އެމްޕީއެލްއިން ފުރަތަމަ ފަހަރަށް 50 މިލިއަން ރުފިޔާގެ ބޮންޑު މަސް ދުވަސް ތެރޭގައި ވިއްކައިފިއެވެ.
އެމްޕީއެލްއިން ފުރަތަމަ ފަހަރަށް ޕްރައިވެޓް މާކެޓްގައި ވިއްކަން ހުޅުވާލީ 200 މިލިއަން ރުފިޔާގެ ބޮންޑެވެ. މިގޮތުން ފުރަތަމަ ހުޅުވާލި ބޮންޑު ބައި މަސް ދުވަސް ތެރޭގައި ވިކިފައިވާ ކަމަށް އެމްޕީއެލްއިން ބުނެއެވެ.
ހަތް އަހަރުގެ ތެރޭގައި އަނބުރާ ދައްކަން ޖެހޭ މި ބޮންޑު ވިއްކި އެމްޕީއެލްގެ ލީޑް އޭޖެންޓް ފަސްޓް ނޭޝަނަލުން ބުނީ، ފުރަތަމަ ޓްރާންޗްގެ ގޮތުގައި 50 މިލިއަން ރުފިޔާ ހޯދުމަށް ހުޅުވާލުމާ އެކު ރާއްޖޭގެ ބޮޑެތި އިންސްޓިޓިއުޝަނަލް އިންވެސްޓަރުންނާއި އާންމު ރީޓެއިލް އިންވެސްޓަރުންގެ ބޮޑު ތަރުހީބެއް ލިބިފައިވާ ކަމަށެވެ.
އެ ކުންފުނީގެ އަމާޒަކީ ޖުލައި ފަހު ކޮޅު އަނެއްކާ ވެސް އިތުރު 50 މިލިއަން ރުފިޔާގެ ބޮންޑު ވިއްކަން ހުޅުވާލުން ކަމަށް އެމްޕީއެލްއިން ވަނީ ބުނެފައެވެ.
އެމްޕީއެލްއިން ބޮންޑުގެ ފުރަތަމަ ޓްރާންޗް ހުޅުވާލާފައި ވަނީ މިދިޔަ މެއި މަހުގެ 11ވަނަ ދުވަހުގައެވެ. ފުރަތަމަ ޓްރާންޗު އޯވަސަބްސްކްރައިބު ވުމުން މިމަހުގެ 19 ވަނަ ދުވަހުގައި ވަނީ އެ ބޮންޑަށް އިންވެސްޓް ކުރުމުގެ ފުރުސަތު ބަންދު ކޮށްފައެވެ.
އެމްޕީއެލްއިން ބޮންޑު ވިއްކަން ހުޅުވާލީ، އެ ކުންފުނިން ކުރިއަށް ގެންދާ ޕޯޓްގެ މަސައްކަތްތަށް އިތުރަށް ފުޅާކުރުމަށް ފައިސާ ހޯދުމަށެވެ.