެމްޕެއިން އަށް ފައިސާ އެއްކުރުމަށް ކެލިފޯނިއާގައި ބޭއްވި އިވެންޓެއްގައި ބައިޑަން ވިދާޅުވީ، އެމެރިކާ މައްޗަށް ދާދި ފަހުން އެރުވި ޗައިނާގެ ސްޕައި [ޖާސޫސީ] ބެލޫންތަކާ ގުޅިގެން ޝީ ލަދުގެންފައި ހުންނެވި ކަމަށެވެ.
ޗައިނާ އާ މެދު އެމެރިކާއިން ގެންގުޅޭ ސިޔާސަތު އެކި ފަހަރު އެކި މިންވަރަށް ހަރުކަށި ކޮށް، ބަހުގެ ހަމަލާތައް ދޭއިރު، ކުރިއަށް އޮތް ރިޔާސީ އިންތިހާބުގެ ކެމްޕެއިންގައި ދައްކާ ސިޔާސީ އެއްވާހަކައަކަށް ޗައިނާގެ ވާހަކަ ވަނީ ހިމެނިގެން ގޮސްފައެވެ. އެ އިންތިހާބުގައި ވާދަކުރާ އެކި އެކި ކެންޑިޑޭޓުން ޗައިނާ އާ މެދު ހަރުކަށި އިބާރާތްތައް ބޭނުން ކޮށް ފާޑު ކިޔާ އިރު، ބައިޑަންގެ ކެމްޕެއިންގައި ޗައިނާ އަށް ފާޑު ވިދާޅުވާލެއް ކުޑަކަމުން ރިޕަބްލިކަން ޕާޓީއަށް ނިސްބަތްވާ ގާނޫނު ހަދާ މަޖިލީހުގެ ބައެއް މެންބަރުން ގެންދަވަނީ ބައިޑަން އަށް ފާޑުވިދާޅުވަމުންނެވެ.
މިކަމާ ގުޅިގެން މިއަދު ރައްދު ދެމުން ޗައިނާގެ ފޮރިން މިނިސްޓްރީގެ ތަރުޖަމާން މައޯ ނިންގް ވިދާޅުވީ، ބައިޑަންގެ ކޮމެންޓަކީ ބައިނަލްއަގުވާމީ ދޭދޭ ގުޅުންތަކާވެސް މުޅިން ހިލާފު ކަނޑައެޅިގެން ދޮގުގެ މައްޗަށް ދެއްކެވި ވާހަކައެއް ކަމަށެވެ. އަދި އެއީ ޗައިނާގެ އަގު ވައްޓާލައި، ޗައިނާގެ ނަން ކިލަނބު ކޮށްލުމުގެ ބޭނުމުގައި ދެއްކެވި ވާހަކައެއް ކަމަށެވެ.
އެއާ އެކު އޭނާ ވިދާޅުވީ، ހަގީގަތުގައި ވެސް ބެއިޖިން [ޗައިނާގެ ވެރިރަށް] އޮތީ ވަރަށް ރުޅިއައިސްފައި ކަމަށެވެ.
އަދި އެއީ ޗައިނާއާ ގުޅުން ރަނގަޅު ކުރުމަށް އެމެރިކާއިން ދައްކާ ވާހަކައަށް އަސަރު ކުރާނެ ކަމެއް ކަމަށާއި މިހާރުވެސް ގުޅުން ހީނަރުވެފައިވާ ދެގައުމުގެ ގުޅުން އިތުރަށް ހީނަރުވެ ކުރިއަށް ތާވަލު ކޮށްފައި ވާ ދެގައުމުގެ ރައީސުންގެ ބައްދަލުވުމަށްވެސް އަސަރު ކުރާނެ ކަމަށެވެ.
ޝީ މިހާރު ފުރުއްވަމުން ގެންދަވަނީ 3 ވަނަ ދައުރެވެ. އެއީ ޗައިނާގައި މިވަގުތު ހުންނެވި އެންމެ ނުފޫޒު ގަދަ ލީޑަރަށް ވާ އިރު ބައިޑަންގެ މިވާހަތަކާ ގުޅިގެން މަޝްރަހަށް އަންނާނެ ބަދަލުތައް އަންދާޒާ ކުރަން އަދި އަވަސް ކަމަށް މުރާސިލުން ބުނެއެވެ.